ދިރިއުޅުމުގެ ކޮންމެ ދުވަހަކު ކަންކަން ކުރިމަތިވާނީ އެއްގޮތަކަށް ނޫނެވެ. ތަފާތު ދަތިތަކާއި އަބަދުހެން ކުރިމަތިލާން ޖެހޭނެއެވެ. އެއިގެ ތެރެއިންވެސް އެންމެ ބޮޑަށް ކަންބޮޑުވާންޖެހޭނެ ދަތިކަމަކީ މާލީ ދަތިތަކެވެ. ޚަރަދުކުރަން ބޭނުންވާ ވަރަށް ފައިސާ ނުލިބުމުގެ މައްސަލަތަކެވެ.
މާލީ ދަތިތަކާއި ގުޅިގެން މިގޮތަށް ވިސްނާށެވެ! ދަތި ޙާލުގައި ދުވަސްތައް ހޭދަކުރަން ޖެހިފައިވާނަމަ ކުރިއަށް އޮތް ދުވަސްތަކަށް ބަލާށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ހެޔޮ ބަދަލެއް ގެނެސްދެއްވަވާނެކަމަށް ޔަޤީންކޮށްގެން ހުރެ އެކަމަށް އެދިގެން މަސައްކަތްކުރަމުން ގެންދާށެވެ.
ފެންނަންހުރި ހުރިހާ ފޮތްތަކެއް ބަލައި ކިޔާށެވެ! ބައިބަލްވިޔަސް ކީރިތި ޤުރްއާނުންވެސް ބެލި ނަމަވެސް އަބަދުވެސް ފެންނަން އޮންނާނީ ކޮންމެ މުޞީބާތަކަށްފަހު އުފާވެރިކަން މިންވަރުކޮށް ދެއްވެވި ކަމެވެ. ޔޫސުފްގެފާނުގެ ސިޔަރަތު ބަލާށެވެ! 7 އަހަރު ބޮޑެތި މުޞިބާތުގައި އުޅުއްވަން ޖެހިވަޑައިގެންނެވިއެވެ. ނަމަވެސް އެކަން ދާއިމަށް ދެމި އޮތް ހެއްޔެވެ؟ މޫސާގެފާނާއި އެހެންވެސް ރަސޫލްބޭކަލުންގެ ސިޔަރަތުން ފެންނާނީ ހަމަ މިބުނިފަދަ ކަންކަމެވެ.
އެންމެ މުހިންމު ކަމަކީ ނިޢްމަތްތައް މިންވަރުކުރެއްވެވުމުން ޝުކުރުވެރިވުމެވެ. ދަތިޙާލަށްފަހު ތަނަވަސްކަން ދެއްވެވުމުން ޝުކުރުވެރިވުމަކީ ކުރާ އަޅުކަން ގިނަކުރުމެވެ. ﷲ ތަޢާލާގެ މަގުގައި ހޭދަކުރުން އިތުރުކުރުމެވެ.
ދަތިޙާލުގައި އުޅެނިކޮށް ނަމަވެސް ނުވަތަ ޢާންމު ޙާލުތައި އުޅެނިކޮށް ނަމަވެސް ﷲ ތަޢާލާ ނިޢްމަތެއް މިންވަރުކުރައްވަވައިފިނަމަ އެހިސާބުން އެކަން ނިންމައި ނުލާށެވެ! އެ ނިޢްމަތުގެ ބޭނުން ތިބާ ހިފާ ގޮތް ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވެއެވެ. ވީމާ ކިތަންމެ ކުޑަ ނިޢްމަތެއް މިންވަރު ކުރެއްވެވި ނަމަވެސް ޝުކުރުވެރިވާށެވެ!
ޔަޤީންކުރާށެވެ! އެކަމެއްގެ ފަހަތުން ރަނގަޅު ގޮތްތައް މިންވަރު ނުކުރައްވަވާ އެއްވެސް މުޞީބާތެއް ﷲ ތަޢާލާ މިންވަރެއް ނުކުރައްވަވާނެތެވެ. ވީމާ (ކިތަންމެ ދަތިޙާލުގައި ވެސް ) ﷲ ތަޢާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އަދި ދެއްވެވި ނިޢްމަތުން ވީހައި ގިނަ ބައަކަށް ޞަދަޤާތްކޮށް އެހީތެރިކަން ފޯރުކޮށްދޭން ގަދައަޅައި މަސައްކަތްކުރާށެވެ. އެއިރުން ތިބާއަށް ލިބޭ އުފާވެރިކަމާއި ހިތްހަމަޖެހުން ފެނިގެންދާނެއެވެ!
- މުފްތީ މެންކުގެ ދަރުސަކުން