ކޮންމެ މީހަކުވެސް ބުނާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި އެކަލާނގެ ޙަޟްރަތުން ރަޙްމަތާއި ނިޢުމަތްތައް ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަންކަމަށް އެދިގެން މަސައކަތްކުރެވެނީ ހާދަމަދު މީހަކަށެވެ. މިއީ އެންމެ ހިތާމަހުރި އެއް ކަންތަކެވެ.
"ﷲ އަށްޓަކައި ތިބާ ހޭދަކުރި އެއްޗެއްގެ ބަދަލު މާފުރިހަމައަށް ދެއްވަވާނެތެވެ. ޞަދަޤާތެއް ކޮށްފިނަމަ ހޭދަކުރި މިންވަރަށްވުރެ މާގިނަ ޢަދަދަކަށް އިތުރުކުރައްވަވައި އެމީހަކަށް އަނބުރައި ދެއްވަވާނެތެވެ. ކުރާ ކޮންމެ ޞަދަޤާތަކީ އިންދާ އޮށެއްފަދަ އެއްޗެކެވެ. އެއޮށުން ގަސްފަޅައި އެގަހުން އެތައް ބައިވަރު ލިބެއެވެ."
މިފަދަ ބަސްތަކުގެ މާނައަކީ ހަމައެކަނި އަތުން ހޭދަކުރާ އެއްޗެއްކަމުގައި ނުދެކޭށެވެ. ﷲ ތަޢާލާގެ މަގުގައި ތިބާގެ ދިރިއުޅުމަށް ގެންނަ ކޮންމެ ބަދަލަކީވެސް ހަމައެފަދަ ކަމެކެވެ. ކުރާ ކޮންމެ ހެޔޮ ޢަމަލަކީވެސް އެފަދަ ކަމެކެވެ. އެކަންކަމުގެ ބަދަލު ﷲ ތަޢާލާ މާފުރިހަމަ ގޮތުގައި ދެއްވަވާނެތެވެ.
ވީމާ ޞަދަޤާތް ކުރެވޭނެ ތަނަވަސްކަން އަތުގައި ނެތުމަކީ މައްސަލައެއް ކަމަށް ނުދެކޭށެވެ. ﷲ ތަޢާލާގެ މަގުގައި ސާބިތުވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ. ކިތަންމެ ކުރު ޛިކުރު ނަމަވެސް ކުރަމުންގެންދާށެވެ. ވީހައިގިނައިން ﷲ ތަޢާލާ ހަނދުމަކުރާ މީހަކު ކަމުގައިވާށެވެ.
މިއީ ކިތަންމެ ކުދުކުދި އަދި ކުރަން ފަސޭހަ ޢަމަލުތައް ނަމަވެސް މިކަންކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތާއި ނިޢްމަތް އިތުރުވުމަށް އެދޭ މީހާއަށް ހުރި ފުރުޞަތުތަކެވެ. މިހައި ލުއިފަސޭހަގޮތުގައި ފުރުޞަތުތައް މިންވަރުކުރައްވަވާފައި މިވަނީ ހަމަ އަހަރެމެންގެ ފައިދާއަށެވެ. އޮތީ ފުރުޞަތުގެ ބޭނުން ހިފައި އެކަމަށް މަސައްކަތްކުރުމެވެ. މަސައްކަތްކުރެވިއްޖެނަމަ އެމީހަކަށް ދުނިޔޭގައާއި މަރުވުމަށްފަހު އެކަމުގެ ފައިދާތައް ކުރާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން