ކަމެއް ކުރިމަތިވުމުން ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެކަމުން ސަލާމަތްވެވޭނެ އިތުރު އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެހެން އެވަނީ ތިމާ އާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން ޔަޤީންނުކުރެވޭތީއެވެ. އެކަން ޔަޤީންކުރެވޭ މީހާ ހުންނާނީ ކުރިމަތިވި ކަންތަކުން ސަލާމަތްވެވޭނެ ކަމުގެ ޔަޤީންކަމުގައެވެ. އަދި އެޔަޤީންކަމުގައި ހުރެވޭ މީހަކު އެކަމަކުން ސަލާމަތްކުރައްވަވާނެތެވެ.
އެކަން ޔަޤީންކުރެވެނީ ކީރިތި ޤުރްއާނުންނެވެ. ފިރުއަޢުނުގެ ބިޔަ ބޮޑު ވަރުގަދަ ލަޝްކަރު މޫސާގެފާނާއި މޫސާގެފާނުގެ އަރިއަހުގައިވީމީހުން ވަސައިލި ވަޤުތުގެ ވާހަކައިންނެވެ. ކުރިފުޅުމަތީގައި އޮތީ ކަނޑެވެ. ވަދައިގެންނެވޭނެ އެއްވެސް ދިމާއެއް ނެތެވެ. އަރިއަހުގައި ތިބި މީހުން މާޔޫސްވެ އަމާންދިނެވެ. އެހިނދުގައި މޫސާގެފާނު ވިދާޅުވީ ތިމަންކަލޭގެފާނުގެ ވެރި ރައްބު ތިމަންކަލޭގެފާނާއި ތިއަބައިމީހުން ސަލާމަތްކުރައްވަވާނެކަމަށެވެ.
ވިސްނައި ޔަޤީންކުރަންވީ ބައަކު ތިމާ ވަށާލައި އަނިޔާކޮށްފާނެކަމަށް އެކަންޏެއް ނޫނެވެ. ކޮންމެ ފަދަ ކަމެއްވެސް ކުރިމަތިވެދާނެ ކަމަށެވެ. އަދި އެކަމަކުން ﷲ ތަޢާލާ ތިމާ ސަލާމަތްކުރައްވަވާނެ ކަމަށެވެ. އެޔަޤީންކަން ލިބޭނީ އެންމެ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރި ވެވިގެންނެވެ.
ވިޔަފާރި ބަނގުރޫތުވިޔަސް، ފަޤީރު ޙާލެއް ކުރިމަތިވިނަމަވެސް، ބައްޔެއްގައި އުޅެންޖެހުނަސް، ޢާއިލާ ރޫޅި އެކަނިވެރިވީނަމަވެސް މާޔޫސްނުވެ ހުރެވޭނެ ހަމައެކަނި ގޮތަކީ ތިމާ އާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން ޔަޤީންކުރެވޭ މީހާ ހާސްވެ ކަންބޮޑެއް ނުވާނެއެވެ. ﷲ ތަޢާލާގެ ރަހްމަތް ތިމާއަށް ލިބެމުންދާނެކަން ޔަޤީންކުރެވޭނެއެވެ. އެއިރުން ހުރެވޭނީ އުފަލުގައެވެ. ހިތްހަމަޖެހިގެންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން