ﷲ ގެ ކޯފާއަށް ބިރުވެތި ނުވާނަމަ ބަދަލު ހިއްޕަވާކަން ވަޙީބަސްފުޅުން! ސަލާމަތްކަން ލިބުން އޮތީ ފާފަކުރުން ހުއްޓާލައިފި މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ﷲ ގެ ކޯފާއަށް ބިރުވެތި ނުވާނަމަ ބަދަލު ހިއްޕަވާކަން ވަޙީބަސްފުޅުން! ސަލާމަތްކަން ލިބުން އޮތީ ފާފަކުރުން ހުއްޓާލައިފި މީހަކަށް!

ﷲ ތަޢާލާއަށް އުރެދި ފާފަތައް ކުރަން މިއަދު ޖެހިލުން ނުވަނީއެވެ. އެހެންވެ މިބަސްކޮޅުގެ އަޑުއަހައިލާށެވެ! 

عُمر بن ذَرٍّ رحمه الله ވިދާޅުވިއެވެ. "އޭ ﷲ އަށް އުރެދުންތެރިވާމީހުންނޭވެ! ﷲ، ތިއަބައިމީހުންނަށް ޢުޤޫބާތްދެއްވުން ދެމިގެންދިއުމާމެދު، ތިއަބައިމީހުން ކެހިވެރިނުވާށެވެ! ތިއަބައިމީހުން އެކަލާނގެ ކޯފާވެވޮޑިގެންވާގޮތައް އުޅުމަށް ބިރުވެތިވާށެވެ. 

ﷲ ތައާލާ ކޯފާވެވޮޑިގަންނަވާ ފަދައިން ޢަމަލުކުރަން މިއަދު ޖެހިލުންވަނީ މަދު މީހެއް ކަމަށް ބުނަން ޖެހެނީ ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމަށް ޢަރައިގަންނަން ބިރުވެތި ނުވާ މީހުންގެ ޢަދަދު ގިނަކަމުންނެވެ. އެހެން މިވަނީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރިނަމަވެސް ދުނިޔެމަތީގައި އެކަމަށް ޢުޤޫބާތް ދެއްވަވާތަން ފެންނަ މިންވަރު މަދުކަމުންނެވެ. 

ހަމަ އެކަނި މިއާޔަތަށް ވިސްނައިލި ނަމަވެސް ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާނެ ޢަމަލުތައް ކުރަން ޖެހިލުންވާ މީހުންގެ ޢަދަދު އެތައް ގުނައަކަށް ގިނަވެގެންދާނެއެވެ. 

"ފަހެ، ތިމަންރަސްކަލާނގެ ކޯފާވެވޮޑިގެންވާގޮތަށް، އެއުރެން ކަންތައް ކުރިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެކިބައިން ބަދަލުހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެއުރެން އެންމެން ޣަރަޤް ކުރެއްވެވީމެވެ." (އައްޒުޚްރޫފް: 55) 

ކޮންމެ މީހަކީ ކަނޑަށް ޣަރަޤް ކުރައްވަވާ މީހަކަށް ނުވެދާނެއެވެ! ނަމަވެސް މިއާޔަތުން އެނގިގެންދަނީ އެމީހަކަށް ކުރިމަތިލާން ޖެހިދާނެ ޢުޤޫބާތެއްގެ ބޮޑުކަމެވެ. ބޮޑެތި ޢުޤޫބާތްތަކާއި ކުރިމަތިލާންޖެހޭނެ ކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ﷲ ތައާލާ ދެއްވެވި އިޚްތިޔާރުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެންމެހައި ކަންކަމުން ދުރުހެލިވާށެވެ! ﷲ ތަޢާލާގެ ކޯފާވެވޮޑިގަތުމަށް ބިރުވެތިވާށެވެ! މިދުނިޔޭގައި އެކަމުގެ ވޭން އުފުލަން ޖެހުނު ނަމަވެސް އާޚިރަތް ދުވަހުން ކުރިމަތިލާން ޖެހިދާނެ ގަދަފަދަ ޢަޛާބަށް ބިރުވެެތިވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން