ތިމާއަކީ ސުވަރުގެ ޙާޞިލްކުރަން މަސައްކަތްކުރާ މީހަކު ކަމުގަވުމަށް ކޮންމެހެން ލިބިގަންނަންޖެހޭ 2 ސިފަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ތިމާއަކީ ސުވަރުގެ ޙާޞިލްކުރަން މަސައްކަތްކުރާ މީހަކު ކަމުގަވުމަށް ކޮންމެހެން ލިބިގަންނަންޖެހޭ 2 ސިފަ!: މުފްތީ މެންކް

ގިނަ ބައަކަށް ވިސްނިފައި އޮންނަނީ އަޅުކަންކުރެވޭނަމަ ސުވަރުގެ ޙާޞިލްކުރެވޭނެ ކަމަށެވެ. އާނއެކެވެ! ސުވަރުގެ ޙާޞިލުކުރަން ބޭނުންނަމަ އަޅުކަންކުރުން ގިނަކުރަން ޖެހެއެވެ. އަޅުކަންކުރުމާއިއެކުވެސް ތިމާގެ ކިބައިގައި ހަރުލައްވަންޖެހޭ ކަންތައްތަކެއްވެސް އެބަހުއްޓެވެ.  

ކޮންމެ އިންސާނަކަށްވެސް ﷲ ތަޢާލާ ވަނީ ވިސްނުމުގެ ބާރާއި ޢަމަލުކުރުމުގެ ބާރު ދެއްވަވައިފައެވެ. އެ ނިޢްމަތްތައް ނުލިބި ހުރިނަމަ އެމީހަކަށް ކުރެވޭ އެއްވެސް ކަމަކުން އެމީހާ ފާފަވެރިއެއް ނުވާނެއެވެ! ވީމާ ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަން އަވަހަށްފަށާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާ މަގުތައް ދައްކަވާނެތެވެ! އެ މަސައްކަތް އެމީހަކު ނުކުރާނަމަ މަގުތައް ހުންނާނީ ބަންދުކުރެވިފައެވެ. 

ހަމަ އެއާއިއެކު ތިމާއަކީ ޚުލްޤް ރަނގަޅު މީހަކަށްވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އެހެން މީހެއްގެ ޙައްޤަކަށް އަރައި ނުގަންނާށެވެ!  މީސްތަކުންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރާށެވެ! މީސްތަކުންނަށް ހެޔޮކޮށް ހިތައި ރިވެތި ގޮތުގައި މުޢާމަލާތުކުރާށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެއިރުން ދާނީ ލިބެމުންނެވެ. އިން ޝާ ﷲ 

ސުވަރުގެ ޙާޞިލުކުރެވޭ ސުވަރުގޭގެ އަހުލުވެރިއަކު ކަމުގައިވުމަށް ކޮންމެހެންވެސް ހުންނަން ޖެހޭނެ 2 ސިފައެއް ވެއެވެ. އެއިގެ ތެރެއިން ފުރަތަމަ ސިފައަކީ ﷲ ތައާލާ އާއި ބަދަހި ގުޅުމެއް އޮތް މީހަކު ކަމުގައިވުމެވެ. އެކަން ޙާޞިލުކުރެވޭނީ ﷲ ތަޢާލާ އަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެގެންނެވެ. ﷲ ތައާލާ ނަހީކުރެއްވެވި އެންމެހައި ކަންކަން ކުރުމުން ދުރުހެލިވެ، އަދި ކުރަން އެންގެވި އެންމެހައި ކަންކަން ކުރުމުންނެވެ. 

ދެވަނަ ކަމަކީ ﷲ ތަޢާލާ އުފެއްދެވި އެންމެހައި މަޚްލޫޤުންނާއި ގާތް ގުޅުމެއް ބޭއްވި މީހަކު ކަމުގައިވުމެވެ. މާނައަކީ ރިވެތި އަޚްލާޤްގައި މީސްތަކުންނާއި މުޢާމަލާތުކޮށް މީސްތަކުންނަށް ހެޔޮކޮށް ހިތައި މީސްތަކުންނަށް އެހީތެރިވެދީ މީސްތަކުންނަށް އިޙްތިރާމްކުރާ މީހަކު ކަމުގައިވުމެވެ. އެހެން މީހުންގެ ޙައްޤުތަކަށް އަރައި ނުގަންނަ މީހަކު ކަމުގައިވުމެވެ.  

ވީމާ ސުވަރުގެ އެދޭ މީހާ އެކަމަށް އެދިމަސައްކަތްކުރަން ފެށުމުގެ ތަޅުދަނޑިއަކީވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަންފެށުމެވެ. އެކަމުން ފަށައިގަންނާށެވެ!

 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން