ޢާއިޝަތު ރަފާޙް ޢަލީ
· ނުރައްކަލެއްގެ ތެރޭގައި:
ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 54 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَمَكَرُوا۟ وَمَكَرَ ٱللَّهُ وَٱللَّهُ خَيْرُ ٱلْمَٰكِرِينَ ﴿٥٤﴾
މާނައީ: "އެއުރެން (އެބަހީ: كافر ވި މީހުން) މަކަރުވެރި ނުބައި ރޭވުންތައް ރޭވިއެވެ. اللَّه، (އެއުރެންގެ ރޭވުންތައް باطل ކުރައްވައި، އެއުރެންނަށް ކެހިލިބޭނެގޮތަށް) تدبير ކުރެއްވިއެވެ. اللَّه އީ، މަކަރުވެރިންނަށްވުރެ تدبير ކުރެއްވުން މޮޅު ރަސްކަލާނގެއެވެ. (54)"
އަޅުގަނޑުމެން އަބަދުވެސް ނަމޫނާއަކަށް ބަލަންވީ ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ކަންކަން ކުރެއްވި ގޮތެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަށް މައްކާގެ މުޝްރިކުން ދުއްތުރާކުރި ނަމަވެސް އެކަލޭގެފާނު ކެތްތެރިވެވަޑައިގެން ﷲ ތަޢާލާއަށް ދެންނެވިއެވެ.
މީގެ އިތުރުން ހިތާމަވެރިކަން ކުރިމަތިވާ ވަޤުތު ނަބިއްޔާ صلى الله عليه وسلم މިފަދައިން ވިދާޅުވާކަމުގައިވެއެވެ.
لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ.
لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ.
لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ رَبُّ الْعَرْشِ الْكَرِيمِ.
މާނައީ: “މަތިވެރިވެ ޙިލްމުވެރިވެވޮޑިގެންވާ ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.
މަތިވެރި ޢަރުޝުގެ ވެރި ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.
އުޑުތަކުގެ ވެރި ރައްބު، ބިމުގެ ވެރި ރައްބު އަދި މާތް ޢަރުޝުގެ ވެރި ރައްބުކަމުގައިވާ ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ."
އަދި ހިތާމައެއް ކުރިމަތިވުމުން ކެތްތެރިވުމާއި، ﷲ ތަޢާލާއަށް ދެންނެވުމުގައި ވަގުތު ހޭދަކުރުން ވެސް އަޅުގަނޑުމެންނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅަށް ބަލާލުމުން ދަސްވެގެންދެއެވެ. އަދި ހިތާމައެއް ކުރިމަތިވުމުން އެއީ އިމްތިޙާނެއްކަމަށް ޤަބޫލުކޮށްގެން އެކަމަށް ކެތްތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
ﷲ ތަޢާލާ ޢަންކަބޫތު ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ ﴿٢﴾
މާނައީ: "މީސްތަކުން ތިމަންމެން إيمان ވެއްޖައީމުއޭ ބުނުމުން، އެއުރެން امتحان ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟ (2)"