ފިރިހެނެއްގެ ޙަޤީޤަތް އޮޅުންފިލުވަން އަނބިމީހާ އާއި ސުވާލުކުރުމަށާއި އަންހެނެއްގެ ޙަޤީޤަތް އޮޅުންފިލުވަން ފިރިމީހާ އާއި ސުވާލުކުރަން ހަދީޘްފުޅުކުރައްވަވާފައިވަނީ ދެމަފިރިންގެ މެދުގައި ކަންކަން ހިނގާ ގޮތާއި ކުރެވޭ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ އެދެމީހުންނަށް ކަމަށްވާތީއެވެ.
އެންމެ ރަނގަޅު މީހާއަކީ އެމީހާގެ ޢާއިލާއަށް އެންމެ ހެޔޮ މީހާ ކަމުގައި އޮތް ޙަދީޘްފުޅުގެ ވާހަކަ ދައްކަން އެބަޖެހެއެވެ. އެ ޙަދީޘްފުޅު އަބަދުމެ ހަނދާނުގައި ބަހައްޓަންވެސް އެބަޖެހެއެވެ.
ބައެއް މީހުންނަކީ ގެއިން ބޭރުގައި އުޅޭއިރު ވަރަށް ރަނގަޅަށް ކަންތައްތައް ކުރާ މީހުންނެވެ. ވިޔަފާރިން ލިބުނު ގެއްލުމާއި އެނޫންވެސް މައްސަލަތަކުން ސިކުނޑިއަށް ކުރާ ބާރު ފިލުވައިލަނީ ގެއަށް ގޮސް ގޭގައި ތިބޭ ބައަކަށެވެ. އެކަން އެހެން ބައަކަށް ނުއެނގި ހިނގައިދާނެއެވެ.
ކުރިމަތިވާ ކަންކަމާއި ގުޅިގެން އަންނަ ރުޅި ގެއަށް ގޮސް ފިލުވަން ނުހަދާށެވެ! އެ ޙަދީޘްފުޅުގައިވާފަދަ މަތިވެރި ދަރަޖައެއް ލިބިގެންދާނީ އެއިރުންނެވެ. ކިތަންމެ ބޮޑަށް ކަންބޮޑުވާންޖެހޭ، ކިތަންމެ ހިތްދަތި ޙާލަތުގައިވެސް ޢާއިލާއަށް ލޯބި ދިނުމުގައި އިހްމާލުނުވާށެވެ!
ޙަދީޘްފުޅުގައި އެވާފަދަ މަތިވެރި ދަރަޖަ ލިބޭނީ ކޮންމެ ޙާލަތެއްގައިވެސް ޢާއިލާއަށް ހެޔޮކޮށްހިތައިގެންނެވެ. ލޯބިދީގެންނެވެ. އަބިމީހާގެ ޙައްޤުތައް އަދާކޮށް ދަރިންގެ މައްޗަށް އަދާކުރަންޖެހޭ ވާޖބުތައް އަދާކޮށްގެންނެވެ.
މުފްތީ މެންކްގެ ދަރުސަކުން