ގިނަ ބައަކު ވަރަށް ގިނަ ހެޔޮ ޢަމަލުތައް ކުރެއެވެ. ނަމަވެސް އެކަމުގެ ފައިދާ ލިބިގަތުމަށް އިހްމާލްވެއެވެ. ނުވަތަ ފަރުވާ ކުޑަކުރެވެއެވެ. މިއީ ސަމާލުކަން އިތުރުކުރަން ޖެހިފައިވާ ކަމެކެވެ. އެހެނީ ހެޔޮ ނިޔަތުގައި ކުރާ ކަންކަމަށް ޙައްޤު ޖަޒާ ދެއްވަވާނެ ކަމަށް އޮތް ފަދައިން އެކަން ޤަބޫލުފުޅު ކޮށްދެއްވެވުން އެދި ދުޢާކުރުމަކީވެސް ކުރަންޖެހޭ ކަމެކެވެ. އެކަން ކީރިތި ޤުރްއާނުން ސާބިތުވެއެވެ. ވީމާ ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ކުރެވުނު ނަމަވެސް އެކަން ކުރުމަށްފަހު އެޢަމަލު ޤަބޫލުފުޅު ކުރެއްވެވުން އެދި ދުޢާކުރުމުގެ އާދަ ހަރުލައްވާށެވެ!
އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނަށް ގެފުޅު ބިނާކުރަން އެންގެވީ ﷲ ތަޢާލާއެވެ. ގެފުޅު ބިނާކުރައްވަންވީ ތަން އަނގަވައި ދެއްވެވީވެސް ހަމަ ﷲ ތަޢާލާއެވެ! އެހެންކަމާއިއެކުވެސް ދެބަފައިކަލުން އެކަން ކުރައްވަން ފަށްޓަވައި އެ ޢަމަލަކީ ހެޔޮ ޢަމަލެއްކަމުގައި ޤަބޫލުފުޅު ކުރެއްވެވުން އެދިވަޑައިގެން ކުރެއްވެވި ދުޢާ ކީރިތި ޤުރްއާނުގައި ބަޔާންކުރައްވަވާފައި އެވަނީ ކޮންމެ ހެޔޮ އަމަލެއް ކުރަމުންވެސް އަދި ކުރުމަށްފަހުގައިވެސް އެކަން ކުރުމަށްފަހުގައި އެކަން ޤަބޫލުފުޅު ކުރައްވަވައި ދެއްވެވުން އެދި ދުޢާކުރަންޖެހޭނެކަން އަނގަވައި ދެއްވެވުމުގެ ގޮތުން ކަމުގައި ޤަބޫލުކުރެވެއެވެ.
"އަދި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު ދުޢާ ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލް ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ( އަލްބަޤަރާ: 127)
"رَبَّنَا تَقَبَّلۡ مِنَّا ؕ اِنَّكَ اَنۡتَ السَّمِيۡعُ الۡعَلِيۡمُ"
"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލް ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
މިއާޔަތުގައި ހިމެނިގެންވާ ދުޢާއަކީ ކުރާ އަޅުކަން ޤަބޫލުފުޅުކޮށްދެއްވެވުން އެދި ކުރަން އޮތް ދުޢާއެކެވެ. ކުރު އަދި ދޫމައްޗަށް ފަސޭހަ ދުޢާއެވެ! ގިނަ ބައަކު ދަންނަވެސް ދުޢާއެކެވެ. ހިތާމައަކީ ކުރަން ހަނދާންވެސް ނުހުންނަކަމެވެ!
އެންމެ ރަނގަޅު ގޮތަކީ ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ކުރެވުނު ނަމަވެސް ވިއްދައިގެން މިފަދަ ދުޢާއެއް ކުރުމެވެ! އެންމެ ކުޑަމިނުން "މިއަޅާ މިކުޅަ ޢަމަލު އިނބަ ﷲ ޤަބޫލުފުޅުކޮށްދެއްވަވާނދޭވެ!" ހިތަށް އަރުވައިލާށެވެ! އެވަރު ނަމަވެސް ކޮށްލަން އާދަކުރާށެވެ!
ފޫނެތް ބާލިދީއަކަށް ފެން އަޅާ ވާހަކަ އާއި އަގުޅި ނެތް ކަންނޭލަކަށް ކިތަންމެ ގިނަ ކަފަލެއްވި ނަމަވެސް ހަރުނުލާނެ ވާހަކަ އެންމެންވެސް ދައްކާނެއެވެ. އެއީ ހަމަ ތެދެކެވެ. ފޫނެތް ކަންވާރަކަށް ކިތަންމެ ގިނައިން ފެން އެޅިނަމަވެސް ހަރެއް ނުލާނެއެވެ.
މިބަސްތައް ބުނުމުގެ ބޭނުމަކީ ކުރާ ކަންކަމަކީ އެކަމުގެ ނަތީޖާ ފެންނާނެ ގޮތަކަށް ކުރާ އަމަލެއް ކަމުގައި ހެދުމުގެ މުހިންމުކަން ބަޔާންކުރުމެވެ! އެކަމަކުން ތިމާއަށް ފައިދާ ކުރާނެ ކަމެއްގެ ގޮތުގައި ކުރާ ކަމަކަށް ހެދުމުގެ މުހިންމުކަން ބަޔާންކުރުމެވެ.
އެހެންކަމުން ކުރާ ކޮންމެ ހެޔޮ ޢަމަލަކީ ވެސް އެކަމަކުން ތިމާއަށް ލިބުން ހައްޤު ޖަޒާ އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެ ގޮތަށް ކުރާ ޢަމަލަކަށް ހަދަން ޖެހޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން