ފުރަތަމަ ކަމަކީ ތިމާ ރުހޭ ސިފަތައް ބޭރުފުށުން ފެންނަން ހުރިނަމަ ޚާއްޞަކޮށް ތަނަވަސްކަން ހުރިނަމަ އެމީހަކާއި ގުޅެން ބޭނުންވެވޭ ކަމެވެ. އެކަން ނިންމަނީ އޭނާގެ ޙަޤީޤީ ސިފަތަކަށް ނުވެސް ބަލައެވެ.
އޭނާގެ ޙަޤީޤީ ސިފަތައް އެނގެނީވެސް ދެމީހުން ލޯބިވެގެން އުޅޭތާ އެތައް ދުވަހެއް ފަހުންނެވެ. ދެންވާގޮތަކީ އޭނާގެ ކިބައިގައި ހުންނަ ތިމާގެ ހިތް ނުއެދޭ ސިފަތައް ފަހުން ބަދަލުކުރާނެ ކަމުގެ އުންމީދުގައި ކައިވެނިކުރަނީއެވެ.
ކައިވެނިކުރުމުންވެސް އެސިފަތައް ބަދަލުިނުކުރުމުން ދެން ވިސްނެނީ ދަރިން ލިބުމުން ހަރުދަނާވެ އެސިފަތައް ބަދަލުކުރަނީއެވެ. އެވިސްނުމުގައި ހުރެ އެތައްބައިވަރު ކުދިންވެސް ހޯދަނީއެވެ. އެހިސާބުން ތިމާގެ ދެއަތް ތަޅުލެވެއެވެ. ވަކިވެވެން ނެތި ގޮސްހުސްވެއެވެ. ހިތްހަމަޖެހުމެއް ނުލިބި ދިރިއުޅެން މަޖުބޫރުވެއެވެ.
ޙައްލު:
ތިމާގެ ބައިވެރިއަކަށް ކިތަންމެ ކަމުދާ ސިފަތައް ހުރި މީހަކާއި ބައްދަލުވިނަމަވެސް ފުރަތަމަ ކަމަކަށް އޭނާގެ ޙަޤީޤީ ސިފަތައް ދަސްކުރާށެވެ. ތިބާއަށް ކަމުނުދާ ސިފަތައް ހުރިނަމަ އެސިފަތައް ފާހަގަކޮށް އިޞްލާޙްކުރަން ބުނާށެވެ. އިޞްލާޙްކުރާނެކަމަށް ނުގުޅޭށެވެ. އިޞްލާޙްކުރުމުން ގުޅޭށެވެ.
ކައިވެނިތައް ރޫޅެން އަދި ޒަވާޖީ ޙަޔާތަކީ ވޭނަކަށްވެގެންދާ އެންމެ ބޮޑު އެއް ސަބަބަކީ މިބުނި ކަންކަމަށް ސަމާލުކަން ނުދެވޭ ކަމެވެ.
- ޑރ. އިބްރާހީމް އިޤްބާލް