ބަލަންވީ ވަރަށް ނުބަލާ ރުޅިއިސްނުކުރާތި! ހަމަޖެހިގެން އުފަލުގަ އުޅެމުންދަނިކޮށް ކުއްލިއަކަށް އަނބިމީހާއަށް ބޮޑެތި ބަދަލުތަކެއް އަންނަނަމަ ސިހުރުގެ ޢަލާމާތަކަށްވުން ކައިރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 34ސ
ބަލަންވީ ވަރަށް ނުބަލާ ރުޅިއިސްނުކުރާތި! ހަމަޖެހިގެން އުފަލުގަ އުޅެމުންދަނިކޮށް ކުއްލިއަކަށް އަނބިމީހާއަށް ބޮޑެތި ބަދަލުތަކެއް އަންނަނަމަ ސިހުރުގެ ޢަލާމާތަކަށްވުން ކައިރި!

ދެމަފިރިން ލޯބިން އެކުގަ އުޅެމުންދަނިކޮށް އެކަކަށް ކުއްލިއަކަށް ބޮޑެތި ބަދަލުތަކެއް އަންނަމަ ރުޅިއިސްކުރުމުގެ ކުރިން ކަމުގެ ޙަޤީޤަތް ބަލަންވާނެއެވެ. ޔަޤީންކުރަންވާނެއެވެ. ސިޙުރާ އެސްފީނާގެ ކަންކަން އިންތިހާއަށް އިތުރުވަމުން އަންނައިރު ހުރިހާ ކަންކަމަށް ވަރަށް ބޮޑަށް ބަލަންޖެހޭނެއެވެ.  

މިފަދަ ކަންކަން ކުރިމަތިވާތީ ތަފާތު ޢިބާރާތުން އަބަދުވެސް ސުވާލުތައް ލިބެއެވެ. އެހެންކަމުން އެހީއެއްގެ ގޮތުން ބުނެލަން އޮތީ ބައިވެރިޔާގެ ކިބައިން އެފަދަ ބަދަލެއް ފެންނަނަމަ އަދި ނުފެނުނަސް ތިރީގައިވާ ލިޔުމަކީ ލޯބިން އެކުގައި ދިރިއުޅެން ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ 

ދެމަފިރިން ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން ދަނިކޮށްވެސް ބައެއް ފަހަރު އަނބިމީހާއަށް ނުވަތަ ފިރިމިހާއަށް ނަމަވެސް ކުއްލިއަކަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފާނެއެވެ! ރުޅިގަދަވާންވެސް ފަށައިފާނެއެވެ! އަދި ދިރިއުޅުންމަތިން ފޫހިވެސް ވެދާނެއެވެ! ފެންވަރައި ތާހިރުވާންވެސް ބޭނުންނުވެދާނެއެވެ!  

މިފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ހިތްހަމަ ނުޖެހި، ރުޅި އައުމުގެ ބަދަލުގައި މައްސަލައިގެ ޙަޤީޤަތް ހޯދަން މަސައްކަތްކުރަންވާނެއެވެ! އެއީ ބައެއް ފަހަރު އެކަންކަން ކުރިމަތިވަނީ ފިރިމީހާގެ ނުވަތަ އަނބިމީހާގެ ސަބަބުން ނަމަވެސް ހުރިހާ ފަހަރަކު އެންމެންނަށް އެކަންކަން ކުރިމަތިވަނީ ފިރިމީހާގެ ނުވަތަ އަނބިމީހާގެ ސަބަބުންކަމަށް ދެކެގެން ނުވާނެއެވެ. އެހެންވީމާ އެގޮތްގޮތް މެދުވެރިވަނީ ފިރިމީހާ ނުވަތަ އަނބިމީހާގެ މަތިން ފޫހިވެގެން ވަކިވާން ބޭނުންވެގެން ކަމަށް ބަލައި އެހައިފަސޭހައިން ނިންމައިނުލާށެވެ!  

މިމައްސަލަ ގިނައިން ކުރިމަތިވަނީ އަންހެނުންނަށެވެ. އަނބިންނަށެވެ. އެހެނީ ޢާންމު ގޮތަކަށް ބަލައިފިނަމަ މީހުން ހަދާ ސިހުރުގެ ސަބަބުން ޖިންނީގެ އުނދަގޫ ގިނައިން ފޯރާނީ އަންހެނުންނަށެވެ. އެއީ ސިހުރުވެރިން އެގޮތަށް ސިހުރު ހަދާތީއެވެ.  

އެކަން އެގޮތަށް ކުރަނީ ތަފާތު ސަބަބަބުތަކަށްޓަކައެވެ. އެއިގެ ތެރެއިން އެންމެ ބޮޑު އެއް ސަބަބަކީ ފިރިހެނަކަށް އެންމެ ބޮޑު ގެއްލުމެއް ނުވަތަ އަނިޔާއެއް ދޭން އެންމެ ފަސޭހަ ގޮތަކީ ޢާއިލާގެ ތެރޭގައި މައްސަލަތައް އުފެއްދުވުމުން ކަމުގައިވާތީއެވެ. ހާސްކަމާއި ކަންބޮޑުވުމުގެ ތެރެއަށް ފިރިހެނަކު ވައްޓާލަން އެންމެ ފަސޭހަ އެއް ގޮތަކީ ގޭތެރޭގައި ހަމަނުޖެހުން އުފެއްދުވުން ކަމުގައިވާތީއެވެ!  

އަނބިމީހާއަށް ސިހުރު ޖެހުމުން އޭނާގެ ކިބައިން މައްސަލަތައް އިތުރުވެއެވެ! ސިހުރުގެ ސަބަބުން ޖިންނި އަވަލައިފި ނަމަ އަނބިމީހާ އަބަދު ހުންނާނީ ރުންކުރުވެ ރުޅިގަދަވެފައެވެ. ދެމަފިރިންގެ މެދުގައި އަބަދުވެސް އޮންނާނީ ހަމަނުޖެހުމެވެ. ކުދިކުދި ކަންތައްތަކުގައިވެސް ޒުވާބުކުރާނެއެވެ! އަބަދުހެން ހުންނާނީ ކުނި މޫނު ދައްކައިގެންނެވެ. ގޭތެރޭގެ ކަންތައް ކުރުމުގައިވެސް ފަރުވާކުޑަކުރެވެން ފަށާނެއެވެ!

ހަމަ އެއާއިއެކު މިފދަ ކަންކަން ދިމާވުމުން ނޭވާލުމަށް އުނދަގޫވެ ވަރަށް ފަސޭހައިން ކުދިކުދި ކަންކަމާއިވެސް ކަންބޮޑުވާން ފަށާނެއެވެ!  

އަނބިމީހާގެ ކަންކަން މިޙާލަތަށް ހިނގައްޖެ ނަމަ ފިރިމީހާއަށް އަބަދުވެސް އުޅެން ޖެހޭނީ ޢާއިލީ މައްސަލަތަކުން ސަލާމަތް ނުވެވިގެންނެވެ. ދެމަފިރިންގެ ކޯޅުންތަކުން މިންޖު ނުވެވިގެންނެވެ. މިހާލަތު ކުރިމަތިވުމުން ވަޒީފާ އަދާކުރާ މީހެއްނަމަ ވަޒީފާ އަދާކުރަން ހުރަސްތައް ކުރިމަތިވެއެވެ. އަމިއްލަ މަސައްކަތް ކުރާ މީހަކު ނަމަ މަސައްކަތަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން މަސައްކަތް ފޭލިވެ ބަނގުރޫޓުވެސް ވެފައި އެބަހުއްޓެވެ. ޢާއިލާ ރޫޅި ދަރިންތައް ނިކަމެތިވަމުން އަންނަނީ ވެސް މަދަކުން ނޫނެވެ.   

ހަސަދަވެރިއަކު އަނިޔާކުރަން މަސައްކަތް ކުރުމާއި ގެއްލުން ދޭން މަސައްކަތް ކުރުން ހުއްޓުވުމަކީ ކުރެވޭނެ ކަންކަމެއް ނޫނެވެ. އެހެނީ އެފަދަ މީހުން ސިހުރު ހައްދުވާނީ ނުވަތަ ހަދާނީ ފިލައި ތިބެގެން ކަމަށްވާތީއެވެ. ﷲ ތަޢާލާގެ އިތުރުން އެކަން ކުރާކަން އެނގޭނީ ހަމައެކަނި އެމީހުންނަށާއި އެމީހުން ގެންގުޅޭ ޖިންނި ތަކަށް ކަމުގައިވާތީއެވެ. ސިހުރު ހަދައިފިކަން ޖެހޭ މީހާއަށް އެނގެނީ ސިހުރު ޖެހި އެތައް ކަންތައްތަކެއް ހިނގާފަހުން ކަމަށްވާތީއެވެ. 

އިންސާނުންގެ ޖާހިލުކަން ބޮޑުވަމުންދާ ވަރަކަށް ސިހުރު ހެދުމުގެ ނުބައި އަމަލުކުރުން ދާނީ އިތުރުވަމުންނެވެ. މިކަމުގައި އޮތް އެންމެ މުހިންމު ޙައްލަކީ ދިފާޢުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. އެގޮތުން ގެއިން ބޭރަށް ނުކުތުމަށް ދޭންޖެހޭ ސަމާލުކަން ދިނުމާއި ކިޔަން ޖެހޭ ޛިކުރުތައް ކިޔައިގެން ނުކުތުމަކީ އެންމެ ވަރުގަދަ އައްޑަނައެވެ!  

ހަމައެޢާއިއެކު ޔަޤީން ފަނޑިތަ އެއޮތީއެވެ. ބަޤަރާ ސޫރަތް ގޭގައި ކިޔެވުން ގިނަކުރާށެވެ. ކޮންމެ ރެއަކުވެސް ބަޤަރާ ސޫރަތް ކިޔެވޭތޯ މަސައްކަތްކުރާށެވެ. ސޫރަތް އެކުގައި ނުކިޔެވޭނަމަ ކިޔެވޭނެ އެންމެ ގިނައިން ކިޔަވާށެވެ. ދެމަފިރިން ނުވަތަ ބޮޑެތި ދަރިން ތިބިނަމަ ޢާއިލާގެ މެދުގައި ބަހާލައިގެން ނަމަވެސް ކިޔަވާށެވެ! ބަޤަރާ ސޫރަތް ކިޔަވާ ގެއަކާއި ޖިންނި ޝައިޠާނުން ކައިރިއެއް ނުވާނެއެވެ.

 

ޝައިޚް އަބޫ އިބްރާހީމް ޙުސައިންގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން