އެއީ ކެނެޑާގެ މުސްލިމް ޒުވާނެކެވެ. ޢުމުރަކީ އެންމެ 21 އަހަރެވެ. އޭނާ ނަމާދެއް ނުކުރެއެވެ. އަބަދުވެސް އުޅުނީ އުފާކޮށް މަޖާކުރުމުގައެވެ. ފާޙިޝް ޢަމަލުތައް ކުރުމުގައެވެ. ނަތީޖާއަކަށްވީ އެއިޑްސްބަލީގައި ދުނިޔެ ދޫކުރަންޖެހުމެވެ.
އޭނާ ނިޔާވި ވަޤުތު ޝަހާދަތް ލައިދޭން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ލިބުނު އެންމެ ފަހު ފުރުބަތުގައިވެސް ޝަހާދަތްކިޔުމުގެ ބަދަލުގައި ބުނެވުނީ ލޯބިވެރިޔާ ގެނެސްދިނުމަށެވެ. އެހެން ބުނެވުމާއިއެކު ޖެހުނީ ފަހުނޭވާ ދޫކޮށްލާށެވެ. އެވަޤުތު މަރުވީއެވެ.
އަހުރެންނަށް ޣައިބު އެނގޭކަމަށް ބުނަނީއެއް ނޫނެވެ. ނަމަވެސް މިޙާދިސާއަށް ވިސްނުމުން އެނގެނީ އޭނާ ﷲ ތަޢާލާގެ ދީނަށް ޣާފިލުވެ ހެޔޮ ޢަމަލުނުކޮށް ނުބައި ޢަމަލުކުރުންމަތީގައި އުޅުނީތީ އެންމެ ފަހުވަޤުތު ޝަހާދަތް ކިޔައި ތައުބާވުމުގެ ފުރުޞަތު ﷲ ތަޢާލާ މިންވަރު ނުކުރެއްވެވީކަމެވެ.
މިއީ ކެނެޑާގައި ހިނގި ކަމެކެވެ. އޭނާއަށް ފަރުވާކުރީ މުސްލިމް ޑޮކްޓަރެކެވެ. ޑޮކްތަރު ބުނެފައިވަނީ މިއީ އޭނާގެ ޙަޔާތުގައި ކުރިމަތިވި އެންމެ އާދައާއި ޚިލާފް ކަންތައް ކަމަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ކަންކަން މިދައްކަވަނީ ޢިބްރަތް ޙާޞިލުކުރުމަށެވެ. ޒުވާން ޢުމުރުގައިވެސް ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ﷲ ތަޢާލާ އެންގެވި ގޮތަށް އުޅެންޖެހޭނެކަން އަންގަވައިދެއްވެވުމަށެވެ. ލިބިގަންނަންޖެހޭ ފިލާވަޅަކީ ބޭނުންހައި ގޮތަކަށް އުޅުމަށްފަހު އެންމެ ފަހު ވަޤުތު ތައުބާވާން މަސައްކަތްކުރިނަމަވެސް އެފުރުޞަތު ނުލިބިދާނެކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން