ތިލާވަތުގެ ސަޖިދައެއް ނުކޮށް ނަމަނަމަ ދޫކޮށްނުލާތި! އެއީ ޝައިޠޯނާ ދެރަކޮށް ނިކަމެތިކޮށް ދުރަށް ފޮނުވާލަން ލިބޭ އަގުހުރި ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ތިލާވަތުގެ ސަޖިދައެއް ނުކޮށް ނަމަނަމަ ދޫކޮށްނުލާތި! އެއީ ޝައިޠޯނާ ދެރަކޮށް ނިކަމެތިކޮށް ދުރަށް ފޮނުވާލަން ލިބޭ އަގުހުރި ފުރުޞަތެއް!

ތިލާވަތުގެ ސަޖިދަ ކުރުމާއި ސަޖިދައިގައި ކުރާނެ ދުޢާ އާއި އަދި ބަލީގެ ސަބަބުން ނުވަތަ ގޮނޑީގައި އިންނަން ޖެހުމުން ސަޖިދަ ނުކުރެވޭ ޙާލަތުގައި ޢަމަލުކުރާނެ ގޮތާއިބެހޭ ގޮތުން ގިނަ ބައަކު އަބަދުހެން ސުވާލުކުރެއެވެ. އެހެންވެ ހަނދުމަފުޅު އައުކޮށްލެއްވުމަށްޓަކައި މިގެނެސްދެނީ މިދެންނެވި ފަދަ ހުރިހާ ކަމަކަށް ޖަވާބު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

ޤުރުޢާން ކިޔަވަމުންދާއިރުގައި ތިލާވަތުގެ ސަޖިދައެއް އަތުވެއްޖެނަމަ އެތިލާވަތުގެ ސަޖިދައަށް ސަޖިދަކުރުން އެއީ ވަރަށްބޮޑަށް އެދެވިގެންވާކަމެކެވެ.  

ސަބަބަކީ ތިލާވަތުގެ ސަޖިދައަށް ސަޖިދަކުރާ ހިނދުގައި ޝައިޠޯނާ އެކަމަށް ވަރަށްބޮޑަށް ދެރަވެ ޝައިޠޯނާ ދުރަށް ދާނެކަމަށްވެއެވެ. ޝައިޠޯނާ ބުނާނެކަމަށްވަނީ " ތިމަންނާއަށް ސަޖިދަކުރަން އަމުރުކުރެވުނު ހިނދުގައި ތިމަންނަ އެކަމަށް ދެކޮޅު ހެދީއޭ. އާދަމުގެ ދަރިޔާއަށް ސަޖިދަކުރަން އަމުރުކުރެވުނު ހިނދުގައި އޭނާ ސަޖިދަކޮށްފިއޭ. އެހެންވީމާ އޭނާއަށް ކާމިޔާބު ލިބިއްޖެއޭ." 

ލޮބުވެތި މުސްލިމް އަޚުނާއި އުޚްތުން.! އެހެންވީމާ އަޅުގަނޑުމެންނަށް ސަޖިދަ ނުޖެހޭ ހާލަތެއްގައި މިސާލަކަށް ތަނެއްގައި އިށީންދެގެން ހުރި ނުވަތަ ތަނެއްގެ ދަތިކަމެއްގެ ސަބަބުން ސަޖިދަ ނުޖެހުނީ އެހެންވެއްޖެކަމުގައިވަނީނަމަ ގޮނޑީގައި ނަމާދުކުރައްވާ ބޭފުޅުން ނަމާދުގައި ސަޖިދައަށް ވަޑައިގަންނަވާގޮތަށް ގުދުވެލައްވާނީ. ގުދުވެލައިގެންވެސް އެސަޖިދައިގާ އަޅުގަނޑުމެންނަށް އެއީ ތިލާވަތުގެ ސަޖިދައެއްކަމުގައި ޤަބޫލުކުރެއްވުން އެދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި އަޅުގަނޑުމެން އުންމީދުކޮށް ދަންނަވާނީ.  

އާދެ! ތިލާވަތުގެ ސަޖިދައިގާ ކިޔުމަށް ވަރަށް ގިނަ ދުޢާތައް ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމައިގެ ހަޟްރަތުން ވާރިދުވެގެންވޭ. އޭގެ ތެރޭގައި އަޅުގަނޑުމެން އާއްމުގޮތެއްގައި ނަމާދުގެ ސަޖިދައިގާ މިކިޔާ ’’ސުބްޙާނަ ރައްބިއަލް އަޢުލާ“ މިދުޢާ ކީކަމުގައި ވީނަމަވެސް މައްސަލައެއްނެތް. 

ވީމާ އަޅުގަނޑުގެ އިޚްލާސްތެރި ދުޢާއަކީ އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ އަޅުގަނޑުގެ އަމިއްލަ ނަފްސަށްވެސް އަދި ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށްވެސް އަޅުގަނޑު ދޭންއޮތް ނަޞޭހަތަކީ އަދި ކުރަން އޮތް ވަސިއްޔަތަކީވެސް އިޚްލާސްތެރިކަމާއެކު ވީހާވެސް ގިނައިން ކީރިތި ޤުރުޢާން ކިޔެވޭތޯ ބައްލަވާށޭ. ޤުރުޢާން ކިޔެވުމުގެ އަދަބުތަކަށް ފަރުވާތެރިކަމާއެކީގައި ޤުރުޢާން ކިޔެވޭތޯ ބަލާށޭ. އޭރުން ﷲ އިރާދަކުރެއްވިއްޔާ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންވާ ބައެއްކަމުގައި އަޅުގަނޑުމެން ވެގެންދާނެ! އިން ޝާ ﷲ 

ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތަޢުފީޤް މިންވަރުކުރައްވާށި! އާމިން! ސުބްޙާނަކަ ﷲހުންމަ ވަބިހަމްދިކަ ނައްޝަދުލާއިލާހަ އިއްލާ އަންތަ ނަސްތައުފިރުކަ ވަނަތޫބު އިލައިކަ ވައްސަލާމް ޢަލައިކުމް ވަރަހުމަތުﷲ ވަބަރަކާތުހޫ."  

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

 

 

މިއަދު އޮންލައިން