ކައްވަޅާއި ނަރަކައިގެ ޢަޛާބަށް ބިރުވެތިވާ މީހުން އަންނަނީ މަދުވަމުންނެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. ކައްވަޅާއި ނަރަކައިގެ ޢަޛާބަށް ބިރުވެތިނުވެވޭ މީހަކަށް ނަރަކައިން ސަލާމަތްވެވި ސުވަރުގެ ވަދެވުމަކީ ޙާޞިލުކުރެވެން އޮތް ކަމެއް ކަމަށް ބުނެވޭނެ އެއްވެސް ހަމައެއް ނެތެވެ.
ނިކަންވިސްނައިލަބަލާށެވެ! މަރުވުމުން ވަޅުނުލަނީސްވެސް ޢަޛާބް ލިބެންފަށާކަމުގެ ހެކިތައް ހާމަވެފައި އެބަހުއްޓެވެ. މިސާލަކަށް، ހަށިގަނޑުން ކުނިވަސްދުވުން، އާދައާޚިލާފަށް ބަރުވުން، ފަދަ ކަންކަމާއި އަދި މިނޫންވެސް ބައެއް ކަންކަން ފެނިފައިވާކަން ޖަމާޢަތްތެރިންގެ ބަހުން އެނގެއެވެ.
އަދި ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! އެކަންކަންވެސް ހިނގާފައިއެވަނީ ހަމަ ވަޅުލުމުގެ ކުރިންނެވެ.
ވަޅުލަން ތިރީސް ވަޅު ކޮނުމުންވެސް ބޮޑު ކަޅު ހަރުފައިން ސަލާމަތް ނުވެވިގެން ހަރުފަ އޮއްވާ ވަޅުލަން ޖެހުނު ގަވަރުނަރުގެ ވާހަކަ!
މިރޭ ކޮންމެވެސް އެއްޗެއް ބުނަން ބޭނުންވަނީ ކައްވަޅުގެ ޢަޛާބާއި ބެހޭ ގޮތުންނެވެ. އެހެންކަމުން މިކިޔައިދެނީ މީގެ ދުވަސްކޮޅެއް ކުރިން ކިޔައިދީފައިވާ ވާހަކައެކެވެ. މިހާދިސާއަކީ ދިރި ތިބި މީހުންނަށް ވަރަށް ފުރިހަމަ ޢިބްރަތަކަށްވާތީއެވެ. މީސްތަކުންނަށް ﷲ ތަޢާލާ ކަންކަން ބަޔާންކޮށްދެއްވަވަނީ މިފަދައިންނެވެ. މިކިޔައިދެނީ އަބޫ ޢަބްދުﷲ މުޙައްމަދު އިބުން އަޙްމަދު އަލް ޤުރްސީ ވިދާޅުވެފައިވާ މީގެ އަހަރުތަކެއް ކުރިން ހިނގައި ދިއަ ކަމެއްގެ ވާހަކައިންނެވެ.
ތުރުކީގެ ވެރިރަށް އިސްތަންބޫލްގެ ގަވަރުނަންކުރި މހަކު މަރުވުމުން ވަޅުލުމަށްޓަކައި މަހާނަ ކޮނެފައި ބަލައިލިއިރު ފުލުގައި އޮތީ ބޮޑު ކަޅު ހަރުފައެކެވެ. ދެވަނަވަޅު ކޮނެ ނިންމާފައި ބަލައިލިއިރުވެސް ފެނުނީ ހަމަ އެ ބޮޑު ބިޔަ ކަޅު ހަރުފައެވެ.
ހަރުފައިން ސަލާމަތްވޭތޯ އެމީހުން 30 ވަޅު ކޮނުނެވެ. ޤަބުރު ތިރިކުރަން ބަލައިލާއިއރު ފުލުގައި ހަމަ އެ ބޮޑު ބިޔަ ހަރުފަ އޮވެއެވެ. އެ ހަރުފައިން ސަލާމަތެއް ނުވެވުނެވެ. އެންމެފަހުން ދީނީ އިމާމުންގެ މަޝްވަރާ އާއިއެކު ހަރުފަ ވަޅުގަ އޮއްވާ ޤަބުރު ތިރިކޮށް ފަސް އަޅައި ޖަނާޒާގެ ކަންކަން ފުރިހަމަކުރީއެވެ. އިމާމުން ވިދާޅުވީ ހަރުފަ އޮތް ނަމަވެސް ޤަބުރު ތިރިކޮށް ވަޅުލައި ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލް ކުރުމަށެވެ.
އެގޮތަށް އެވިދާޅުވީ ކިތަންމެ ގިނަ ވަޅުތަކެއް ކޮނުނު ނަމަވެސް ހަރުފައިން ސަލާމަތް ނުވެވޭނެކަމަށް ޤަބޫލުކުރެއްވިގެންނެވެ. އެހެނީ އހެން މީހުން ވަޅުލަންވެސް ވަޅު ކޮނެއެވެ. މިފަދަ ކަމެއް ދިމައެއް ނުވެއެވެ. ވީމާ މިފަދަ ކަންކަން އެ މެދުވެރިވީ ﷲ ތަޢާލާ އެކަން މިންވަރުކުރެއްވެވުމުން ކަމަށްވާތީއެވެ.
މީސްތަކުންނޭވެ! މިފަދަ ޙާދިސާތަކުން އެނގިގެން މިދަނީ މަރުވިނަމަވެސް އަދި 6 ފޫޓް އަޑީގައި ވަޅުލެވުނު ނަމަވެސް ސަލާމަތް ނުވެވޭކަމެވެ. އެމީހަކު ދުނިޔޭގައި ދުވަސްތައް ހޭދަކުރި ގޮތުގެ މައްޗަށް އެމީހަކަށް އަބަދުވެސް ހުންނާނީ ޖަޒާ ލިބިލިބި ކަމެވެ.
ކޮންމެ މީހަކު މަރުވި ނަމަވެސް ޖަމާއަތްތެރިން ޖަނާޒާގެ ކަންކަން އެމީހުންނަށް ކުރެވުނު އެންމެ ފުރިހަމައަކަށް ކުރެއެވެ. ހިނަވައި ތާހިރުކޮށް މީރު ހުވަނދުލައްވައި ކަފުން ކުރެއެވެ. އާއިލާގެ މީހުންނާއި އެތައް ބައަކު ބައިވެރިވެ ކަށުނަމާދުކުރެއެވެ. އެއަށްފަހު ވަރަށް އިހްތިރާމް އާއިއެކު ގެންގޮސް ވަޅުލައެވެ. އެއަށްފަހު މައްޔިތާގެ މައްޗަށް ހެޔޮ ދުޢާކޮށްފައި އެނބުރި ދަނީއެވެ.
މައްޔިތާ ވަޅުލެވުމާއިއެކު ފެށިގެން އެދަނީ ބަރުޒަޚުގެ ޢާލަމްގެ ދުވަސްތަކެވެ. އެދުވަސްތަކުގައި ކައްވަޅުގައި ޢަޛާބް ލިބުމާއި ޢަޛާބް ލިބޭނެ މިންވަރާއި ﷲ ތަޢާލާގެ ރަޙްމަތްފުޅުގައިވުން ވަނީ އެމީހަކު ދުނިޔޭގައި ހުރެ އަމަލުކުރި ކަންކަމުގެ މައްޗަށެވެ. ޙަޔާތް ހޭދަކުރި ގޮތުގެ މައްޗަށެވެ!
މި ހާދިސާ ފަދަ ހާދިސާތަކުން އަންގައިދެނީ ކައްވަޅުގައި ޢަޛާބް ދެއްވަވާ ކަމެވެ. ޢަޛާބް ޙައްޤު މީހުން ވަޅުލެވުމާއިއެކު ޢަޛާބް ލިބެންފަށާނެ ކަމެވެ. ވީމާ ޢަޛާބުން ސަލާމަތްވުމަށް އެދޭ މީހާއަށް އޮތީ ޢަޛާބުން ސަލާމަތްވުމަށް ދުނިޔޭގައި ހުރެ ގަދައަޅައި މަސައްކަތްކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން