"އިސްތިޚާރާ ނަމާދުކޮށް ދުޢާކުރާތާ އެތައް ދުވަހެއްވާއިރުވެސް ޙައްލެއް ނުވިސްނޭތީ" ގިނަ ބައަކު މެދުކެނޑުމެއްނެތިހެން ޝަކުވާކުރެއެވެ. ތަފާތު ސުވާލުތައް ކުރެއެވެ. ގޮތެއް ނުވިސްނި ދިގުލައި ދިއުމުން ބައެއް މީހުން މާޔޫސްވެ ކެތްތެރިކަން ކޮޅުންލާކަން ބައެއް ކިޔުން ތެރިން ގެންދަނީ ހާމަކުރަމުންނެވެ.
އިސްތިޚާރާކޮށް ދުޢާކުރައްވާ ކިޔުންތެރިންނަށް ހިތްވަރުއެރުވުމުގެ ގޮތުން މީގެ 10 ވަރަކަށް ދުވަސްކުރިން މިއަދުނޫހުގެ ކިޔުންތެރިއަކަށް މެދުވެރިވި ކަމެއް ފާހަގަކޮށްލާނަމެވެ. ކުއްލިއަކަށް އޭނާއަށް ލިބުނު ދަޢުވަތެކެވެ. ވަރަށް މުހިންމު ބައްދަލުވުމަކަށް ލިބުނު ދަޢުވަތެކެވެ.
ދަޢުވަތުލިބުމާއިއެކު އޭނާ އިސްތިޚާރާކުރިއެވެ. އިސްތިޚާރާކޮށްގެން މުސައްލަމަތީގައި އިންދާ ދިއުން ރަނގަޅުނޫން ކަމަށް ވިސްނިއްޖެއެވެ. ތެދުވެ ލަފާހޯދުން އެންމެ އެކަށީގެންވާ އެތައް ބައަކަށް ގުޅުމުންވެސް ބުނީ ނުދިއުމަށެވެ. ދާށޭ ބުނާނެކަމަށް ބެލެވުނު މީހުންނަށް ގުޅުމުންވެސް ބުނީ ނުދިއުމަށެވެ. އެހެންވެ ނުގޮސް މަޑުކޮށްލައިގެން އިންދާ އަނެއް ދުވަހު އެނގުނީ އެބައްދަލުވުމަކީ އޭނާގެ ހަތަރުއުދަރެސް ފެނުޖައްސުވާލަން އިންތިޒާމުކުރި ބައްދަލުވުމެއްކަމެވެ.
މިހުންނަނީވެސް ދިމާވާ ގޮތެވެ. އަނެއްބައި މީހުންނަށް އެތައް ދުވަހެއްވަންދެން ޙައްލަކަށް އިންތިޒާރުކުރަން އެބަޖެހެއެވެ. ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިބާވަތުގެ ކަންކަމަކީ ކަނޑައެޅިގެން ވަކި މުއްދަތަކުން ޙައްލުކުރެވޭނެ ނުވަތަ މަގެއް ފެންނާނެ ކަމަށް ބުނެވެން އޮންނަ ކަންކަމެއް ނޫނެވެ. އެހެންކަމުން އޮތީ ކެތެރިވެލައިގެން ހުރުމެވެ.
ތިރީގައިވާ ލިޔުމަކީ ޙައްލު ނުފެނި ގިނަދުވަސްތައް ފާއިތުވަމުންދާތީ މާޔޫސްކަމުގައި ތިބެންޖެހިފައިވާ މީހުންނަށް ޢިބްރަތްތެރި ލިޔުމަކަށްވާނެ ކަމަށް އުންމީދުކުރަމެވެ. އެލިޔުމުގައި އެވަނީ މާގިނަދުވަސްވީ ކަމެއްގެ ވާހަކައެއް ނޫނެވެ. މީގެ 4އަހަރެއްވަރު ކުރީގައި ހިނގާފައިވާ ކަމަކާއި ގުޅިގެން އެއިރު ޝާއިޢުކުރި ލިޔުމެކެވެ. ވިދާޅުވެލައްވާށެވެ!
އޭނާއަކީ ދިރިއުޅުމުގައި ވަރަށް ގިނަ ތަފާތު މައްސަލަތައް ކުރިމަތިވެ ވަރަށް ހިތްދަތިކަމާއިއެކު ޙަޔާތް ހޭދަކުރަމުން ގެންދާ އަންހެނެކެވެ. ގިނަ މައްސަލަތަކަކާއިއެކުވެސް ހިތްވަރު އެލުވާ ނުލައި ދިރިއުޅެމުން އަންނަ އަންހެނެކެވެ. އެކަނި 4 ދަރިން ބަލައި ބޮޑުކުރި ކެތްތެރި ހިތްވަރުގަދަ އަންހެނެކެވެ. އޭނާއަކީ ދީންވެރިއެކެވެ. ކޮންމެ ޙާލެއްގައިވެސް ދަމުނަމާދާއި ފަތިސްނަމާދުވެސް ކުރަމުން އަންނަ އަންނަ ތަޤްވާވެރި އަދި އަޅުކަމުގައި މުރާލި އަންހެނެކެވެ.
އޭނާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ޙައްލުކުރުމާއިމެދު ޢަމަލުކުރާނެ ގޮތެއް ނިންމަން އޭނާއަށް ވަރަށް އުނދަގޫވިއެވެ. އެތައް ގިނަ މައްސަލަތަކެއް އެކަމުގައި ހުރުމުންނެވެ. ދީނީ ޢިލްމުވެރިންގެ އިރުޝާދާއިއެކު އޭނާ އިސްތިޚާރާ ނަމާދުކޮށް ދުޢާ ކުރީ އެރޭގެ ދަންވަރު 2 އާއި 3 އާއި ދެމެދުގެ ވަގުތެއްގައެވެ.
ހެނދުނު 9 ޖަހާ އެހާކަންހާއިރު އަތަށް އެރި ލިޔުމުމަކުން ސާފުވެގެންދިއައީ ޢަމަލުކުރަންވީ ގޮތެވެ! ލިޔުން ފޮނުވީ ފޮނުވަންޖެހޭ ފަރާތުންނެވެ. ވީމާ އެކަމުގައި އިތުރަށް ވިސްނާކަށްވެސް ނުޖެހުނެވެ. ކުރިއަށްދާންވީ މަގު ދިއައީ ފެނިގެނެނެވެ.
މިއީ މިއަދުނޫހާއި ވަރަށް ބޮޑަށް ގުޅުން އޮތް، މިއަދުނޫހުގެ ކިޔުންތެރިއަކަށް ހަމަ މިއަދު ކުރިމަތިވި ކަމެކެވެ. ކަންކަން ހިނގައިދިއައީ ހިނގަމުންދާ ގޮތްވެސް އެނގޭ ޙާލަތުގައެވެ. ވީމާ މިކަން ހިނގައި މިދިއައީ މިއަދުނޫހަށް ޔަޤީންކުރެވޭ ގޮތަށެވެ.
ކޮންމެ މީހަކަށް ކޮންމެ ކަމެއް އެއްގޮތަކަށް މެދުވެރިނުވެދާނެއެވެ. ބައެއް ކަންކަން ﷲ ހިންމަވައި ދެއްވަވަނީ ލަހުންނެވެ. އަނެއްބައި ކަންކަން ހަމަ ވަގުތުން ކަމަށް ބުނުމުގެ ފުރުޞަތު ލިބިގެންދަނީ މިފަދަ ކަންކަން މިގޮތަށް މެދުވެރިވަމުން އަންނާތީއެވެ.
ދީނީ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ އިޚްލާޞްތެރިއަކު އިޚްލާޞްތެރިކަމާއިއެކު ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެ ކަމަށެވެ. އަނިޔާ ލިބެމުންދާ މީހާގެ ދުޢާ އާއި ﷲ ގެ ޙަޟްރަތާއިމެދު އެއްވެސް ހުރަހެއް ނެތް ކަމަށެވެ.