ކޮންމެ މީހަކަށްވެސް އޮތީ އެމީހެއްގެ ފުރާނައަށް ދިރުންދޭން މަސައްކަތްކުރުމެވެ. ފުރާނައަށް އުފާވެރިކަން ހޯދައިދޭން މަސައްކަތްކުރުމެވެ. ކޮންމެ މީހަކަށްވެސް ޙަޤީޤީ އުފާވެރިކަން ލިބެން އޮތީ އެއިރުންނެވެ.
މައިމީހާގެ ބަނޑުގައި އޮއްވައި ފުރާނަ އެޅުއްވެވީންސުރެ އެއްވެސް މީހެއްގެ ފުރާނަ އެމީހަކާއި ވަތްކެއް ނުވެއެވެ. ވަކިވަނީ ހަމައެކަނި އޭނާގެ ހަށިގަނޑާއެވެ. ފުރާނަ އެމީހަކާއެކު ދެމިގެންވެއެވެ. ކައްވަޅުގައިވެސް އަދި އާޚިރަތް ދުވަހުވެސް އެމީހަކާއިއެކު ވާނެއެވެ. ކައްވަޅުގައި ޢަޛާބު ލިބުނަސް އަދި ނަރަކައަށް ވަންނަންޖެހި ނަރަކައިގައި ޢަޛާބު ލިބުނަސް އެމީހަކާއިއެކުގައި ފުރާނަވާނެއެވެ. ކާފިރުންގެ ނުވަތަ ނަރަކައަށް ވަންނަން ޖެހޭނެ މީހުންގެ ފުރާނަ މަލާއިކަތުން ހިއްޕަވާ ވަޤުތު ފުރާނަ އެމީހެއްގެ ހަށިގަނޑުން ނުކުންނަން ދެކޮޅުހަދަނީ އެހެންވެގެންނެވެ.
މީސްތަކުންނޭވެ! ފާފަނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ނަމަވެސް އިންސާނުން ކަމަށްވީތީ ފާފަވެސް ކުރެވޭނެއެވެ. އަހުރެމެންނަށް އޮތީ ފާފައެއް ކުރެވުމުން އަވަހަށް ތައުބާވުމެވެ. ވިއްދައިގެން ހެޔޮ ޢަމަލެއްކޮށް ފާފަކުރުމުން ލިބުނު 1 ޢަޛާބުގެ ބަދަލުގައި ހެޔޮ ޢަމަލެއްކޮށް 10 ޘަވާބު ހޯދަން މަސައްކަތްކުރުމެވެ. ފުރާނައަށް އުފާވެރިކަމާއި ދުޅަހެޔޮކަން ލިބެން އޮތީ އެއިރުންނެވެ.
މިރޭވެސް ހަނދާންކޮށްލައިދޭނަމެވެ. މިފާފަކޮށްލާފައި ތައުބާވާނީ ކަމަށް ހިތަށް އަރުވައިގެން ފާފަނުކުރާށެވެ! އެއިރުންވާނީ ފާފަކުރެވުނު ކަމަކަށް ނޫނެވެ. ފާފަކުރި ކަމަށެވެ. ފާފަކުރެވުމާއި ފާފަކުރުމަކީ މުޅިން ތަފާތު ދެކަމެކެވެ.
ފާފަ ކުރެވުނަސް ފާފަކުރިނަމަވެސް ﷲ ތަޢާލާގެ ރަހްމަތަށް މާޔޫސްނުވާށެވެ! ތައުބާވުމަށް އަވަސްވެގަންނާށެވެ. އިޚްލާޞްތެރިކަމާއިއެކު ތައުބާވުމުން އެމީހާގެ ފާފަތައް ފުއްސަވައިދެއްވަވައި ﷲ ތަޢާލާ އެމީހަކަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން