ހިތް ނުއެދޭ ކަންކަން ކުރާ މީހުންނަށް ހަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭ ބައެއް ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ހިތް ނުއެދޭ ކަންކަން ކުރާ މީހުންނަށް ހަޤީޤީ ހިތްހަމަޖެހުމެއް ނުލިބޭ ބައެއް ސަބަބުތައް-

ތިމާ ކުރަން ބޭނުންވާ ބައެއް ކަންކަން ކުރަން އުޅުމުން ހިތް އެކަމަށް ދެކޮޅު ހަދާނެއެވެ. ޚާއްޞަކޮށް ނުބައި ކަމެއް ކުރަން އުޅެވޭނަމަ އެކަން ނުކުރުމަށް ހިތް ބުނާނެއެވެ. ހިތްބުނާ ބުނުން ނަގައި ނުގަނެވޭ ގިނަ ބައަކު އުޅެއެވެ. އެއީ އެމީޙުންނަކީ ޝައިޠޯނާއަށް ހެއްލެވިގެން ތިބޭ ބައަކަށްވާތީއެވެ.

ވިސްނާށެވެ! ތިބާގެ ހިތަކީވެސް ޤިޔާމަތް ދުވަހު ﷲ ތަޢާލާއަށް ޖަވާބުދާރީވާން ޖެހޭނެ ގުނަވަނެއްކަން ތިބާއަށް ނުވިސްނުނަސް ހިތަށް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަށް ހިތް ބިރުވެތިވެއެވެ. ނަމަވެސް އެކަމަށް ތިބާއަށް ބިރުވެތިނުވެވެނީއެވެ. އެއީ ތިބާގެ އަމިއްލަ މައްސަލައެކެވެ.

ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ ކަމެއް ކުރުމުން ވަގުތީ އުފާވެރިކަމެއް ޙާޞިލުކުރެވުނަސް އެކަމުން ކުރާނެ ޙަޤީޤީ ފައިދާއެއް ނެތްކަމާއި ޙަޤީޤީ އުފާވެރިކަމާއި ހަމަޖެހުން ލިބުން ވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުންކަން ތިބާއަށް ހަމަ ނުވިސްނެނީހެއްޔެވެ؟ އެހެންކަމަށްވާނަމަ ތިބާއަށް ތިއަ ހުރެވެނީ ހާދަހައިވާ ބިރުހުރި ފައްތަރެއްގެ މަތީގައެވެ.

ބައެއް މީހުން މީސްތަކުންގެ ރުހުން ހޯދުމަށާއި މަތީ މަޤާމާއި ފައިސާގެ ތަނަވަސްކަމާއި އަދި ލޯބިވެރިޔާގެ ލޯބި ހޯދުން ފަދަ ބޭނުންތަކުގައި ﷲ ތައާލާ ރުހިވޮޑި ނުގަންނަވާ އަދި ނަހީ ކުރައްވަވާފައިވާ ކަންކަން އެބަކުރެއެވެ.

އެފަދަ މީހުން މަސައްކަތް އެކުރަނީ އެމީހާގެ ހިތް އުފާކުރުވުމަށެވެ. ހިތަށް އުފާވެރިކަންހޯދުމަށެވެ. އެމީހުންނަށް ނުއެނގޭ ކަމަކީ އެމީހުންނަށް ހިތް ދެއްވެވީ އެބައެއްގެ ރުހުން ހޯދަންވެގެން އެއުޅޭ މީހުން ނޫންކަމެވެ. ހިތަކީވެސް ﷲ ތައާލާ ދެއްވެވި އެއްޗެއްކަމާއި އެހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިބޭނީ އެހިތުގެ މިލްކުވެރި ﷲ ތަޢާލާ ދެއްވެވުމުން ކަމެވެ.

ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބެނީ ފައިސާ އާއި މަތީ މަޤާމުން ނުވަތަ ބާރުވެރިކަންލިބިގެން ކަމަށްވަނީނަމަ ދުނިޔޭގެ އެންމެބޮޑެތި ބިލިއަނަރުން، އެންމެ ބާރުގަދަ ވެރިން ހިތް ހަމަނުޖެހި ކަންބޮޑުވެ ލޮލުފިޔަ ނުޖެހިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ހާސްކަމާއި ނުތަނަވަސްކަމުގައި ދިރިއުޅެން ޖެހިފައިވަނީ ކީއްވެގެން ހެއްޔެވެ؟

މިފަދަ ހުރިހާ ކަމަކުން ވެސް އެނގިގެންދަނީ ހިތަށް އުފާވެރިކަމާއި ހަމަޖެހުން ލިބުން ވަނީ ﷲ ތަޢާލާ ދެއްވެވުމުން ކަމެވެ. ވީއިރު ހިތް ދެއްވެވި، އަދި ހިތަށް އުފާވެރިކަމާއި ހަމަޖެހުން ދެއްވަވާ ﷲ ތަޢާލާއަށް ރުހިވޮޑި ނުގަންނަވާނެ ކަންކަން ކޮށްގެން ހިތަށް ހޯދައި ދެވޭނީ ކޮން އުފާވެރިކަމެއް، ހަމަޖެހުމެއް ހެއްޔެވެ؟

ވީމާ މީސްތަކުންގެ ރުހުން ހޯދުމަށާއި މަތީ މަޤާމާއި ފައިސާގެ ތަނަވަސްކަމާއި އަދި ލޯބިވެރިޔާގެ ލޯބި ހޯދަންވެސް އެ ހިތް ދެއްވެވި، ހިތުގެ މިލްކުވެރި ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ އެއްވެސް ކަމެއް ނުކުރާށެވެ! އެއިރުން ތިބާގެ ހިތްތިބާއަށް ކުރާނީ ނަފްރަތެވެ! ހިތް ވެއްޓެން ބޭނުން ނުވާ މުޞީބާތްތަކެއްގެ ތެރެއަށް ޥައްޓައިލާތީއެވެ!

--އިސްލާމީ ތިލަފަތުގެދަރުސަކުން

މިއަދު އޮންލައިން