ނަމާދުކުރުމުގައި ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ކޮންމެ ރަކްޢަތެއް ގައި ކިޔަވަންޖެހޭ ސޫރަތުލްފާތިޙާ ނުވަތަ އަލްހަމްދް ތަޖުވީދުމަގުން ކިޔަވަން އެނގުމެވެ. ލިޔުމުގައިވާ ވީޑިއޯގައި އެވަނީ 2 ޙަރަމްފުޅުގެ އިމާމް، ޝައިޚް ޢަބްދުއްރަޙްމާން އިބުން ޢަބްދުލްޢަޒީޒް އަލްސުދައިސް ގެ އަޑުފުޅުން ކީރިތި ޤުރްއާނުގެ ފުރަތަމަ ފޮތެވެ. ފެށިގެންދާނީ އަލްޙަމްދުންނެވެ.
ތަކުރާރުކޮށް އަޑުއައްސަވާލައްވައި ތިމާއަށް މިކިޔެވެނީ ރަނގަޅަށްކަން ޔަޤީންކޮށްލުން ކީއްތޯއެވެ؟ ތަޖުވީދުމަގުން ރިވެތިކޮށް ކީރިތި ޤުރްއާން އުނގެނެން ބޭނުންނަމަ އެމީހަކު ބޭނުން ކޮންމެ ޤާރީއެއްވެސް އިޚްތިޔާރުކުރެވިދާނެއެވެ. މުހިންމު ކަމަކީ ތަޖްވީދުމަގުން ކިޔަވަން އެނގުމެވެ.
ޝައިޚް ޢަބްދުއްރަޙްމާން އިބުން ޢަބްދުލްޢަޒީޒް އަލްސުދައިސްގެ އަޑުފުޅުންފުރަތަމަ ފޮތް:
https://www.youtube.com/watch?v=mvbMrZA6LdE
ޝައިޚް ޢަބްދުއްރަޙްމާން އިބުން ޢަބްދުލްޢަޒީޒް އަލްސުދައިސްއަކީ ކޮންބޭފުޅެއް؟
ދެ ޙަރަމްފުޅު ބަލަހައްޓަވާ ޝައިޚް ޢަބްދުއްރަޙްމާން އިބުން ޢަބްދުލްޢަޒީޒް އަލްސުދައިސް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 10 ފެބްރުވަރީ 1960 ގައި ސަޢުދިޢަރަބިޔާގެ ވެރިރަށް ރިޔާޟް ގައެވެ.
ޢުމުރުފުޅުން 12 އަހަރުގައި ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ހުންނެވި ޙާފިޡެކެވެ. 1984 ވަނަ އަހަރު ޢުމުރުފުޅުން އެންމެ 22 އަހަރުގައި ޙަރަމްފުޅުގައި އިމާމްވެ ހުކުރު ކުރެއްވެވުމުގެ ޝަރަފް ހޯއްދެވިއެވެ. 2005 ވަނަ އަހަރު "އަހަރުގެ އިސްލާމީ ޝަޚްޞިއްޔަތު"ގެ އެވޯޑް ލިބިވަޑައިގެންނެވިއެވެ.
އިސްލާމީ ޝަރީޢާ އިން މަތީ ތަޢްލީމް ޙާޞިލުކުރައްވައިގެން ހުންނެވި އިމާމް ސުދައިސްގެ މިހާރުގެ ރަސްމީ މަޤާމަކީ "ޖެނެރަލް ޕްރެޒިޑެންޓް ފޮރ ދަ އެފެއާޒް އޮފް ދަ 2 ހޯލީ މޮސްކްސް" އެވެ. މިއީ ސައުދިޢަރަބިޔާގައި ވަޒީރުންގެ ފެންވަރުގެ މަޤާމެކެވެ.
ޝައިޚް ޢަބްދުއްރަޙްމާން އިބުން ޢަބްދުލްޢަޒީޒް އަލްސުދައިސް ވަނީ އެތައް މިލިއަން މުސްލިމުންގެ ލޯބި ހޯއްދަވައިފައެވެ. ކީރިތި ޤުރްއާން ކިޔަވައިވިދާލުވާ ރާގަށް އެތައް މިލިއަން ބައަކު ލޯބިކުރެއެވެ. އެ ރާގަށް ކިޔަވަން އެތައް މިލިއަން ދަރިވަރުންނާއި މީހުން މަސައްކަތްކުރެއެވެ!
ޝައިޚް ޢަބްދުއްރަޙްމާން އިބުން ޢަބްދުލްޢަޒީޒް އަލްސުދައިސްއަކީ ޓެރަރިޒަމާއި ދެކޮޅަށް ބަސްފުޅު ވިދާޅުވަމުން ގެންދަވާ ބޭފުޅެކެވެ. ފަލްސްޠީނުގެ މައްސަލައިގައި އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާތީ އެމަނިކުފާނަށް އިސްލާމް ދީނުގެ ޢަދުއްވުން އިންތިހާއަށް ނަފްރަތުކުރެއެވެ. އެމެރިކާއަށާއި ކެނެޑާއަށް ވަޑައިގަތުންވެސް މަނާކޮށް ހުއްޓުވިއެވެ.
ޝައިޚް ޢަބްދުއްރަޙްމާން އިބުން ޢަބްދުލްޢަޒީޒް އަލްސުދައިސްގެ ކާމިޔާބީން ލިބިގެންދާ އެންމެ ބޮޑު ފިލާވަޅަކީ ސާބިތުކަމާއިއެކު އިސްލާމް ދީނަށް ޚިދުމަތް ކުރުމުގައި ދެމިހުރެއްޖެ ނަމަ ކާމިޔާބީ ހަމަ ކޮންމެ މީހަކަށްވެސް ލިބިގެންދާނެއެވެ. މީސްތަކުންގެ ލޯބިވެސް ލިބިގެންދާނެ ކަމެވެ.
އިންޑިއާގެ ވެރިކަން ހިންގާ ޕާޓީގެ ތަރުޖަމާނު ދާދިފަހުން ރަސޫލް ﷺ އަށް ފުރައްސާރަކުރި މައްސަލަ ކުށްވެރިކުރުމުގައި ސައުދީގައި އެންމެ އިސްކޮށް ހުންނެވީވެސް ޝައިޚް ސުދައިސްއެވެ.