ސަމާލުވާންޖެހޭ ކަމެއް!: ރޭގަނޑާމެދު ޣާފިލުވާ މީހުންނަކީ ﷲ ގެ ރަޙްމަތަށް އެދޭ މީހުންނަކަށް ނުވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ސަމާލުވާންޖެހޭ ކަމެއް!: ރޭގަނޑާމެދު ޣާފިލުވާ މީހުންނަކީ ﷲ ގެ ރަޙްމަތަށް އެދޭ މީހުންނަކަށް ނުވާނެ!: މުފްތީ މެންކް

ކޮންމެ ދުވަހެއް ނިމުމުން ރޭގަނޑު އައިސް ބައްދަލުކުރެއެވެ. އެކަމަށް ނުވިސްނާ މީހުންނާއިވެސް ބައްދަލުކުރެއެވެ. އަދި ރޭދަނޑުގެ ވަޤުތުތައް ނިމުމުން ފަޖުރުލައި އަނެއް ދުވަހާއި ބައްދަލުކުރަންޖެހެއެވެ. ސުވާލަކީ މުޅި ރޭ ނިމިގެންދިއައިރު އެކަމުން ތިބާއަށް ހޯދުނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްވެސް ފައިޑާއެއް ހޯދުނު ހެއްޔެވެ؟

ކޮންމެ ރެއަކު ތިބާގެ ވެރި ރައްބު ތިބާގެ ދޮރުގައި "ޓަކިޖައްސަވާ"ކަން އެނގޭހެއްޔެވެ؟ އެކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. ޤަބޫލުވެސް ކުރެވޭނެއެވެ. ނަމަވެސް އެއަޑު ނުއިވެނީ އެކަމަށް ޣާފިލުވެ ގަދަނިދީގައި ނިދާފައި ތިބޭތީއެވެ.

ރޭގަނޑުގެ 3 ވަނަ ބައިގައި ﷲ ތަޢާލާ މީސްތަކުންނަށް ދެއްވަވާ މަތިވެރިފުރުޞަތުގެ ބޭނުން ހިފަނީ ހާދަހައިވާ މަދުމީހެކެވެ. ނަމަވެސް އެއީ އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ފުރުޞަތެވެ. ވީއިރު އެފުރުޞަތުގެ ބޭނުން ނުކޮށް ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟

ނިކަންވިސްނައިލަބަލާށެވެ! އެވަގުތުގައި ކޮންމެ ރެއަކު ﷲ ތައާލާ، ރައްބުލްކާއިނާތު އެންމެ ތިރީ އުޑަށް ތަޖައްލީވެވޮޑިގަންނަވައެވެ. އަދި ސުވާލުކުރައްވަވަތެވެ! މީސްތަކުންގެ ތެރެއިން ފާފަފުއްސަވައިދެއްވެވުން އެދެނީ ކޮންބައެއް ހެއްޔެވެ؟ އެމީހުންނަށް ފާފަފުއްސަވައިދެއްވަވާހުށީމެވެ. ތައުބާވާން ބޭނުންވަނީ ކާކުހެއްޔްވެ؟ ތިމަން ﷲ އެމީހެއްގެ ތައުބާ ޤަބޫލުފުޅުކުރައްވަވާހުށީމެވެ! ތިމަން ﷲ ގެ ޙަޟްރަތުން ކަމަކަށް ބޭނުންވަނީ ކާކުހެއްޔެވެ؟ އެމީހެއްގެ ބޭނުން ފުއްދަވައިދެއްވަވާހުށީމެވެ! (އެމީހަކަށް އެކަމަކުން އެންމެ ބޮޑަށް ފައިދާކުރާނެ ވަގުތުގައެވެ.)

މިކިޔައިދިނީ ޙަދީޘްފުޅެކެވެ. މި ޙަދީޘްފުޅަށް ބަލައިފިނަމަ ތަހައްޖުދު ނަމާދުގެ ވާހަކަ ނުވެސް އައުދެއެވެ. މިއޮތީ އެވަގުތު އެމީހަކު އެދޭ ކަންކަމުގެ ވާހަކައިން ﷲ ތަޢާލާއަށް ދެންނެވުމުން ނުވަތަ ދުޢާކުރުމުން ފުއްދަވައި ދެއްވަވާނެ ކަމުގެ ވާހަކައެވެ.

އެފަދަ މަތިވެރި ވަގުތުގައި 2 ރަކްޢަތުން ނަމާދުކޮށް ޛިކުރުކުރަންވީ ﷲ ތައާލާ އަށް ލޯބިވެތިވުމުގެ ގޮތުންނެވެ. ތިމާގެ ހުރި ކިޔަމަންތެރިކަން ދެއްކުމުގެ ގޮތުންނެވެ. ތިމާގެހުރި ނިކަމެތިކަން ބަޔާންކުރުމަށެވެ.

މީސްތަކުންނޭވެ! ރޭގަނޑުގެ ފަހުބައަކީ މިހާރު މިކިޔާ ގޮތުން ދުވަސް ފެށިގެން އަންނަ ވަގުތެވެ! އެވަގުތުގައި ކުރަން އޮތް ކަމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. ސަޖިދަކުރުމެވެ. ސަޖިދައިގައި އޮވެގެންވެސް ނަމާދު ނިމިގެންވެސް ތިމާ އެންމެ އެދޭ ކަންކަން ހިންމަވައި ދެއްވެވުން އެދި ދުޢާ ކުރުމެވެ. ކީރިތި ޤުރްއާން ކިޔެވުމެވެ. ޛިކުރުކުރުމެވެ.

އެވަގުތުގައި ކުރާ ނަމާދާއި އެހެނިހެން އަޅުކަންކުރުމުގައިވެސް އަވަސްވެނުގަންނާށެވެ! އެއީމަދުމައިތިރިކަމާއިއެކުއަޅުކންކުރަންވީ ވަގުތެވެ! ދަމުނަމާދުގައި އޮތީ ރުކޫޢާއި ސުޖޫދުގެ ވަގުތު ދިގުކުރުމެވެ.

ސަބަބުތައްމެދުވެރިވެ ދަމުނަމާދު ނުކުރެވޭ އެތައް ބައަކުވެސް އެވަގުތު ނިދީން ހޭލައި ދުޢާކުރެއެވެ. އެއީ ދުޢާ ޢިޖާބަ ކުރައްވަވާނެކަން ޔަޤީން ވަގުތަކަށްވާތީއެވެ. ﷲ ތަޢާލާ ދެއްވަވާ ދައުވަތުގެ ބޭނުން ހިފުމަށެވެ.

ވީމާ ކަންނެތްވެ ނިދަން ނުތިބޭށެވެ! ހޭލާށެވެ! ތިމާގެ ހުރި ނިކަމެތިކަން ބަޔާންކޮށް ދަންނަވާށެވެ! މިއަޅާ މިހިރީއެވެ. މިއަޅާގެ ފާފަތައް ފުއްސަވައިދެއްވަވާނދޭވެ! މިއަލާއަށް ބޭނުން ޖެހިފައިވާ މިވެނި އެވެނި ކަންކަން ފުއްދަވައި ދެއްވަވާނދޭވެ! ﷲ ތަޢާލާ އެމީހެއްގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެތެވެ! ތިބާއަށް އެންމެ ފައިދާ ހުރި ވަގުތުގައެވެ. ތިބާއަށް އެންމެ ބޮޑަށް ފައިދާކުރާނެ ވަގުތުގައެވެ. އިން ޝާ ﷲ

ﷲ ތައާލާއަށް ޙަމްދުކުރާށެވެ! ﷲ ތައާލާގެ މަތިން ހަނދުމަކުރާށެވެ! އެކަމަށް އޮތް އެންމެ ރަނގަޅު އެއް މަގަކީ ކީރިތި ޤުރްއާން ކިޔެވުމެވެ. ދަންނާށެވެ! ތިބާއަކީ ކިތަންމެ ބާރުގަދަ، ކިތަންމެ މަތިވެރި މަޤާމެއްގައި ހުރި ނަމަވެސް ކޮންމެ މީހަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ހަމަ އެހެންވެސް މީހުން ފަދަ އިންސާނެކެވެ. ނިކަމެއްޗެކެވެ.

"އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލް، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ." (އައްސަޖްދަ: 16)

" ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ ނިޢްމަތް ތައް) އެއްވެސް ނަފްސަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއް ކަމުގައެވެ." (އައްސަޖްދަ: 17)

ނިކަން ވިސްނައިލަބަލާށެވެ! ﷲ ތަޢާލާ މިވަނީ ރޭއަޅުކަންކޮށް އުޅުނު މީހުންނަށް ސުވަރުގެ ދެއްވަވާނެކަން ބަޔާންކުރައްވަވައިފައެވެ. އިތުރަށް ބޭނުންވާނީ ކޮންކަމެއް ހެއްޔެވެ؟

ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމާއި އަދި ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވާފައިވާކަން އެނގިވަޑައިގެން ހުންނެވުމާއިއެކު ރަސޫލް (ﷺ) ރޭގަނޑުގެ ވަގުތުތައް ހޭދަކުރެއްވެވީ ރޭ އަޅުކަމުގައެވެ. މީސްތަކުންނޭވެ! އަހަރެމެން މިބުނަނީ އަހަރެމެންނަކީ ރަސޫލް (ﷺ) ދެކެ ލޯބިވާ، ރަސޫލް (ﷺ) ގެ ސުންނަތަށް ތަބަޢަވާ ބައެއް ކަމަށެވެ. ނިކަން ބުނެބަލާށެވެ! ފާއިތުވި 30 ދުވަސްތެރޭގައި ރޭ އަޅުކަން ކުރީ ކިތައް މީހުން ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ދަމުނަމާދުކުރުން ދޫކޮށްނުލާށެވެ! ކިތަންމެފިނި ނަމަވެސް ވުޟޫކޮށްލާށެވެ! ރޭއަޅުކަންކުރާށެވެ! ތިއަބައިމީހުން ރޭއަޅުކަންކުރާކަން ދަރިންނަށާއި ގޭގެ އެންމެންނަށް އެމީހުންވެސް އެކަމަށް ހާނުވާށެވެ! އެއީ ކުރަންޖެހޭ ކަމެކެވެ.

--މުފްތީމެންކުގެ ދަރުސަކުން

މިއަދު އޮންލައިން