އުންމު ނަވާރު
ދުނިޔޭގައި އެތައް މީހުން ކިޑްނީ ބަލި ތަހައްމަލު ކުރަމުންދެއެވެ. އާބާދީ ގޮތުން މީހުން މަދު އަޅުގަނޑުމެން މި ގައުމުގައިވެސް ކިޑްނީ ބަލި ތަހައްމަލު ކުރާ ފަރާތްތައް ކަންބޮޑުވާ މިންވަރަށްވަނީ ގިނަވެފައެވެ. ކިޑްނީގެ ދައުރު ހަށިގަނޑުގައި ބޮޑެވެ. އެގޮތުން ހަށިގަނޑުގައި އެކުލެވޭ ފްލުއިޑްސް އާއި އިލެކްޓްރޯލައިޓްސްގެ ބެލެންސް ދެމެހެއްޓުމުގައާއި ލޭގައި އެކުލެވޭ ބޭކާރު މާއްދާތައް ފިލްޓަރ ކުރަނީ ކިޑްނީގެ އެހީގައެވެ. ކިޑްނީ ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަނެވެ އަވަހަށް ފަރުވާ ފެށެއްޖެނަމަ އިތުރަށް ކިޑްނީ ހަލާކުވުމުން ދުރުކޮށްދީ އަދި ކޮމްޕްލިކޭޝަން ހާލަތްތަކުން ސަލާމަތް ވުމަށް މަގުފަހިވެއެވެ. ކިޑްނީގެ މަސައްކަތް ދަށްވާނަމަ ބައެއް ކަހަލަ އަލާމާތްތައް ގިނަފަހަރު ހަށިގަނޑުން ފެންނާނެއެވެ.
1. ކުޑަކަމުދިއުމަށް ބަދަލުތަކެއް އައުން
ކިޑްނީ ބަލީގެ އެންމެ ފުރަތަމަ އެއް އަލާމާތަކީ ކުޑަކަމުދާތަކެތި އުފައްދައިދޭ މިންވަރަށް ބަދަލުތަކެއް އައުމެވެ. ހާއްސަކޮށް ރޭގަނޑު ވަގުތުގައި ކުޑަކަމުދާންޖެހޭ މިންވަރު އިތުރުވުމެވެ. ކުޑަކަމުދާތަކެތި އުފައްދައިދޭ މިންވަރު ދަށްވުމާއި ކުޑަކަމުދާއިރު ފޮނު ހުރުންވެސް މިއީ ކިޑްނީ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ފެނިދާނެ ކަންކަމެވެ.
2. އާދަޔާ ހިލާފަށް ވަރުބަލިވުން
ކިޑްނީ ބަލީގެ ސަބަބުން އެނީމާއަށް މަގުފަހިވެއެވެ. އެނީމާއަކީ ރެޑް ބްލަޑް ސެލް މަދުވުމުން ކުރިމަތިވާ ހާލަތެކެވެ. މިހެންވުމުގެ ސަބަބުން ދެމިހުންނަ ނުފިލާ ވަރުބަލި ކަމެއް ކުރިމަތިވުމާއި ހަށިގަނޑު ވަރުދެރަވުމާއި ކަންކަމުގައި ސަމާކުކަށް ދިނުމަށް އުދަނގޫވެގެން ދެއެވެ.
3. ހަށިގަނޑު ދުޅަވުން
ކިޑްނީ ބަލީގެ ސަބަބުން ހަށިގަނޑުގައި ފުލުއިޑްސް އުފެދި އެޑިމާއަށް މަގުފަހިވެއެވެ. ( އެޑިމާއަކީ ހަށިގަނޑުގައި ފުލުއިޑްސް އުފެދެ ދުޅަވުމުން ކިޔާ ނަމެކެވެ. ) އެޑިމާ އުފެދި ދުޅެވުން ކުރިމަތިވާއިރު އާންމުކޮށް ދުޅަވާނީ ފަޔާ، އަތާ، މޫނާއި އަދި ބަނޑެވެ.
4. ބުރަކަށީގައި ނުފިލާ ތަދެއް ހުރުން
ކިޑްނީ ބަލީގައި ބުރަކައްޓަށް ތަދުވުމަކީ ކުރިމަތިވާ ކަމެކެވެ. މިގޮތުން ތަދުވާއިރު އާންމުކޮށް ތަދުވާނީ ބުރަކަށީގެ ރިބްކޭޖްގެ ތަންކޮޅެއް ތިރީ ހިސާބަކަށެވެ.
5. ވާ ގޮތެއް ނޭނގެ ބަރުދަށް ލުއިވުން ނުވަތަ ކާހިންނުވުން
ވާގޮތެއް ނޭނގެ ބަރުދަން ލުއިވުން ނުވަތަ ކާހިންނުވުން ފަދަ ކަންކަމަކީ ކިޑްނީ ބަލީގެ އަލާމާތަކަށް ވެދާނެއެވެ. މިގޮތަށް ދިމާވަނީ ހަށިގަނޑުން ބޭރުންވަންޖެހޭ މާއްދާތައް ބޭރުނުވެ ހަށިގަނޑުގައި އުފެދި، މިކަމުގެ ސަބަބުން ކާހިންނުވުމުގެ ސަބަބުންނެވެ.
6. މޭނުބައި ކުރުމާއި ހޮޑުލެވެވުން
ކިޑްނީ ބައްޔެއްގެ ސަބަބުން މޭނުބައިކޮށް ހޮޑުލެވެދިނާއެވެ. އާންމުކޮށް މިކަން ހެދުނު ވަގުތު ނުވަތަ ކެއުމަށްފަހު މެދުވެރިވެދާނެއެވެ.
ނިދަން އުދަނގޫވުމާއި ނުބައި ރަހައެއް ލުމާއި ގައިގެ މަސްގަޑަށް ތަދުވުމާއި އަދި ހަންގަނޑު ކެހުމަކީ ކިޑްނީ ބަލީގެ ބަލީގެ އަލާމާތްތަކަކަށްވުން އެކަށީގެންވެއެވެ.
މަތީގައި ބަޔާން ކުރެވުނު ކަންކަން ފެނުނަމަވެސް އެއީ ކިޑްނީ ބަލި ކަމަކަށް ނުނިއްމޭނެއެވެ. އިތުރު ވަރަށް ގިނަ ބަލިތަކާއި ގުޅިގެންވެސް މިފަދަ އަލާމާތްތައް ފެނިދާނެއެވެ. ކިޑްނީ ބަލި މިހާ ގިނަވެފައިވާ ދުވަސް ވަރެއްގައި މި އަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމެވެ.
ސަމާލުކަމަށް: މިލިޔުމުގައި ހިމަނާފައިވާ މައުލޫމާތުތަކަކީ އަޅުގަނޑު އެހެން ލިޔުމަކުން ނަގާފައިވާ މައުލޫމާތުތަކެކެވެ. ދިވެހިންނާއި ގުޅޭ އަދި ފަހުމް ވާނެ ގޮތަށް ލިޔެވޭތޯ މަސައްކަތްކުރީމެވެ. އަދި މިއީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ދެއްވާ އިރުޝާދުގެ ބަދަލުގައި ބޭނުންކުރުމަށް ލިޔެފައިވާ ލިޔުމެއްނޫންކަމުގައި ދަންނަވަމެވެ.
މަސްދަރު
Julie Hambleton, If your kidneys are in danger the body will show these 10 sign, www.theheartysoul.com