ގިނަ ބައަކަށް ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދެވެނީ އެމީހުންނަށް ފާފަކުރެވެމުންދާތީއެވެ. ﷲ ތައާލާއަށް ކިޔަމަންތެރި ނުވެވޭތީއެވެ. ހިތް ޠޯހިރު ނުކުރެވޭތީއެވެ. މިހެން މިވަނީ އެމީހުންނަކީ ހަމައެކަނި ދުލުން ޝަހާދަތް ކިޔާ ބައަކަށްވާތީއެވެ. ދުލުން ޝަހާދަތްކީ ނަމަވެސް ހިތުން ޤަބޫލު ނުކުރެވޭތީއެވެ. ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ކުރެވެނީ ޝަހާދަތް އެއިގެ ގޮތުގައި ހިތުން ޤަބޫލުނުކުރެވޭތީއެވެ.
ވީމާ ކޮންމެ މީހަކީވެސް ޝަހާދަތް ހިތުގެ އަޑިން ޤަބޫލުކުރާ މީހަކަށްވާށެވެ! އެކަން ޙާޞިލު ކުރުމަށްޓަކައި ގިނަގިނައިން ﷲ ތަޢާލާއަށް ދުޢާކުރާށެވެ! އީމާންކަން ވަރުގަދަކޮށްދެއްވެވުން އެދިއެވެ. ނަހީ ކުރެއްވެވި ކަންކަން ކުރުމަށް ބިރުވެތިވާ މީހަކު ކަމުގައި ލެއްވެވުން އެދިއެވެ.
އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ނަމާދުކުރިނަމަވެސް ނަމާދު ނުކުރެވޭ ކަމުގެ ވާހަކަތައް ދެކެވެއެވެ. މި މައްސަލަ ކުރިމަތިވަނީ ނަމާދުކުރި ނަމަވެސް ނަމާދު ދަމާދަކަށްވާނީ ނަމާދަށް ދޭންޖެހޭ ސަމާލުކަންދީގެން ޚުޝޫޢަތްތެރިކަމާއިއެކު ކަމަށްވީނަމަވެސް އެގޮތަށް ނަމާދު ނުކުރެވޭތީއެވެ. ވީމާ އެ މައްސަލައަކީ ހަމައެކަނި ވާހަކަދައްކާލައިގެން ނުވަތަ ކަންބޮޑުވުން ފައުޅުކުރުމަކުން ޙައްލުކުރެވެން އޮތް ކަމެއް ނޫނެވެ.
ވީމާ މިފަދަ ދުޢާތައް ކުރަމުން ގެންދާށެވެ!
اَللّٰهُمَّ حَبِّبْ إِلَيْنَا الْإيْمَانَ وَزَيِّنْهُ فِيْ قُلُوْبِنَا وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوْقَ وَالْعِصْيَانَ وَاجْعَلْنَا مِنَ الرَّاشِدِيْنَ.
"ޔާ ﷲ! އަޅަމެންގެ ހިތްތަކަށް އީމާންކަން ލޮބުވެތި ކުރައްވަވައިފާނދޭވެ! އަދި އީމާންކަމަކީ އަޅަމެންގެ ހިތްތަކަށް ޒީނަތްތެރި އެއްޗެއް ކަމުގައި ލައްވަވައިފާނދޭވެ! އަދި ކާފިރުކަމާއި ފާސިޤްކަމާއި އުރެދުމަކީ އަޅަމެންގެ ހިތްތައް އެންމެ ނަފްރަތުކުރާ ކަންކަން ކަމުގައި ލައްވަވައިފާނދޭވެ! އަދި ތެދުމަގު ދައްކާ މީހުންގެ ތެރެއިން އަޅަމެން ލައްވަވައިފާނދޭވެ!"
اَللّٰهُمَّ أَرِنَا الْحَقَّ حَقًّا وَارْزُقْنَا إِتِّبَاعَهُ وَأَرِنَا الْبَاطِلَ بَاطِلاً وَارْزُقْنَا اِجْتِنَابَهُ.
ދުޢާގެ މާނަ! "ޔާ ﷲ! އަޅަމެންނަށް ޙައްޤު ގޮތް އެއީ ޙައްޤު ކަމުގައި ޤަބޫލުކުރެވި އަދި ޙައްޤު ގޮތަށް ތަބަޢަވުމުގެ ތައުފީޤް އަޅަމެންނަށް ދެއްވަވައިފާނދޭވެ! އަދި އަޅަމެންނަށް ބާޠިލް ގޮތް އެއީ ބާޠިލް ގޮތް ކަމުގައި ޤަބޫލުކުރެވި އަދި އެކަންކަމާ (ބާޠިލް ގޮތާ) ދުރުހެލިވުމުގެ ތައްފީޤް އަޅަމެންނަށް ދެއްވަވާފާނދޭވެ!"
- މުފްތީ މެންކުގެ ދަރުސަކުން