ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ބައިވެރިޔާއަށްވުރެ ބޮޑަށް އޭނާއަށް ލޯބިދީގެން ނުވާނެ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. މިހެން ބުނަން މިޖެހެނީ ސަބަބުތަކެއް ހުރުމުންނެވެ.
އަހުރެން މިދައްކަނީ ނުބައި މީހުންގެ ވާހަކައެއް ނޫނެވެ. ހެޔޮގޮތުގައި ދިރިއުޅެން ބޭނުންވާ މީހުންގެ ވާހަކައެވެ. އެފަދަ މީހަކަށް ބައިވެރިޔާގެ ކިބައިން ލޯބިލިބުން އިތުރުވާވަރަކަށް ބައިވެރިޔާއަށް ދޭ ސަމާލުކަން އިތުރުވާނެއެވެ. ނަތީޖާއެއްގެ ގޮތުން ބައިވެރިޔާގެ ކިބައިން ލޯބިލިބުން މަދުވާނެ އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނުވާނެއެވެ.
ކައިވެނިކުރުމަށްފަހު ޖަހަން އެންމެ މުހިންމު އެއް ރޭހަކީ ލޯބިވުމާއި ލޯބިދިނުމުގެ ރޭހެވެ. އެކަމުގައި ވާދަކުރާ ދެމަފިރިއަކުނަމަ އަބަދުވެސް ތިބޭނީ އެންމެ އުފަލުގައެވެ. ނަތީޖާއަކަށްވާނީ ބޭވަފާތެރިވުމުގެ ބަލީގެ އަސަރު އެއްވެސްވަރަކަށް ނެތުމެވެ.
މިވާހަކަތައް ދެއްކުމުން ބައެއް މީހުން ބުނާނީ މިބުނި ރޭސްޖަހަމުން ދަނިކޮށްވެސް ދެރަކޮށް ނިކަމެތިކޮށްލާ ކަމަށެވެ. ބާކީކޮށް އެއްލައިލާ ކަމަށެވެ. އެހެންވެސް އެކަން މެދުވެރިވެދާނެއެވެ. ނަމަވެސް އެގޮތަށް އެކަންކުރާނީ ވަރަށް ނުބައި މީހުންނެވެ. އަނިޔާވެރި މަކަރުވެރިންނެވެ.
އެފަދަ ގޮތެއް މެދުވެރިވިނަމަވެސް ކަންބޮޑުނުވާށެވެ! ތިބާގެ ހުރި ރަނގަޅުކަމާއި ޢަމަލުކުރަމުން އައީވެސް ރަނގަޅަށްކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. ތިބާއަށް ބައްލަވައި ވޮޑިގެންވެއެވެ. ރަނގަޅު މީހުންނަށް ރަނގަޅު ގޮތް މެދުވެރިކުރައްވަވާނެތެވެ. މާޔޫސް ނުކުރައްވަވާނެތެވެ. ވީމާ ތިބާއަށް އޭނާއަށްވުރެ މާރަނގަޅު ބައިވެރިއަކު ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން