ޢުމުރުން ކިތަންމެ ގިނަދުވަސްތަކެއްވަންދެން، ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ހަމަ އެންމެ ކަމަކުން ހުރިހާ ލައްތަކެއް ފުހެލުމުގެ ފުރުޞަތު އެބައޮތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ޢުމުރުން ކިތަންމެ ގިނަދުވަސްތަކެއްވަންދެން، ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ހަމަ އެންމެ ކަމަކުން ހުރިހާ ލައްތަކެއް ފުހެލުމުގެ ފުރުޞަތު އެބައޮތް!: މުފްތީ މެންކް

ދުނިޔަވީ މިސާލެއް ބުނާނަމަ އެއްޗެތި ދޮންނަ މީހުން އަބަދުވެސް ބޭނުންވާނީ، އެންމެ ފަސޭހައިން ލައްތައް ފުހެލެވޭނެ އެންމެ ބާރުގަދަ ބްލީޗެއް ހޯދުމަށެވެ! ކިތަންމެ ބޮޑު ހޭދައެއް ކުރަން ޖެހުނު ނަމަވެސް ނުބަލާނެއެވެ.  

އަހަރެމެން މުސްލިމުންނަށް އެންމެ ފައިދާހުރި ބްލީޗަކީ ގަންނަން ޖެހޭ އެއްޗެއް ނޫނެވެ! ކޮށްލަން ޖެހޭ ކުޑަކުޑަ ކަމަކުން ލިބެން އޮތް އެއްޗެކެވެ. އެކަން ކުރުމަށްފަހު ލައްތައް ފިލުވަން އިތުރު އެއްވެސް މަސައްކަތެއް ކުރާކަށްވެސް ނުޖެހޭނެއެވެ. ވަގުތުން ހުރިހާ ލައްތަކެއް ފިލައިގެންވެސް ދާނެއެވެ! 

މިވަރުގެ އެއްޗެއް ހަމަ ހިލޭ ލިބެން އޮތްވާހަކަ ބުނުމުން ތިއަ ތިބެނީ ކަންބޮޑުވެފައިހެއްޔެވެ؟ އަވަހަށް މި 2 އާޔަތް އަޑުއަހާށެވެ!  

"ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ފާފަފުއްސެވުމަށްއެދި، ތިއަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ." (ނޫހް: 10) 

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސްތަކުގެ މައްޗަށް ފާފައިން އިސްރާފް ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ." (އައްޒުމަރު: 53) 

މީސްތަކުންނޭވެ! އަހަރެމެންނަށް އޮތް އެންމެމުހިންމު ކަމަކީ އަހަރެމެންނަށް ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުމެވެ. ފާފަތަކުން ފޯވެ ތަތްތެޅިފައިވާ ނަފްސްތައް ސާފު ޠޯހިރުކޮށްދެއްވެވުމެވެ. އެކަމަށް ކުރަން ޖެހޭ ހަމައެކަނި ކަމަކީ ކުރެވިފައިވާ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުންކަން ނޫޙް ސޫރަތުގެ 10 ވަނަ އާޔަތުން އެނގިގެން އެބަދެއެވެ.  

ދެން މިބަޔާންކުރި އާޔަތުން އެނގިގެން މިދަނީ ކިތަންމެ ގިނައިން ފާފަތައް ކުރެވިފައިވީނަމަވެސް ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމުން ފުއްސަވައި ދެއްވަވާނެތެވެ! އެކަމުގެ ޔަޤީންކަން ދެއްވަވައި ވަޙީ ކުރައްވަވާފައި އެވަނީ " އެއުރެންގެ އަމިއްލަ ނަފުސްތަކުގެ މައްޗަށް ފާފައިން އިސްރާފް ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ." މިފަދައިންނެވެ. 

އިސްލާމް ދީނަކީ ސާފުތާހިރުކަމުގެ ދީނެވެ. ފޭރާމަކީ ވެސް ދައުތައް ފލުވައި ސާފުކޮށް ބަހައްޓަން ޖެހޭ އެއްޗެކެވެ. ވީވަރަކުން މީރުވަސް ދުއްވަންވެސް މަސައްކަތްކުރަންޖެހެއެވެ. އެހެންކަމާއިއެކުވެސް ފޭރާމާއި ހަމައަށް ދިއުމުގެ ކުރިން ކުރަން އޮތް އެންމެ މުހިންމުކަމަކީ ފާފަތަކުން ނަފްސް ޠޯހިރުކުރުމެވެ. އެމީހާގެ ހިތް ޠޯހިރުވެގެންވުމެވެ. ހިތް ޠޯހިރުވާނީ ހިތް ޠޯހިރު ކުރުމުންނެވެ. ހިތުގައިވާ ޝައިޠޯނާގެ ބައި މުޅިން ފުހެލެވިގެންނެވެ. އެކަން ޙާޞިލުކުރެވޭނީ ގިނަގިނައިން ތައުބާވީވަރަކުންނެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވިވަރަކުންނެވެ! ހިތާއި ނަފްސް ޠޯހިރުނުކޮށް ލާންގެންގުޅޭ ފޭރާން ސާފުކޮށް ރީތިކޮށް މީރުވަސް ދުއްވުމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟  

- މުފްތީ މެންކުގެ ދަރުސެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެއް-

 

 

މިއަދު އޮންލައިން