އެއްވެސް މީހަކަށް ކުރެވޭ ފާފަތައް ގިނވެއްޖެ ނަމަ އެމީހާ ކުރާ މަސައްކަތުގައިވެސް އަދި ޢާއިލީ ދިރިއުޅުމުންވެސް އެއްވެސް ރަނގަޅުކަމެއް އެމީހަކަށް ނުފެންނާނެއެވެ. ކިތަންމެ ވަރަކަށް ވިޔަފާރި ކުރިއަރައިގެން ދިއަ ނަމަވެސް އެކަން ޤަބޫލެއް ނުކުރެވޭނެއެވެ! އަދި ޢާއިލީ ދިރިއުޅުން ކިތަންމެ ފުރިހަމަވެފައި ބައިވެރިޔާ ކިތަންމެ ރަނގަޅު ނަމަވެސް އެކަންވެސް އިޙްޞާޞެއް ނުކުރެވޭނެއެވެ.
އެއްކަމަކީ ތިމާއަށް ލިބިފައިވަނީ ދުނިޔޭގައި ހުރި އެންމެ ރަނގަޅު ބައިވެރިޔާ ނަމަވެސް އެމީހެއްގެ ކިބައިން އެއްވެސް ރަނގަޅު ސިފައެއް ނުފެނިގެން އުޅޭ ބައަކު އުޅެވެ. އަނބިމީހާ ކަމުގައިވީނަމަވެސް އަދި ފިރިމީހާ ކަމުގައިވީނަމަވެސް ބައިވެރިޔާގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް ނުފެންނަ ނަމަ އެކަމަށް ވިސްނަން ޖެހޭނެއެވެ. އެހެން މީހުންނާއި މަޝްވަރާވެސް ކުރަންވާނެއެވެ! އެހެން މީހުންނަށް ވެސް ވިސްނެނީ ތިމާއަށް ވިސްނޭގޮތަށްކަން ކަށަވަރުކުރަންވާނެއެވެ!
އެހެނީ އެޙާލަތުގައި އެވަނީ އޭނާ ކުރާ ފާފތަކުގެ ސަބަބުން އެނާގެ ކިބައިން ﷲ ގެ ބަރަކާތް ކެނޑިގެން ގޮސްފައެވެ. ވީމާ ކިތަންމެ ބޮޑު ނިޢްމަތެއް ލިބުނު ނަމަވެސް އެއީ ނިޢްމަތެއް ކަމަކަށް ޤަބޫލެއް ނުކުރެވޭނެއެވެ. އަބަދުވެސް އުޅެންޖެހޭނީ ހާސްވުމާއި ކަންބޮޑުވުމުގެތެރޭގައެވެ!
ހަނދާންކުރާށެވެ! ޝައިޠޯނާ އާއި އެމީހަކާއި އޮންނަ ގުޅުން އިތުރުވަމުންދާ ވަރަކަށް މިބުނި ކަންކަން އެމީހަކަށް ދާނީ ކުރިއަރަމުންނެވެ! އަމިއްލަ ގޭތެރެއިން އެއްވެސް އުފާވެރިކަމެއް ލިބޭކަމަކަށް ނުވާނެއެވެ! އަނބިދަރިންގެ ކިބައިންވެސް އަދި ޢާއިލާގެ އެއްވެސް މީހެއްގެ ކިބައިންވެސް ޙަޤީޤީ ރަނގަޅު ރައްޓެހިންގެ ކިބައިންވެސް އެއްވެސް ރަނގަޅު ސިފައެއް ނުފެންނާނެއެވެ.
"ތިބާގެ ފިރިމީހާ ރަނގަޅުކަމުން ކައިވެނިކުރަން ބޭނުން އެތައް ހާސް ބައަކު ތިބޭއިރުވެސް، ތިބާގެ އަނބިމީހާ ރަނގަޅުކަމުން ކައިވެނިކުރަން ބޭނުން އެތައް ހާސް ބައަކު ތިބޭއިރުވެސް ތިމާއަށް ތިމާގެ އނބިމީހާގެ ކިބައިން، ފިރިމީހާގެ ކިބައިން އެއްވެސް ރަނގަޅު ކަމެއް ނުފެންނަ ނަމަ އެހެރީ އެމީހަކަށް ކުރެވޭ ފާފަތަކެއްގެ ސަބަބުން ދެލޯ ކަނުވެފަ! އެހާލަތުގަ ހުންނަ މީހަކަށް ކުރިން ބުނިފަދައިން އަނެކާގެ އެއްވެސް ރަނގަޅުކަމެއް ނުފެންނާނެ!"
މިކަންކަން މިގޮތަށް މެދުވެރިވުމަށް ދިމާވާ ސަބަބުތަކުގެތެރޭގައި ޙަރާމް ގޮތުގައި އާމްދަނީ ހޯދުމާއި ޙަރާމް ގޮތުގައި ހިލޭ މީހުންނާއި ގުޅުން ބޭއްވުމާއި ޙަރާމް ތަކެތި ކައިބޮއި ހެދުމާއި ނަމާދު ނުކުރުން ފަދަ ކަންކަން ހިމެނެއެވެ.
ރަނގަޅަށް ހަނދާންކުރާށެވެ! ކުރެވޭ ފާފަތަކުގެ ހޫނުން މީހާ އަނދަމުންދާއިރު ﷲ ތައާލާ ދެއްވަވާ ނިޢްމަތްތަކުގެ ފޮނިމީރުކަން އިޙްޞާޞެއް ނުކުރެވޭނެއެވެ. ވީމާ ހަމަޖެހޭ އުފާވެރި ދިރިއުޅުމަކަށް އެދޭ މީހާ ފުރަތަމަ ކަމެއްގެ ގޮތުން ފާފަކުރުމާއި ދުރުހެލިވާށެވެ!
--މުފްތީ މެންކްގެ ދަރުސަކުން