ތެދުބަހުން ކަންކަން ހާމަކުރާއިރުވެސް ޢާއިލާގެ މަޞްލަޙަތާއި ދެމަފިރިންގެ ދިރިއުޅުމަށް ހިފަހައްޓަންޖެހޭ އިންތަކަށް ރައްކާތެރިވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ތެދުބަހުން ކަންކަން ހާމަކުރާއިރުވެސް ޢާއިލާގެ މަޞްލަޙަތާއި ދެމަފިރިންގެ ދިރިއުޅުމަށް ހިފަހައްޓަންޖެހޭ އިންތަކަށް ރައްކާތެރިވާންޖެހޭނެ!

އެއްވެސް ކަމެއްގައި ދޮގު ހެދުމެއް ނެތެވެ. އޮތީ ތެދުބުނުމެވެ. ނަމަވެސް އެއިގެ މާނައަކީ ސިއްރުކުރަންޖެހޭ ކަންކަން ހާމަކުރުމެއް ނޫނެވެ. ޢާއިލާ އާއި ތިމާގެ ދިރިއުޅުމާއި ގުޅުންހުރި ކަންކަމުގެ ވާހަކަ ދައްކާނަމަ ހިފަހައްޓަންޖެހޭނެ އިންތަކެއްވެސް އެބަހުއްޓެވެ.

ގާތް އެކުވެރިޔާ ނުވަތަ ޢާއިލީގޮތުން ގާތް މީހަކު ކުރި ކުށަކުން ސަލާމަތްކުރަންވެސް ދޮގުހެކިނުދޭށެވެ. އެކުރެވެނީ ވަރަށް ބޮޑު ފާފައެކެވެ. ކޮންމެ ކަމެއްގައިވެސް ބަސްބުނަންވާނީ ތެދަށެވެ. އެއީ ޤުރްއާނުގައި އެކަން ފެންނަން އޮތްގޮތެވެ. ﷲ ތަޢާލާގެ އަމުރުފުޅެވެ.

ވީމާ މީހަކު މައުލޫމާތެއް ހޯދަން ބޭނުންވެގެން ކިތަންމެ ގާތް މީހެއްގެ ވާހަކައިން ސުވާލުކުރި ނަމަވެސް ތެދު މައުލޫމާތުދޭށެވެ! އެއީ ތިމާގެ ޢާއިލާގެ މީހެއްގެ ނަމަވެސް މެއެވެ. އަނބިދަރިން އަދި ފިރިންގެ ނަމަވެސް މެއެވެ. (އަނބިން ހިފަހައްޓަން ޖެހޭނީ ހިފަހައްޓަން ޖެހޭ ފިރިންގެ ސިއްރުތައް އެކަންޏެވެ. އެފަދަ ސއްރުތައް ހިފެހެއްޓުމަކީ އަނބިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ.)

ނަމަވެސް މިސާލަކަށް ފިރިމީހާ ޢާއިލާއަށް ޚަރަދުކުރޭތޯ ނުވަތަ އޭނާއަކީ އޯގާތެރިއެއްތޯ ސުވާލުކޮށްފިނަމަ ޖަވާބުދޭންޖެހޭނީ ތެދުބަހުންނެވެ. ދޮގު މައުލޫމާތު ދިނުމުން އެމީހަކަށް އޮޅުން އަރައި ކުރެވޭކަމަކުން އެމީހަކަށް ބޮޑެތި ގެއްލުންތައް ލިބިދާނެ ކަމަށްޓަކައެވެ.

އެމައުލޫމާތެއް ތެދުބަހުން ދިނުމުން ޢާއިލާއަށް ނުވަތަ ތިމާއަށް ލިބިދާނެ ދެރައަކަށް ބިރުނުގަންނާށެވެ! އުންމީދުކުރަންވީ ތެދު މައުލޫމާތު ދިނުމުން ﷲ ތަޢާލާ އެކަމުގައި ލައްވަވާނެ ބަރަކާތަށެވެ. އެކަމަށްޓަކައި ދެއްވަވާނެ ނިޢްމަތްތަކަށެވެ.

މީހެއްގެ މައުލޫމާތު ހޯދަން ބޭނުންނަމަ، އމީހާގެ އަނބިދަރިން، ފިރިން އަދި ޢާއިލާގެ ކިބައިން އޮޅުންފިލުވަން ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވެއެވެ. އެއީ އެމީހެއްގެ ކަންކަން އެންމެ ރަނގަޅަށް އެނގޭނީ އެމީހާގެ ޢާއިލާއަށް ކަމުގައިވާތީއެވެ. ވީމާ މީހަކު ސުވާލުކޮށްފިނަމަ ތެދު މައުލޫމާތު ދިނުމަކީ ވާޖިބެކެވެ.

ނަމަވެސް މީގެ މާނައަކީ ޢާއިލާގެ ކަންކަން އެންމެންނަށް ކިޔައިދީ އިއުލާނުކުރުމެއް ނޫނެވެ. އެކަމަށް ސުވާލުކޮށްފި މީހަކަށް ދޭންޖެހޭނީ ތެދު މައުލޫމާތުކަމެވެ. ތެދުވެރިކަން އިސްކުރާށެވެ! އެކަމުގެ ސަބަބުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތައް އިތުރުކުރައްވަވައި ދެއްވަވާނެތެވެ! އެމީހަކަށް ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ

ހަމަ އެއާއިއެކު ފިރިމީހާ ތިމާދެކެލޯބިވާވަރާއި ޚަރަދުކުރާވަރާއި ފިރިމީހާ ތިމާއަށް ކޮށްދޭ ހުރިހާ ކަންކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ. އެއީ އެކަމުގެ ސަބަބުން ނުކުމެދާނެ މައްސަލަތަކަށްޓަކައެވެ. ހަސަދައާއި އެސްފީނާއިން ސަލާމަތްވެހުރުމަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން