ކޮންމެ މީހަކުވެސް ކަމަކަށް ދަހިވެތިވާނީ އެކަމަކުން ކުރާނެ ފައިދާ އެނގޭ ނަމައެވެ. ވީމާ ސުވަރުގެއާއި ސުވަރުގެއިން ލިބޭނެ ނިޢުމަތްތައް އެނގުމަކީ ސުވަރުގެ ހޯދަން ގަދައަލައި މަސައްކަތްކުރަން ހިތްވަރު ލިބޭނެ ކަމެކެވެ.
ސުވަރުގެއަކީ ކޮން ތަނެއް ކަމެއް އެއްވެސް މުސްލިމަކަށް ނޭނގިއެއް ނޯންނާނެއެވެ. އެހެނީ، ސުވަރުގެއަކީ އެ ތަނެއް ހާސިލުކުރުމަށްޓަކައި މުސްލިމް އަޅާ ރެޔާއި ދުވާލު މަސައްކަތް ކުރަމުންދާ ތަނެވެ. އަގުބޮޑު، މަތިވެރި ތަނެކެވެ. އެހެންކަމުން، މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ. " أَلَا إِنَّ سِلْعَةَ اللَّهِ غَالِيَةٌ" (رواه الترمذي ، 2450) މާނައީ، "ހަމަކަށަވަރުން މާތް ﷲ ގެ ސުވަރުގެއަކީ އަގުމާތްވި ތަނެކެވެ."
ސުވަރުގެއަކީ އެހައި މަތިވެރި ތަނަކަށްވަނީ، މާތް ﷲ އެ ތަނުގައި ލައްވައިފައިވާ ނިޢުމަތްތަކުގެ މަތިވެރިކަމުންނެވެ. އެ ތަނަކީ، ނިޢުމަތުގެ ގޮވައްޗެވެ. އެއީ ދުނިޔެމަތީގައި އީމާންވެ ހެޔޮ ޢަމަލު ކުރި އަޅުން ދާއިމަށް އެ ތަނުގެ ނިޢުމަތްތަކުގައި ދެމިތިބޭނޭ ތަނެވެ. އެބައިމީހުން ކޮށްއުޅުނު ހެޔޮކަމުގެ ހެޔޮ ޖަޒާއެއްގެ ގޮތުންނެވެ.
ސުވަރުގޭގެ ނިޢުމަތުގެ ޙަޤީޤަތް އެންމެ އެކަށީގެންވާގޮތަށް ބަޔާންކުރުމަކީ އެއްވެސް އިންސާނަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވަނީ،" قال الله تعالى : أَعْدَدْتُ لِعِبَادِي الصَّالِحِينَ مَا لَا عَيْنٌ رَأَتْ ، وَ لَا أُذُنٌ سَمِعَتْ ، وَ لَا خَطَرَ عَلَى قَلْبِ بَشَرٍ" (متفق عليه)، މާނައީ: " މާތް ﷲ تعالى (ޤުދުސީ ޙަދީޘެއްގައި) ވަޙީކުރެއްވިއެވެ: ތިމަން އިލާހުގެ ޞާލިޙު އަޅުންނަށް ޓަކައި، އެއްވެސް ލޮލަކުން ދެކިފައި ނުވާ، އަދި އެއްވެސް ކަންފަތަކުން އަޑު އަހައިފައި ނުވާ، އަދި އެއްވެސް ގޮތަކަށް ޚިޔާލަށް ވެސް ނުގެނެވޭފަދަ ތަނެއް ތައްޔާރުކުރެއްވީމެވެ."
މި ޙަދީޘްގެ މުރާދަކީ، ސުވަރުގެއަކީ އެ ތަނުގެ މަތިވެރިކަމާއި، އެ ތަނުގެ ނިޢުމަތްތަކުގެ ފުރިހަމަކަމުގެ އެއްވެސް ތަޞައްވުރެއް ވެސް އިންސާނަކަށް ނުކުރެވޭނެހައި ފުރިހަމަވެގެންވާ ތަނެއް ކަމެވެ. ސުވަރުގޭގެ މަތިވެރިކަމާއި އެ ތަނުގެ ނިޢުމަތްތަކުގެ ފުރިހަމަކަމުގެ ވާހަކަ ބަޔާންކުރައްވައިފައިވާ އާޔަތްތަކާއި ޙަދީޘްތައް އަޑުއިވޭ އިރު، ޚިޔާލަށާއި ފިކުރަށް އެ އަންނަ ފުރިހަމަކަމާއި މަތިވެރި ތަޞައްވުރަށްވުރެ ސުވަރުގޭގެ ކަންކަން މަތިވެރިވެފައި ފުރިހަމަވެގެންވެއެވެ. އެހެންކަމުން، ސުވަރުގޭގެ ނިޢުމަތްތަކުގެ ވާހަކައަކީ އިންސާނީ ދުލަކުން އަދި އިންސާނީ ޤަލަމަކުން އޭގެ ޙަޤީޤަތް ބަޔާންކުރެވޭހައި ކުޅަދާނަކަން ލިބިގެންވާ ނިޢުމަތްތަކެއް ނޫނެވެ. ހަމަ އެހެންމެ، އިންސާނީ ބުއްދިއަކީ އެފަދަ މަތިވެރިކަމެއް ތަޞައްވުރުކުރަން ވެސް އެކަށީގެންވާ އެއްޗެއް ނޫނެވެ.
އަޅުގަނޑުމެން ދުނިޔެއަށް ނިކަން ނަޒަރު ހިންގައިލަމާތޯއެވެ؟ ދުނިޔޭގައިވާ ބައެއް ތަކެއްޗާއި ތަންތަނުގެ ރީތިކަން ފެނުނީމައި އަޅުގަނޑުމެން ހައިރާންވެ އާޝޯޚުވާ ފަދަ ތަކެއްޗާއި ތަންތަން ދުނިޔޭގައި ލައްވައިފައި އެބަހުއްޓެވެ. ފެން އާރުތަކާއި، ކަނޑުއަޑީގެ ތަފާތު މަންޒަރުތަކާއި، ގަސްގަހާގެހީގެ އެކިކަހަލަ ބަގީޗާތަކާއި، ތަފާތު ރަހަތަކުގެ މޭވާތަކާއި، އެކި ކުލަކުލައިގެ އެކި ވައްތަރުގެ ދޫނިސުފާސޫފިތަކާއި، މިހިރަމިހިރަ ރީތިކަމަކީ އިންސާނީ ބުއްދި އެކަމާމެދު ހައިރާންވެ އަންތަރީސްވާހައި އެއްޗެއްސާއި ތަންތަނެވެ. ނަމަވެސް މި ފުރިހަމަކާއި ރީތިކަމަކީ ވެސް ސުވަރުގޭގެ މަތިވެރިކަމާއި ފުރިހަމަކާއި ރީތިކަމުގެ ޒައްރެއްގެ މިންވަރާ ވެސް ކައިރިކުރާ ރީތިކަމަކާއި ފުރިހަމަކަމެއް ނޫނެވެ.
- ޝައިޚް ޝަފީޢު ޢަބްދުﷲ