ޢާއިޝަތު ރަފާޙް ޢަލީ
މަގުމަތީގެ އަދަބުތަކުގެ ތެރެއިން ތިން ވަނަ ކަމަކަށް މި ބަލާލަނީ ބަހާއި ޢަމަލުން މީސްތަކުންނަށް އުނދަގޫކޮށް ގެއްލުން ނުދިނުމުގެ މައްޗަށެވެ.
އެގޮތުން މީސްތަކުންނަށް އުނދަގޫ ނުކުރުމުގެ ތެރޭގައި މަގުމައްޗަށް ކުނި ނޭޅުންވެސް ހިމެނެއެވެ. އަދި މުސްލިމަކު އޭނާގެ އަޚާއަށް ގެއްލުމެއް ލިބޭ ފަދަ ކަމެއް ކުރުމާއި އެފަދަ ކަމެއްގައި ބައިވެރިވުން ފަދަ އެއްވެސް ކަމެއް ނުކުރުން ވެސް ހިމެނެއެވެ.
މުސްލިމުންނަކީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ، އެއްބައިވަންތަކަމާއެކީ އުޅެން ވާނެ ބައެކެވެ. އިސްލާމްދީނުގައި އަޅުގަނޑުމެން މުސްލިމުންނަށް ރީތި ސިފަތައް އަށަގަންނަވުމަށް އަންގަވާފައިވެއެވެ. އަދި ނުބައި ސިފަތައް ދޫކޮށްލުމަށް އަންގަވާފައިވެއެވެ.
ﷲ ތަޢާލާ އަޢްރާފް ސޫރަތުގެ 56 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ.
وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا وَادْعُوهُ خَوْفًا وَطَمَعًا ۚ إِنَّ رَحْمَتَ اللَّهِ قَرِيبٌ مِّنَ الْمُحْسِنِينَ ﴿٥٦﴾
މާނައީ: ބިން إصلاح ކުރެއްވުމަށްފަހު، ތިޔަބައިމީހުން އެ ބިމުގައި ފަސާދަ ނުކުރާށެވެ! އަދި ބިރުވެތިވެ، އެދުންވެރިވެ ތިބޭ حال، އެކަލާނގެއަށް ތިޔަބައިމީހުން دعاء ކުރާށެވެ! ހަމަކަށަވަރުން، اللَّه ގެ رحمة ފުޅުވަނީ، إحسان ތެރިންނާ ގާތުގައެވެ. (56)
މުސްލިމުންގެ ކިބައިގައި ހުންނަންވާނެ އެއް ސިފައަކީ މީހުން އެމީހުންނާ މުޚާޠަބުކޮށްފިނަމަ ސުލްޙަވެރިކަމާއެކީ އެމީހުންނާ މުޚާތަބު ކުރުމެވެ. އެމީހުންނަކީ މަތިވެރި އަޚްލާޤެއް ލިބިގެންވާ ބައެކެވެ. އަދި އެއުރެންގެ ހިނގާބިނގާވެ އުޅުމުގައި ވަރަށް އަދަބުވެރިކަމާއި މަޑުމާތްތިރިކަންވެއެވެ. އަދި އެއުރެންގެ ވާހަކަދެއްކުމުގައި އިޚްލާޞްތެރިކަންވެއެވެ. އަދި ޙުއްޖަތް ދެއްކުމުންނާއި، ބަސްބުނުމުގައި ހުތުރުކަމާއި، ހުތުރުބަހުން ވާހަކަދެއްކުމާއި، ބޭކާރު ވާހަކަތަކުންނާއި، ބޭނުމެއް ނެތި އަޑު އުފުލުމުން ދުރުހެލިވެއެވެ.
ﷲ ތަޢާލާ ލުޤްމާން ސޫރަތުގެ 19 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَاقْصِدْ فِي مَشْيِكَ وَاغْضُضْ مِن صَوْتِكَ ۚ إِنَّ أَنكَرَ الْأَصْوَاتِ لَصَوْتُ الْحَمِيرِ ﴿١٩﴾
މާނައީ: "އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ حمار ގެ އަޑުކަން ކަށަވަރެވެ. (19)"
މިއީ މުސްލިމުންގެ ރިވެތި އަޚްލާޤުގެ ތެރެއިން ވާކަމެކެވެ. އަދި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަގެ ނަމޫނާއަށް ތަބާވުމުގެ ޢަމަލުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.