މިއީ ތިމާގެ އާޚިރަތް ގެއްލި ޒަވާޖީ ޙަޔާތާ ދުނިޔެވެސް ގެއްލެން ބޭނުން ނުވާނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 28ސ
މިއީ ތިމާގެ އާޚިރަތް ގެއްލި ޒަވާޖީ ޙަޔާތާ ދުނިޔެވެސް ގެއްލެން ބޭނުން ނުވާނަމަ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތައް-

ޤިޔާމަތް ދުވަހު ޙިސާބު ބެލެވި ނަރަކައަށް ވަންނަން ޖެހޭ މީހުންގެ ތެރޭގައި ހިމެނިގެންދާނެ ވަރަށް ގިނަ ޢަދަދެއްގެ ބައަކަށް އެކަން ކުރިމަތިވާނީ ދުނިޔޭގައި އުޅުނުއިރު އެކުގައި އުޅެވުނު ބައެއްގެ ސަބަބުންނެވެ. އެމީހުން ކުރާ ނުބައި އަމަލުތައި ބައިވެރިވެވި ފާފަތައް ކުރެވުމުގެ ސަބަބުންނެވެ. އެކުގައި އުޅެވޭ މީހުންގެ ހުންނަ ސިފަތައް ތިމާގެ ކިބައިގައިވެސް އަށަގަތުމަކީ ވަރަށް ގިނަ ބައަކަށް މެދުވެރިވާ ކަމެކެވެ. 

އަދި ކީއްހެއްޔެވެ؟ ނުބައި އެކުވެރިންގެ ސަބަބުން ކުށްވެރިވެ ޖަލަށް ވަންނަން ޖެހޭ މީހުންވެސް މަދެއް ނޫނެވެ. ވީމާ މިއީ މިދުނިޔޭގެ ޙަޔާތާއިވސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމެކެވެ! ވަރަށް ބޮޑު އިޖުތިމާޢީ މައްސަލައެއްވެސްމެއެވެ.  

"ރަނގަޅު ރަހްމަތްތެރިންނާއި ނުބައި ރަޙްމަތްތެރިންގެ މިސާލަކީ ކަނބުރުވެރިއަކާއި އަތަރު ވިއްކާ މީހެއްގެ މިސާލެވެ. އަތަރު ވިއްކާ މީހާ ތިބާއަށް އަތަރުކޮޅެއް ދިން ނަމަވެސް، ތިބާ އޭނާގެ އަތުން އަތަރު ގަތް ނަމަވެސް އަދި އޭނާ އާއި ގައިގޯޅިވެ އުޅުމުންވެސް ތިބާގެ ގައިން ދުވާނީ އަތަރުގެ މީރުވަހެވެ. ކަނބުރުގެއަކަށްވަދެ ކަނބުރުވެރިއަކާއި ކައިރިވެ އުޅޭނަމަ ތިބާގެ ހެނދުމަށް އަލިފާން ކަނި ބުރައި ބައެއް އަނދައިދާނެއެވެ. އަދި ތިބާގެ ގައިން ދުވާނީވެސް ނުބައި ވަހެވެ." 

މިއީ މީގެ 1400 އަހަރު ކުރިން ރަސޫލް () ނުބައި ރަޙްމަތްތެރިންނާއި ރަނގަޅު ރަހްމަތްތެރިންގެ ސިފަ ބަޔާންކޮށްދެއްވަވާފައިވާ ގޮތެވެ. ޞަހީޙް ބުޚާރީ އާއި މުސްލިމް ބައްލަވާށެވެ! 

މިމިސާލަށް ބަލައިފިނަމަ މިއީ ވަރަށް ޢިބްރަތްތެރި މިސާލެކެވެ. ރަސޫލް () ބަޔާން ކުރައްވަވާފައި އެވަނީ ނުބައި ރަޙްމަތްތެރިޔާގެ ކިބައިން ބުރާނީ އަލިފާން ކަނި ކަމަށެވެ. އަދި އެފަދަ މީހަކާއި ކައިރިވެއުޅޭނަމަ އެކަމުގެ ސަބަބުން ތިބާވެސް ދާނީ އަނދަމުން ކަމެވެ. ކަނި ބުރައި ތިބާގެ ފޭރާމުގައިވެސް ލޯވަޅު އެޅޭނެ ކަމަށެވެ. ގިނައިން ބައްދަލުކުރާނަމަ އެލޭ ލޯވަލުތައް ގިނަވާނެ ކަމެވެ! ނަކޮންފަދަ ބޮޑު ބިރުވެރިކަމެއް ހެއްޔެވެ؟

މިއަދު އަހަރެމެންނަށް ކުރިމަތިވެގެން މިއުޅެނީ މި މައްސަލައެވެ. ހުރިހާ ނުބައި ކަންކަން ކުރާ މީހުންނާއިއެކުވެސް އެބަ އުޅެވެއެވެ. އެފަދަ މީހުންނާއި ގުޅުން ބާއްވާއިރު ހިތުގައި އޮންނަނީ އެފަދަ މީހެއްގެ ސަބަބުން ތިމާއަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށާއި އޭނާގެ ކިބައިގައި ހުންނަ ނުބައި ސިފަތައް ވާރުތަ ނުކުރާނެ ކަމުގައި ވެދާނެއެވެ. ނަމަވެސް އެއީ އެކަން ވާނެ ގޮތެއް ނޫނެވެ. ނުބައި އަމަލުތައް ކުރާ މީހަކާއި ގުޅިގެން އުޅޭނަމަ އޭނާގެ ކިބައިން ނުބައި ކަންކަން ކުރަން ހިތްވަރު ލިބި ނުބައި ކަންކަން ތިމާއަށްވެސް ކުރެވުން އޮންނާނީ ދާދި ގާތުގައެވެ. 99 އިންސައްތަ ފަހަރު އޮންނާނީ އެމީހަކާއި އެއްގޮތަށް އުޅެވިފައެވެ. 

ހަމަ އެފަދައިން ރަނގަޅު ގޮތުގައި އުޅޭ، ތަޢްވާވެރިއަކާއި ގުޅިގެން އުޅޭނަމަ އެކަމުގެ ފައިދާ ދާނީ ތިމާއަށްވެސް ކުރަމުންނެވެ. ތިމާގެ ތަޤްވާވެރިކަންވެސް ދާނީ އިތުރުވަމުންނެވެ. ބަންގި ގޮވީމާ ނަމާދަށް ދިއުމަށް އެމީހާ ތިބާއަށް ދައުވަތުދޭނެއެވެ. ތިބާއަށް ނުބައި ކަމެއް ކުރެވެން އުޅޭނަމަ އެކަމެއް ހުއްޓުވަން މަސައްކަތް ކުރާނެއެވެ. ޢިލްމުވެރިއަކާއި އުޅޭނަމަ އޭނާގެ ޢިލްމުން ތިބާއަށް ދާނީ ވާރުތަކުރަމުންނެވެ. 

ކޮންމެއަކަސް ވިސްނައި ބިރުވެތިވާންވީ އާޚިރަތް ދުވަހަށެވެ. އެކުވެރިންގެ ގޮތުގައި ނުބައި މީހުން ގެންގުޅުމަކީ ނަރަކަ ޢާއި ގާތްވަމުންދާނެ ސަބަބެކެވެ. ރަނގަޅު މީހުންނާއި އެކުވެރިވެގެން އުޅުމަކީ ސުވަރުގެ ދިއުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. ވީމާ އާޚިރަތް އެދޭނަމަ އެކުވެރިންގެ ގޮތުގައި ނުބައި މީހުން ނުގެންގުޅޭށެވެ! އެފަދަ މީހުންނާއި ދުރުހެލިވާށެވެ! 

ނުބައި މީހުންގެ ތެރެއިންވެސް އެންމެ ނުރައްކާތެރި މީހުންގެ ތެރޭގައި މަކަރުވެރިންނާއި ދޮގުހަދާ މީހުންނާއި ފިތުނަ ފަސާދަ އުފައްދާ މީހުންނާއި ދެބައުޑުވާ މީހުންނަކީ ނުބައިކަން ބޮޑުވެގެންވާ ބައެކެވެ. އެފަދަ މީހަކާއިއެކު ގުޅުން ބޭއްވޭނަމަ ޢާއިލީ ދިރިއުޅުމާއި ދިރިއުޅުމުގެ އެންމެހައި ކަންކަން ޚަރާބުވެގެން ހިނގައިދާނެއެވެ. 

ރަނގަޅަށް ވިސްނައިލާށެވެ! ތަޢްލީމް ޢާންމުވެއްޖެއެވެ. އެނގޭ ކަންކަން ގިނަވެއްޖެއެވެ. މީސްތަކުންގެ ހޭލުންތެރިކަން އިތުރުވެއްޖެއެވެ. ސުވާލަކީ އެނގުން އެންމެ މުހިންމު ކަންކަމުގައި ހޭލުންތެރިކަން އެބަ އިތުރުވޭހެއްޔެވެ؟ އާޚިރަތް ލިބިގަންނަން ކުރާ މަސައްކަތް އިތުރުކުރެވޭ ހެއްޔެވެ؟ ނަރަކައިން މިންޖުވުމަށް ކުރަންޖެހޭ ކަންކަން އެބަކުރެވޭހެއްޔެވެ؟ 

މިސުވާލުތައް އަމިއްލަނަފްސާއިކޮށް ޖަވާބުލިބިގަންނާށެވެ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން