އެކަނިވެރިކަމުގައި ހުއްޓައިވެސް ތިމާ އާއި ގުޅެން މީހަކު ހުށަހަޅައިފިނަމަ ގިނަ މީހުންނަށް ބެލެނީ ބަލަން ނުޖެހޭ ކަންކަމަށެވެ. ކުރީގެ ކައިވެނި ރޫޅިފައިވާނަމަ ކަންބޮޑުވެއެވެ. ކައިވެނިކޮށް ދަރިން ތިބިނަމަ ކަންބޮޑުވެއެވެ. ޢުމުރުން ދޮށިނަމަ ކަންބޮޑުވެއެވެ.
މިކަންކަމަށް ބަލާއިރު ކުރީގެ ކައިވެނި ރޫޅުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވާނީ އޭނާގެ ހުރި ނުބައިކަމުން ކައިވެނި ރޫޅިފައިވާނަމައެވެ. އެކަން ވަކިގޮތަކަށް ނިންމަންވާނީ މީހަކު ބުނާހާ ވާހައެއް އަޑުއަހައިގެނެއް ނޫނެވެ. ކަމުގެ ޙަޤީޤަތް ރަނގަޅަށް އޮޅުންފިލުވުމަށްފަހުގައެވެ.
މިޒަމާނުގައި ގިނަ ކައިވެނިތައް ރޫޅެނީ ބައިވެރިޔާ ގޯސްވެގެންކަމަށް ބުނެވޭކަށްވެސް ނެތެވެ. ތިމާއަށް ރަނގަޅު ގޮތެއް ފެނުމުން ވަރިކުރާ ނުވަތަ ވަރިވާ މީހުން ވަރަށް ގިނަވީމައެވެ. ވީމާ ކުރިން ކުރި ކައިވެނި ފޭލްވެފައިވުން ކުށްވެރިކުރަންވާނީ މިފަދަ ކަންކަމަށް ބެލުމަށްފަހުގައެވެ.
ފިރިހެނުންނަށް ބުނެލަން އޮތީ އަންހެން މީހާގެ ކުރިންކުރި ކައިވެންޏަށް ދަރިން ލިބިފައިވާތީ އެދަރިން ބަލަންޖެހުމަކީ މައްސަލައެއް ކަމަށް ނުދެކޭށެވެ. އެކުދިންނާއިއެކު އެކުދިންގެ ރިޒުޤްވާނެއެވެ. އެކުދިންނަށް ހެޔޮކޮށް ހިތުމުން ތިމާއަށް ދެއްވަވާ ރިޒުޤް އިތުރުވާނެއެވެ. އިން ޝާ ﷲ
އަންހެނުންނަށް ބުނެލަން އޮތީ ފިރިހެނަކަށް ދަރިއަކު ލިބިފައިވާނަމަ ކައިވެނިކޮށް އެދަރިފުޅަށް ހެޔޮކޮށް ހިތައި އަމިއްލަ ދަރިއެއްފަދައިން ބަލައިދިނުމަކީ ފިރިމީހާގެ ލޯބިލިބުން އިތުރުވާނެ ކަމެކެވެ. އެކަމުގެ ސަބަބުން އުފާވެރި ދިރިއުޅުމެއް ލިބެން މަގުފަހިވާނެއެވެ.
ޢުމަރަކީވެސް މައްސަލައެއް ނޫނެވެ. ބަލަންވީ ހެޔޮލަފާކަމަށެވެ. ތަޤްވާވެރިކަމަށެވެ. ގިނަ ބައެއްގެ ތަޖުރިބާއިން އެނގެނީ ދޮށީ ޢުމުރުގެ މީހުންނާއި ކައިވެނިކުރުމުން ލޯތްބާއި އަޅައިލުން ލިބުން އިތުރުވާކަމެވެ. ދޮށީ ޢުމުރުގެ މީހުންނާއި ކައިވެނިކޮށް މާއުފަލުގައި އުޅެމުން އަންނަ މީހުން މަދެއް ނޫނެވެ.