އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގަވާ ބައަކަށް އަނިޔާވެރިވުމަކީ ކުރިއަރައިދާން ލިބޭ ފުރުޞަތުތައް ގެއްލި ނިކަމެތިވާންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 16ސ
އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގަވާ ބައަކަށް އަނިޔާވެރިވުމަކީ ކުރިއަރައިދާން ލިބޭ ފުރުޞަތުތައް ގެއްލި ނިކަމެތިވާންޖެހޭ ކަމެއް!

ދީނުގައި ބުނަނީ ޢަދުލުވެރިވުމަށެވެ. އެއީ ހަމައެކަނި އިންޞާފަށް ޙުކުމް ކުރުމެއް ނޫނެވެ. ތިމާ އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރުމަކީވެސް ޢަދުލުވެރި ނުވުމެވެ. ޢަދުލުވެރިކަމުގެ އިދިކޮޅަކީ އަނިޔާވެރިކަމެވެ. މިކަންކަން ސިކުނޑީގައި ބަހައްޓައިގެން އަޑުއަހާށެވެ! 

ކޮންމެކަމެއްވެސް ޙާޞިލުވާން އޮތީ ﷲ ތައާލާގެ ރަޙްމަތްފުޅުންކަން އެބަ އެނގެއެވެ. ވީމާ ﷲ ތައާލާގެ ރަޙްމަތްފުޅަށް އަބަދުވެސް އެބަ އެދެން ޖެހެއެވެ. އެކަމަށް އެދެން އޮތް މަގަކީ ﷲ ތައާލާ އަންގަވާފައިވާ މަގުގައި ސާބިތުވުމެވެ. 

މިކަމުގައި އެންމެ ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލްވެވޭ އެއް ކަމަކީ އަނިޔާވެރިވުމެވެ. އަނިޔާވެރިވެވޭއިރު ތިމާއަށް މިވެވެނީ އަނިޔާވެރި ކަންވެސް ނުއެނގޭ ބައަކު އެބަ އުޅެއެވެ. ވީމާ މިއީ މިއަދު ވަރަށް ބޮޑަށް ސަމާލުކަން އިތުރުކުރަން ޖެހިފައިވާ ކަމެކެވެ. 

އަނިޔާވެރިވުމަކީ ހަމައެކަނި އަނެކާގެ ހަށިގަނޑަށް އަނިޔާކުރުމެއް ނޫނެވެ. އެބާވަތުގެ އަނިޔާ މިހާރު ކުރަނީ މަދުބައެކެވެ. އެއީ އަނިޔާގެ އަސަރު ފެންނަން ހުންނާތީ ތިމާގެ މައްޗަށް ކުށް ޘާބިތުވެ އަދަބުލިބިދާނެ ކަމުގެ ބިރަށެވެ. އެކަމަށް ވިސްނާނުލައި އަތްއިސްކުރާ ބައަކު އަދިވެސް އުޅޭކަންވެސް ފާހަގަކުރަމެވެ. 

ދަންނާށެވެ! ތިމާ އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރުމަކީވެސް ހަމަ އަނިޔާވެރިވުމެވެ. ކާންދީ ބަލަހައްޓަން ޖެހޭ މީހުންނަށް އެކަންކަން ކޮށްނުދިނުމަކީވެސް އަނިޔާވެރިވުމެވެ. ތިމާގެ ބެލެނިވެރިކަމުގެ ދަށުގައި ތިބި ތިމާ ބަލަހައްޓަން ޖެހޭ މީހުންނަށް އަޅާނުލައި، އެހީތެރި ނުވުމަކީ ވެސް އަނިޔާވެރިވުމެވެ. 

މިގޮތުން ބަލައިފިނަމަ އަނބިދަރިންނާއި މައިންބަފައިންގެ ޙއްޤުތަކަށް ރައްކައުތެރިވުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. އަންނަނިވި ޙަދީޘްފުޅަސް ވިސްނައިލާށެވެ. 

Abu Dharr reported: The Messenger of Allah, peace and blessings be upon him, said:

“Allah Almighty said: O my servants, I have forbidden injustice for myself and I have forbidden it among you, so do not oppress one another...." 

މި ހަދީޘްފުޅުގައި އެވަނީ ބޭއިންޞާފުން އެއްވެސް ކަމެއް ކުރުން އަނިޔާވެރިވުން ﷲ ތަޢާލާގެ ޒާތުފުޅަށް ވެސް ޙަރާމްކުރައްވަވާފައިވާކަމާއި އެއްވެސް މީހަކާއިމެދު ބޭއިންޞާފުން އެއްވެސް ކަމެއް ނުކުރުމަށާއި އެއްވެސް ސިފައެއްގައި އެކަކު އަނެކަކަށް އަނިޔާވެރި ނުވުމަށް ﷲ ތަޢާލާ އަމުރުފުޅުކުރައްވަވާފައިވާ ކަމެވެ. 

"ޞާލިޙް ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ދަރުމަހުރީ އެމީހާގެ އަމިއްލަ ނަފުސަށެވެ. އަދި ނުބައި ޢަމަލެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަމުގެ ހަލާކުހުރީ، ހަމަ އެ ނަފުސު ގެ މައްޗަށެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއް ނުވެއެވެ." (ފުއްސިލަތު: 46) 

މިއާޔަތުން އެނގިގެން މިދަނީ ހެޔޮ ޢަމަލެއް ކުރުމުން އެކަމުގެ ޘަވާބާއި ދަރުމަ އެމީހަކަށް ދެއްވަވާނެ ފަދައިން ނުބައި ޢަމަލެއް ކޮށްފިނަމަ އެކަމުގެ ޖަޒާ ވެސް އެމީހަކަށް ލިބިގެންދާނެ ކަމެވެ. އަދި ﷲ ތައާލާއީ އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައެއް ނުވާކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވިސްނާށެވެ! ހޭލުންތެރިވާށެވެ! ބިރުވެތިވާށެވެ! 

Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said,

“Beware of the supplication of the oppressed, even if he is an unbeliever, for there is no barrier between it and Allah.”

Source: Musnad Aḥmad 12140 

ދެމަފިރިން ނަމަވެސް އެކަކު އަނެކަކަށް އަނިޔާވެރި ނުވާށެވެ! އެހެނީ ޙަދީޘްފުޅުގައި އޮތީ ކާފިރަކު ކަމުގައިވީނަމަވެސް އަނިޔާ ލިބެމުންދާ މީހާގެ ދުޢާ އާ ﷲ އާ ދެމެދުގައި އެއްވެސް ހުރަހެއް ނެތް ކަމަށެވެ! ވީއިރު ﷲ ތަޢާލާއަށް އީމާންވެ، އަޅުކަންކޮށް ދުޢާކުރަމުން ގެންދާ މީހަކަށް ނުވަތަ ބައަކަށް އަނިޔާވެރިވުމުގެ ހުރި ނުބައިކަން ހިތަށް ގެންނާށެވެ! 

ކޮންމެމީހަކީވެސް އެމީހަކު އަދާކުރާ ވަޒީފާގައި ކުރިއެރުން ބޭނުންވާނެމީހެކެވެ. ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވައި އިތުރު ތަނަވަސްކަމަށް އެދޭނެ މީހެކެވެ. ނިޢްމަތްތައް ލިބުން ލަސްވުމުން ކަންބޮޑުވާ މީހެކެވެ. ވީމާ މިބަޔާންކުރި ފަދަ ކަންކަމަށް ވިސްނައިގެން ކުރިއަށްދާން މަސައްކަތްކުރާށެވެ! 

  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

 

 

 

މިއަދު އޮންލައިން