ދަރިންގެ ޒިންމާތައް އުފުލައި، ބަލަހައްޓައި، ތަރުބިއްޔަތުކުރާ ބައްޕައިންނަށް ޙައްޤު ޤަދަރުދޭށެވެ. މަންމައަށް 3 ދަރަޖަ ލިބިފައި ބައްޕަގެ ދަރަޖަ 4 ވަނައިގައި އޮތުމަކީ ބައްޕައަށް ދޭންޖެހޭ ސަމާލުކަން ކުޑަކުރެވެން އޮތް ސަބަބެއް ނޫނެވެ.
އަދި ކީއްހެއްޔެވެ؟ ބައްޕައަކު އޭނާގެ ޒިންމާ ނުއުފުލުމަކީވެސް ބައްޕައަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރަން އޮތް ސަބަބެއް ނޫނެވެ. ސަބަބަކީ ﷲ ތަޢާލާ އަންގަވާފައިވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. ﷲ ތަޢާލާއަށް އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި މައިންބަފައިންނަށް ކިޔަމަންތެރިވުމަށެވެ.
މަންމަވިޔަސް ބައްޕަވިޔަސް ދަރިންނަށް އިހްމާލްވުމަކީ އެމީހަކު ކުރާ ކުށެކެވެ. ކުށެއްކޮށްފި ކޮންމެ މީހަކަށް އެކަމުގެ ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ. އެއީ އަހުރެމެން ވިސްނަންޖެހޭ ކަމެއް ނޫނެވެ.
ދެން ދިމާވާ މައްސަލައެއް އޮވެއެވެ. އެއީ ގިނަ ބަނޑަށް ދަރިން ހޯދާފައި ބައެއް ދަރިންނާއި އަޅައިނުލުމެވެ. މިއީ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ. އެއިގެ އިތުރުން ފަހުން ވަރަށް ބޮޑަށް ހިތާމަވެސް ކުރަންޖެހޭ ކަމެކެވެ.
އެއީ ތިމާ ޚަރަދުކޮށް ބެލެހެއްޓި ދަރިން ތިމާ މުސްކުޅިވެ ބަލިކަށިވާ ދުވަހު އަޅައިނުލުމުން އެހެން ދަރިންގެ އެހީތެރިކަން ހޯދަންޖެހެތީއެވެ. އެޙާލަތުގައި ވަރަށް ދެރަ ކަންކަން މެދުވެރިވެއެވެ. މިނެދިން ނާޅިން މިނެދޭން ބައެއް ދަރިން ވިސްނައެވެ.
ބުނަންހެއްޔެވެ؟ އެޙާލަތުގައިވެސް އެހީތެރިކަމަށް އެދިއްޖެނަމަ ވާޖިބުއަދާކުރާށެވެ! ކާންބޯންދޭށެވެ. ބަލިވެއްޖެނަމަ އަޅައިލާށެވެ! ގެންގުޅެން މަޖުބޫރުވެއްޖެނަމަ ގެންގުޅޭށެވެ! އަޅައިނުލައި ނިކަމެތިކޮށްނުލާށެވެ! އެކަންކަން ކުރަންވީ ބައްޕައަށްޓަކައެއް ނޫނެވެ. ދަރިންނަށް ހެޔޮކޮށް ހިތާފައި އޮތަތީއެއް ނޫނެވެ. ﷲ ތަޢާލާ ދަރިންގެ މައްޗަށް ކުރައްވަވާފައި އޮތް ވާޖިބަކަށްވާތީއެވެ! ވާޖިބު އަދާކުރީމާ އެކަމަށް ހައްޤު ޖަޒާ ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން