ބޭފުޅުންނޭ! ހަމައެގޮތަށް އެކަމަށް މަގުފަހިރުކުރުމަށްޓަކާ، ނަފްސް ހިސާބު ކުރުމުގެ އާދަ އަށަގެންނެވުމަށްޓަކާ މީހާ ޣާފިލުކުރުވާ ބޭކާރުކަންތައްތަކުގާ އުޅޭމީހުންނާ އެފަދަ ޢަމަލުތަކުން ދުރުވާންޖެހެއެވެ.
އެފަދަ ކަންތައްތަކުގެ ތެރޭގާ ރެޔާދުވާލު ހޭބޯނާރާ އުޅެން ހަދައިގެން ﷲގެމަތިން ހަނދުމަކުރަން ވަރަށް އުދަގޫވާނެއެވެ. އެހެންވީމާ، ނަފްސު ހިސާބު ކުރަން ބޭނުންވާމީހާ ތިމާއާ އެއްވިސްނުމުގެ މީހުންނާއެއްކޮށް އުޅެ އެނޫން ޚިޔާލުގެ އެކިއެކި ކަންކަމުގާ މަސްއޫލުވެގެން އުޅޭފަރާތްތަކާ ދުރަށް ޖެހިލުމަކީ އެއީ ވަރަށް މުހިންމު ކަމެކެވެ.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން
ޖުމުލަ ގޮތެއްގައި ބަލާނަމަ އެވިދާޅުވަނީ ތިމާގެ އާޚިރަތް ކާމިޔާބުކޮށް ސުވަރުގެ ވަންނަން އެދޭމީހާ، އާޚިރަތް ލިބިގަންނަން މަސައްކަތްނުކުރާ މީހުންނާއި ދުރުހެލިވުމަށެވެ. އެމީހުންގެ ސަބަބުން ތިމާއަށްވެސް ޢާޚިރަތް ގެއްލިދާނެ ކަމަށްޓަކައެވެ. އެފަދަ މީހުންނާއިއެކު އުޅޭނަމަ ހެޔޮ ޢަމަލުކުރަންވެސް ހަނދާންނެތި އަދި ފަރުވާކުޑަކުރެވޭނެތީއެވެ.