ބިރުވެތިވާންޖެހޭ ކަމެއް!: "ގެއްލުމާ ހަލާކުހުރި" ގޮތަށް ނަމާދުކޮށްގެން ކުރާނެ ފައިދާއެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ބިރުވެތިވާންޖެހޭ ކަމެއް!: "ގެއްލުމާ ހަލާކުހުރި" ގޮތަށް ނަމާދުކޮށްގެން ކުރާނެ ފައިދާއެއް ނެތް!

އެންމެ 3 މިނިޓުން 4 ރަކްޢަތް ނަމާދެއްް ކޮށްލާ މީހުން އެބައުޅެއެވެ. އިމާމް ކުރާ ޙަރަކާތަކަށް ޙަރަކާތެއް ކޮށްލުމުން ފުދުނީ ކަމަށް ބަލައިގެން ނަމާދުކުރާ ބައަކު އެބައުޅެއެވެ. އެފަދަ މީހުން ރަނގަޅަށް ވިސްނާށެވެ!  

ނަމާދަކަށް ނަމާދެއް ކުރުމަކުން އަދި ނަމާދެއް ކުރެވުނުކަމަށް ނުވާނެ ކަމަށް އަބަދުވެސް މިއަންނަނީ ބުނަމުންނެވެ. މިރޭވެސް ފަށަމުން މިދައްކައިލަނީ އެކަމުގައި ހުރި ނުރައްކަލުގެ ބޮޑުކަމުގެ ވާހަކައިން ކުޑަ މިންވަރެކެވެ.  

ނަމާދުކުރާ މީހުންގެ ތެރެއިން ގިނަ ބައަކު ނަމާދުކުރަނީ ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދީ ފަރުވާކުޑަކޮށްލައިގެންނެވެ. އިމާމް މީހާ ފަހަތުން ޙަރަކާތްތަކެއް ކޮށްލާފައި ނިންމައިލަނީއެވެ. އަދި އެކަނި ހުރެ ނަމާދުކޮށް ނިންމައިލާއިރުވެސް ގިނަ ވަގުތުތައް ހޭދަކޮށްލަނީ އެހެން ކޮންމެވެސް ކަމަކަށް ފިކުރުކުރުމުގައެވެ.  

މިފަދައިން ނަމާދުކުރާ މީހުން ނަމާދު އެކުރަނީ ނަމާދަށް ޣާފިލުވެ ތިބެގެންނެވެ! އެފަދައިން ނަމާދުކުރާ މީހުންނާއިމެދު ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވާ ބަސްފުޅު ނިކަން އަޑުއަހައިބަލާށެވެ!  

"ފަހެ، އެއުރެންގެ ނަމާދާމެދު ޣާފިލު ވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. އެއުރެންނީ، ހަމަ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ." (އަލްމާޢޫން: 5،6) 

އަދި ކީއްހެއްޔެވެ؟ މިފަދަ މީހުންނާއިމެދު ވަޙީކުރައްވަވާފައިވަނީ އެއީ ޤިޔާމަތް ދުވަހު ޖަޒާ ދެއްވަވާނެކަން ދޮގުކުރާ މީހުންގެ ގޮތުގައެވެ.  

ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދީ، ތިމާ ނަމާދުކުރާކަން އެހެން މީހުންނަށް ދައްކަން ނަމާދުކުރުމަކީ މުނާފިޤުންގެ ސިފައެކެވެ. ވީމާ މުނާފިޤުންގެ ތެރޭގައި ހިމެނިދާނެކަމަށް ބިރުވެތިވާން ޖެހޭނެއެވެ! މުނާފިޤުންނާއިމެދު ﷲ ތައާލާ ވަޙީ ކުރައްވަވާފައިވަނީ މިފަދައިންނެވެ. 

"ހަމަކަށަވަރުން، މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް ނަޞްރުވެރި ވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ." (އައްނިސާ: 145"  

މީގެ އިތުރުން ނަމާދުތައް އެ ނަމާދުގެ ވަގުތުގައި ނުކުރުމަކީވެސް ނަމާދާއިމެދު ޣާފިލުވުން ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވަވައެވެ. ނަމަވެސް ނަމާދު ވަގުތުތައް ފާއިތުވެގެންދާއިރު އަޅާ ނުލައި ފަރުވާކުޑަކުރުމަކީ މިއަދު ގިނަ ބައެއްގެ ޢާންމުކަމަކަށް ވަނީ ހަދައިފައެވެ!  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނަމާދާއިމެދު ބިރުވެތިވާށެވެ! ނަމާދަށް ދޭންޖެހޭ ސަމާލުކަން ދީގެން ނަމާދުކުރަމުން ގެންދާށެވެ! ކޮންމެ ނަމާދެއްވެސް އެ ނަމާދުގެ ވަގުތުގައި އަދާކުރަމުން ގެންދާށެވެ! ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙިކުރައްވަވާފައިވާ މިފަދަ އާޔަތްތަކަށް ބިރުވެތިވެ ނަރަކައިން ސަލާމަތްކަން ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން