އަނބިމީހާ ބަލިވެއިނުމުން ބަނޑުގައި ކަންފަތްޖަހައިގެން އޮވެ ދަރިފުޅާ ވާހަކަ ދައްކާ ފިރިންވެސް އުޅެއެވެ. އެއީ ދަރިފުޅުދޭ ޖަވާބު އަޑުއިވޭނެތީއެއް ނޫނެވެ. ދަރިފުޅުދެކެ ވާލޯބި ބޮޑުކަމުން ކުރެވޭ ކަމެކެވެ.
އެފަދަ ފިރިން އަނބިމީހާގެ ބަނޑުގައި ގިނައިން ފިރުމާނެއެވެ. ގައިގައިވެސް ފިރުމާނެއެވެ. އަޅައިވެސްލާނެއެވެ. އަޅައިލުން އިތުރުވެސް ކުރާނެއެވެ. ވީހާ ގިނަ ވަޤުތެއް އަނބިމިހާ އާއިއެކުގައި ހޭދަވެސް ކުރާނެއެވެ. އެކަނި ޑޮކްޓަރަށް ދާކަށް ނުޖައްސާނެއެވެ. ކިތަންމެ ބިރަކޮށް މަސައްކަތްކުރަމުންވެސް ގޮވައިގެން ޑޮކްޓަރަށްވެސް ދާނެއެވެ. އެންމެ ބޮޑު ބޭނުންމަކަށްވާނީ ޑޮކްޓަރު ދައްކާ ވާހަކަ ސީދާ ތިމާއަށް އެނގުމެވެ. އަނބިމީހާއަށް އިތުރަށް ކޮށްދޭންވީ ކޮންކޮން ކަންތައްތަކެއްކަން ތިމާއަށް އެނގި އެކަންކަން ކޮށްދިނުމެވެ.
ހަމައެއާއިއެކު މީގެ އިދިކޮޅަށް ކަންކަންކުރާ ފިރިންވެސް އުޅެއެވެ. އެމީހުން ކުރާ ކަންތައްތަކުގެ ލިސްޓް ކިޔާކަށް ނެތީމެވެ. އެކުގައި އުޅުނަސް އުޅޭނީ ފޫހިކަންމަތީގައެވެ. ބަލާނީ ކަންކަން ވީހާ ބޮޑަށް ބެލުން ނައްޓައިލެވޭތޯއެވެ. ވިހައިގަދަވުމުން އަނބިމީހާގެ ސިފައަށް އަންނަ ބަދަލުތައް ބަލައި ފާޑުކިޔަނީވެސް މިބުނި ބާވަތުގެ ފިރިންނެވެ.
އަހުރެން ބުނެލަން ބޭނުންވަނީ އަނބިމީހާ ދެކެ އެއްވެސް ވަރަކަށް ލޯބިވާ މީހަކު ނަމަ ބަލިވެއިނުމުން ފަރުވާ ކުޑައެއް ނުކުރާނެއެވެ. ހިތުގައި ޖެހޭނެ ފަދަ އެއްވެސް ކަމެއް ނުކުރާނެއެވެ. އަބަދުވެސް މަސައްކަތްކުރާނީ އަނބިމީހާ އުފަލުގައި ބެއިންދޭތޯއެވެ.
އެކަންކަމަކީ ހަމައެކަނި އަނބިމީހާއަށްޓަކައިވެސް ކޮށްދޭންޖެހޭ ކަންކަމެއް ނޫނެވެ. އެއީ އުފަންވާން އުޅޭ ތިމާގެ ދަރިފުޅަށްޓަކައިވެސް ކޮށްދޭންޖެހޭ ކަންކަމެވެ. ދަރިފުޅުދެކެ ލޯބިވާނަމަވެސް އެކަންކަން ކުރާނެއެވެ.