ދެމަފިރިން ދެ ތަނެއްގަ ތިބިނަމަވެސް އެކަކު އަނެކަކަށް ސަމާލުކަން ދޭންޖެހޭނެ! ނޫންނަމަ އެކަނިވެރިކަން އިޙްޞާޞްވެ ކައިވެނި ރޫޅުން ގާތްވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 49ސ
ދެމަފިރިން ދެ ތަނެއްގަ ތިބިނަމަވެސް އެކަކު އަނެކަކަށް ސަމާލުކަން ދޭންޖެހޭނެ! ނޫންނަމަ އެކަނިވެރިކަން އިޙްޞާޞްވެ ކައިވެނި ރޫޅުން ގާތްވާނެ!

ކަންތައް ދިމާވާގޮތުން އަމިއްލަ ރަށް ނޫން ރަށެއްގައި ވަޒީފާއަދާކުރަން އެބަޖެހެއެވެ. ރިޒޯޓުތަކުގައިވެސް މަސައްކަތްކުރަން އެބަޖެހެއެވެ. އެޙާލަތުގައި އަނބިމީހާ ހުންނާނީ ވަރަށް ބޮޑަށް އެކަނިވެރިވެފައެވެ.  

މިޒަމާނުގައި އެ އެކަނިވެރިކަން ކުޑަކުރެވެން އެބައޮތެވެ. އެއީ ފޯނުން ވާހަކަދެއްކުމެވެ. ވީޑިއޯކޯލްކުރުމެވެ. މެސެޖްކުރުމެވެ. އެކަންކަން ކުރެވޭނަމަ އެކަނިވެރިކަން ކުޑަވާނެއެވެ. އެކަކު އަނެކަކަށް އަޅައިލާކަމާއި ސަމާލުކަންދޭކަމުގެ އިޙްޞާޞްކުރެވޭނެއެވެ.  

އެކަކު ފޯނުކުރުމުން އަނެކަކު ޖަވާބުނުދީ، އަދި މެސެޖަށްވެސް ޖަވާބުނުދޭނަމަ އެއީ ކުރެވޭ ކުށެކެވެ. މަސައްކަތު ގަދި ނޫންނަމަ ޖަވާބުދޭންވާނެއެވެ. އަދި މަސައްކަތު ގަޑި އަނބިމީހާއަށް (ޑިޔުޓީ އޮންނަ ވަޤުތު) އަންގައިދޭނަމަ އެވަޤުތަކު ނުގުޅާނެއެވެ. ގުޅާނީ އެނޫންވަޤުތުތަކުގައެވެ.  

ކަމެއް ދިމާވެ ފޯނަށް ވަޤުތުން ޖަވާބު ނުދެވުނަސް ވަޤުތުވުމުން ގުޅާށެވެ. މެސެޖެއްކޮށްފިނަމަ ވީހާއަވަހަކަށް ޖަވާބުދޭށެވެ! ބައިވެރިޔާއަށް ސަމާލުކަން ދިނުމަކީ އެއީއެވެ. ވިސްނާށެވެ! ތިމާ ފޯނުކުރީމާ އަނެކާ ނުނަގައި އަދި ފަހުންވެސް ނުގުޅާނަމަ އަދި މެސެޖެއް ކުރިނަމަވެސް އެކަމަށް ތިމާ ރުޅިއަންނާނެ މިންވަރު ހިތަށް ގެންނާށެވެ.  

ބައެއް އަނބިން ބުނާ ގޮތުގައި ފިރިމީހާ ދުރުގަ ހުރެފަ ފޯނުކުރަނީ ހަފްތާ ދެހަފްތާ އަދި މަސްދުވަސްކޮށްފައެވެ. ފިރިމީހާ ހިތަށް އެރުމުންނެވެ. ފޯނުކުރިޔަސް މެސެޖްކުރިޔަސް އަޅައެއް ނުލައެވެ.  

މިބާވަތުގެ މައްސަލަތައް ކުރިމަތިވާނަމަ ޤަބޫލުކުރެވޭނީ ތިމާއަށް ސަމާލުކަން ނުދެނީ ކަމަށެވެ. ވީމާ ގުޅަންވީ ހަމައެކަނި ތިމާ ބޭނުންވުމަކުން ނޫނެވެ. އަނެކާ އެގުޅަނީ އޭނާވެސް ގުޅަން ބޭނުންވެގެންކަން ޤަބޫލުކުރަންވާނެއެވެ. އުފެދޭނެ އިތުރު މައްސަލައެއްވެސް އެބައޮތެވެ. އެއީ ތިމާ ބާކީކޮށް ދޫކޮށްލަން އުޅޭކަން ޤަބޫލުކުރެވެން ފަށާނެ ކަމެވެ.  

ވީމާ މިޙާލަތުގައި އަނބިން ވަރިއަށްވެސް އެދޭނެއެވެ. އެކަމުގައި އަނބިންގެ ކުށެއް ނެތެވެ. އެއީ ސަމާލުކަން ނުދޭނަމަ ލޯބިނުވާކަމަށް ޤަބޫލުކުރެވޭނެތީއެވެ. މުސްތަޤްބަލާއިމެދު ޔަޤީންކަން ގެއްލިގެންދާތީއެވެ. ވީމާ އެޙާލަތުގައި އަނބިމީހާ ކުށްވެރިނުކުރާށެވެ! ކޮންމެ މީހަކުވެސް އެމީހެއްގެ މުސްތަޤްބަލާއިމެދު ވިސްނާނެކަން ޤަބޫލުކުރަންވާނެއެވެ.  

ޙަޤީޤަތުގައި މިކަމަކީ މިޒަމާނުގައި ކުރިން މިބުނި ފަދައިން ވަރަށް ފަސޭހައިން ޙައްލުކުރެވެން އޮތް ކަމެކެވެ. ބޭނުންވަނީ ސަމާލުކަން ދިނުމާއި ވަޤުތުކޮޅެކެވެ. ވީމާ ޙައްލުކޮށްލުން ކީއްހެއްޔެވެ؟ ފޯނުން ރައްޓެހިންނާއި ވާހަކަ ދެއްކުމުގެ ބަދަލުގައި އަނބިމީހާއާއި ވާހަކަ ދައްކަނިކޮށް ޙައްލުކުރެވުނީއެވެ. އިން ޝާ ﷲ

 

 

މިއަދު އޮންލައިން