ދިރިއުޅުމުގަ ކުރިމަތިވާ ދަތިތަކުން އަރައިގަންނަން ކުރިމަސައްކަތާ ހޯދުނު ކާމިޔާބީ ޙިއްޞާކުރުމަކީ ޘަވާބު ދެއްވަވާނެ ހެޔޮ ޢަމަލެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ދިރިއުޅުމުގަ ކުރިމަތިވާ ދަތިތަކުން އަރައިގަންނަން ކުރިމަސައްކަތާ ހޯދުނު ކާމިޔާބީ ޙިއްޞާކުރުމަކީ ޘަވާބު ދެއްވަވާނެ ހެޔޮ ޢަމަލެއް!: މުފްތީ މެންކް

ބައެއް މީހުންނަށް ވިސްނެނީ އެމީހަކަށް ކުރިމަތިވި ދަތިތަކުން އަރައިގަންނަން ކުރި މަސައްކަތާއި ނެރެވުނު ނަތީޖާ އެހެން މީހަކަށް ކިޔައިދިނުމަކީ ހެދޭ ގޯހެއް ކަމަށެވެ. އެގޮތަށް ވިސްނޭނަމަ އެމީހަކު ހިމެނޭނީ ވަރަށް އަމިއްލަ އެދުން ބޮޑު މީހުންގެ ތެރެއިންނެވެ. 

މީސްތަކުންނަށް ޢިބްރަތަކަށްވާ ކަންކަން ﷲ ތަޢާލާ މިންވަރު ކުރައްވަވަނީ ފިލާވަޅަކަށެވެ! ދަތިކަމެއް ކުރިމަތިވީ ތިމާއަށް ކުރެވުނު ކުށަކުން ކަމުގައިވާނަމަ އެ ކުށް ތަކުރާރު ނުކުރާށެވެ! އަދި ދަތިތަކުން އަރައިގަންނަން ހިތްވަރާއިއެކު ގަދައަޅައި މަސައްކަތްކުރާށެވެ! އަދި އެކަމުގައި ލިބޭ ކާމިޔާބީ އާއި ކުރެވުނު ތަޖުރިބާ އެހެން މިހުންނާއި ޙިއްޞާކުރާށެވެ! 

އެއީ ވަރަށް މަތިވެރި ހެޔޮ ޢަމަލެކެވެ! އެކަމުގެ ސަބަބުން އެހެން މީހުންނަށް ކަންކަން ވިސްނި އެފަދަ ކުށްތައް ކުރެވުމުން ސަލާމަތްވާނެއެވެ! އެއިރުން ތިބާއަށް އެކޮށްދެވެނީ ވަރަށް ބޮޑު ހެޔޮ ކަމެކެވެ. އެކަމަށް ﷲ ތަޢާލާ ތިބާއަށް ޙައްޤު ޖަޒާ މިންވަރުކޮށްދެއްވަވާނެތެވެ! އިން ޝާ ﷲ 

މުހިންމީ ކުރިމަތިވާ ދަތިތައް ހިއްޞާކުރުން އެކަންޏެއް ނޫނެވެ. ދަތިތަކަށް އޮތީ ކެތްތެރިވުމެވެ. ޙިއްޞާކުރަންވީ ދަތިތަކުން އަރައިގަންނަން ކުރި މަސައްކަތެވެ! އެއިރުން އެބާވަތުގެ ދަތިކަން މެދުވެރިވާ އެހެން މީހުންނަށް އެކަން އެގި ދަތިކަމެއްމެދުވެރިވުމުން އަރައިގަންނަން ކުރާ މަސައްކަތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. 

ދަތިޙާލެއްގައި ހުރި މީހަކަށް އެކަމުން އަރައިގަތުމަށް ފޯރުކޮށްދެވޭ ކޮންމެ އެހީތެރިކަމަކީވެސް ހަމަ ޞަދަޤާތެކެވެ. ވީމާ އަރައިގަނެވޭނެ މަގު ދެއްކުން ފަދަ ގޮތްގޮތުން އެހީތެރިވުން ވެސް އެއީ ހަމަ މަތިވެރި ޞަދަޤާތެވެ!

އިންސާނީ ޙަޟާރަތަށް ކުރިއެރުން ލިބޭ އެންމެ ބޮޑު އެއް ސަބަބަކީ ތަޖުރިބާ ހިއްޞާ ކުރުމެވެ. އެހެންކަމުން އެންމެ ކުރީ ޒަމާނުންސުރެ މީސްތަކުން ވަނީ ތަފާތު މައުލޫމާތުތައް ޙިއްޞާކޮށްފައެވެ! މީސްތަކުން ކުރިއެރުމާއި ކާމިޔާބީ ހޯދީ އެފަދަ މައުލޫމާތުގެ ޢަލީގައެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން