މަންމަ އާ ބައްޕަ ނަމާދުކުރިޔަސް ދަރިން ލައްވައި ނަމާދު ނުކުރުވާނަމަ އެކަމުގެ ފާފަ ބޮލުގަ އަޅަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
މަންމަ އާ ބައްޕަ ނަމާދުކުރިޔަސް ދަރިން ލައްވައި ނަމާދު ނުކުރުވާނަމަ އެކަމުގެ ފާފަ ބޮލުގަ އަޅަންޖެހޭނެ!

ގިނަ މައިންބަފައިންނަކީ ނަމާދުކުރާ ބައެއް ނޫނެވެ. އެކަން މިސްކިތްތަކުން އެނގޭނެއެވެ. އަދި ނަމާދުކުރާ މައިންބަފައިންގެ ތެރޭގައިވެސް ދަރިން ލައްވައި ނަމާދުނުކުރުވާ މައިންބަފައިން ހިމެނެއެވެ. އެއިރުން އެމީހުން ނަމާދުކުރި ކަމުގައިވީނަމަވެސް ދަރިން ލައްވައި ނަމާދުނުކުރުވުމުގެ ފާފަ އެމީހުންގެ ބޮލުގައި އެޅޭނެއެވެ.  

އެއްވެސް ޝައްކެއް ނެތެވެ. ދަރިން ނަމާދުކުރަން އާދަކުރުވުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެޒިންމާ އަދާކޮށްފައިނުވާނަމަ ފާފަވެރިވާނެއެވެ. މިއީ ލިބޭނެ ކޮންފަދަ ބޮޑު ދެރައެއް ހެއްޔެވެ؟   

ވަރަށް ގިނަ ބެލެނިވެރިން ދަރިންނަށް ވަރަށް ގިނަ ކަންކަން ކޮށްދެއެވެ. ކުޅޭއެއްޗެއްސާއި އެހެންވެސް ތަކެތި ހޯދައިދެއެވެ. ދަރިން އުފަލުގައި ބައިތިއްބަން މަސައްކަތްކުރެއެވެ. ނަމަވެސް ދަރިން ލައްވައި ނަމާދުކުރުވަން ސަމާލުކަންދޭންޖެހޭނެ މިންވަރަށް ސަމާލުކަންދެވޭކަމަށް ބުނެވޭކަށް ނެތެވެ.  

އެހެން ބުނަންޖެހެނީ މިސްކިތަށް ދަރިން ގޮވައިގެން ނަމާދަށްދާ ބެލެނިވެރިންގެ ޢަދަދު މަދުކަމުންނެވެ. ފަހަރެއްގައި އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ބައްޕައިން ވެސް ނަމާދުނުކުރުން ކަމަށްވެސް ވެދާނެއެވެ. އެހެންވެއްޖެނަމަ އެއީ ވަރަށް ހިތާމަހުރި ކަމެކެވެ.  

ސްކޫލަށް ގެންދަންޖެހޭ ގަޑިތަކަށް ކުދިން ސްކޫލަށް ގެންދިއުމަކީ ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުކަންދީގެންކުރާކަމެކެވެ. ކުރަންޖެހޭނެ ވެސް ކަމެކެވެ. ނަމަވެސް ރަނގަޅަށް ވިސްނައިފިނަމަ އެންމެ މުހިންމީ ދަރިންލައްވައި ނަމާދުކުރުވުމެވެ. ވީވަރަކުން މިސްކިތުގެ ޖަމާޢަތަށް ގެންގޮސް ނަމާދުކުރަން އަހުލުވެރިކުރުވުމެވެ. ނަމާދުކުރަން އާދަކުރުވުމެވެ. ތިމާއަށްވެސް އަދި ދަރިންނަށްވެސް އެންމެ ފައިދާކުރާނެ ޢަމަލަކީ އެއީކަމަށްވާތީއެވެ.

 

މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން