ކައިވެންޏަށްފަހު ދެމީހުންވެސް އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތަކެއްވެއެވެ. އެހެންކަމާއިއެކުވެސް ކައިވެންޏަށްފަހު ޚަރަދުނުކުރުމާ އަޅާނުލުމާ އެއްދާން ނުކުރުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. އަދި ބައެއް ފިރިން އެމީހުންގެ ޙައްޤުތައް އަދާނުކޮށް ތިބެ އަނބިންގެ ކިބައިން ހަމައެކަނި ޖިންސީ ގުޅުން ހިންގަން (އެކަނި) ބޭނުންވާ ބައަކުވެސް އުޅެއެވެ.
މިބާވަތުގެ މައްސަލަތައް ކުރިމަތިވުމުން ޙައްލުކުރަން ކުރެވިދާނެ ކަމަކާއިބެހޭ ގޮތުން ކިޔުންތެރިއަކު ކުރެއްވި މުހިންމު ސުވާލަކާއި ގުޅިގެން މިއަދުނޫހުން ޝައިޚް ޢިމްރާން މުޙައްމަދު ޢަލީއަށް ދެންނެވި ސުވާލަށް ދެއްވި ޖަވާބު:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:
ކައިވެނީގެ ގުޅުމަކީ ވަރަށް މަތިވެރި ގުޅުމެކެވެ. އެކަމުގައި ދެމަފިރިންވެސް އެކަކު އަނެކަކަށް އަދާކޮށްދިނުން ލާޒިމުވެގެންވާ ޙައްޤުތަކެއް އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ވެއެވެ. އަދި ދެމަފިރިންގެ މެދުގައި ޚިލާފުވެ، ޚިޔާލު ތަފާތުވާ ޙާލަތްތަކުގައި ޢަމަލުކުރަންވީ ގޮތްވެސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ވެއެވެ.
އެގޮތުން އަނބިމީހާގެ ކިބައިން ނޭދެވޭ ކަންތައްތައް ހިނގުމުން ޢަމަލުކުރަންވީ ގޮތް ކީރިތި ޤުރުއާނުގައި އަންގަވާފައި ވެއެވެ. އަދި ދެބައިމީހުންގެ މެދުގައި ޞުލްޙަކުރަންވީ ހަމަތައްވެސް ބަޔާންކުރައްވާފައި ވެއެވެ. (ބައްލަވާ: ނިސާ ސޫރަތުގެ 34 – 35 ވަނަ އާޔަތް).
ފިރިމީހާގެ ކިބައިން އެފަދަ ނޭދެވޭ ކަމެއް ހިނގުމުން ޢަމަލުކުރަންވީ ގޮތްވެސް އަންގަވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَإِنِ امْرَأَةٌ خَافَتْ مِن بَعْلِهَا نُشُوزًا أَوْ إِعْرَاضًا فَلَا جُنَاحَ عَلَيْهِمَا أَن يُصْلِحَا بَيْنَهُمَا صُلْحًا ۚ وَالصُّلْحُ خَيْرٌ ۗ وَأُحْضِرَتِ الْأَنفُسُ الشُّحَّ ۚ وَإِن تُحْسِنُوا وَتَتَّقُوا فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا﴾ [سورة النساء: ١٢٨]
މާނައީ: "ފިރިމީހާ ދުރުހެލިވެ ނުވަތަ ވާހަކަ ނުދައްކައި ހުރެދާނެކަމަށް އަންހެނަކަށް ބިރު ހީވެއްޖެނަމަ، އެ ދެ މީހުންގެ މެދުގައި ހެޔޮގޮތުގައި ޞުލްޙަވުމަކުން، އެ ދެމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. ޞުލްޙަވުން ހެޔޮކަން ބޮޑެވެ. އަދި (ތިމާ ކުރަންޖެހޭ ހޭދަޔަކާމެދު އަދި ތިމާޔަށް ލިބެންވީ ލިބުމަކާމެދު) ދަހިވެތިވުން ހިތްތަކުގައި ލައްވާފައި ވެއެވެ. އަދި ތިޔަބައިމީހުން އިޙްސާންތެރިވެ އަދި ތަޤްވާވެރިވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުން ކަންތައްކުރާ ގޮތް މޮޅަށް ދެނެވޮޑިގެންވާ އިލާހުކަމުގައި ﷲ ވޮޑިގެން ވެއެވެ."
މިފަދަ ކަންކަމުގައި އޮތީ ދެމަފިރިންވެސް ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. އަދި ކައިވެންޏަށް ދަރިއެއް ނުވަތަ ދަރިންތަކެއް ލިބިފައިވާނަމަ ކައިވެނީގެ ބިންގަލަށް އަރާ ކޮންމެ ލޮޅުމަކީ އެކުދިންގެ ޙަޔާތަށް ކޮންމެވެސް ގޮތަކުން ނޭދެވޭ އަޘަރުތަކެއް ކުރާނޭކަމެއްކަން ދަނެ، ދެމަފިރިންވެސް މިފަދަ ކަންކަމުގައި ބުއްދިވެރިކަމާއި ވިސްނުންތެރިކަން އިސްކުރުމެވެ.
މިފަދަ ކަންކަމުގައި ދެމީހުން އެކުގައި ވާހަކަދައްކައިގެން ޞުލްޙަވެވޭތޯ މަސައްކަތްކުރާށެވެ. އަދި ދެމީހުންނަށްވެސް އިތުބާރު ކުރެވޭ ޝައިޚެއްގެ ގާތަށް ގޮސްގެން ނަޞީޙަތް ލިބިގަނެގެން، ޞުލްޙަވެވެން އޮތްނަމަ އެގޮތްވެސް ޚިޔާރު ކުރާށެވެ.
އެއިން އެއްވެސް ގޮތަކުން އަލިމަގެން ނުފެނި ހެޔޮ ގޮތުގައި ދެ މީހުންނަށްވެސް އުޅެވެން ނެތްނަމަ، ދެން އޮންނާނީ ކޯޓަށް ގޮސްގެން ތިކަމުގައި ވަކި ގޮތެއް ނިންމުމެވެ.