"ﷲގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިޘާލީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ މިޘާލެވެ! ﷲ އިރާދަކުރައްވާ މީހަކަށް (ޘަވާބް) ގިނަގުނަ ކުރައްވަވައެވެ. އަދި، ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
މީހަކު ކަމަކު އެދިގެންއަތުވެއްޖެ ނަމަ ތިމާގެ ޙާލަތަށް ނުބަލާށެވެ! އެމީހާގެ ޙާލަތަށް ބަލާށެވެ! އެކަން ކުރެވޭނީ އޭނާއަށް ކުރިމަތިވެފައިވާ ޙާލަތު ތިމާއަށް ކުރިމަތިވެފައިވާކަމަށް ވިސްނައި ބޭނުން ޖެހިގެން އައިސް ހުރީ ޚުދު ތިމާކަމުގައި ވިސްނުމުންނެވެ.
ބޭނުމެއް ޖެހިގެން އަތް ދިއްކޮށްލައިފިނަމަ އެމީހަކަށް އޯގާތެރިވާށެވެ! ކުށްހީތައްކޮށް ޝައްކުގެ ލޮލުން ނުބަލާށެވެ! (ނަމަވެސް ބޮޑެތި ކަންކަން ކޮށްދޭނަމަ ބަލަންޖެހޭ ކަންކަން ބެލުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ކާނެއެތިކޮޅަކަށް އެދިއްޖެނަމަ އޭނާހުރީ ބަނޑުހައިވެގެންތޯ ބަލަން ނުއުޅޭށެވެ.) އެމީހަކަށް އެހީތެރިވެދެވެން އޮތް ފެންވަރަކުން އެހީތެރިވެދޭށެވެ! އެހީތެރިވެދެވެން ނެތް ނަމަވެސް އެމީހަކާއިމެދު ލޯބިން އޯގާތެރިކަމާއިއެކު ބަސްބުނާށެވެ.
عَنْ أَبِيْ هُرَيْرَةَ أَنَّ رَسُوْلَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَى بِلَالٍ، فَوَجَدَ عِنْدَهُ صُبَراً مِنْ تَمْرٍ ، فَقَالَ : "مَا هَذَا يَا بِلَالُ ؟ " فَقَالَ: تَمْراً ادَّخَرْتُهُ لَكَ، فَقَالَ: " وَيْحَكَ يَا بِلَالُ أَمَا تَخَافُ أَنْ يَكُونَ لَهُ بُخَارٌ فِي النَّارِ ، أَنْفِقْ بِلَالُ وَلَا تَخْشَ مِنْ ذِي الْعَرْشِ إِقْلَالًا "
މާނައީ: " أَبُوْهُرَيْرَةَ رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން رَسُوْلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، بِلَالُ رَضِيَ اللَّهُ عَنْهُ ގެ އަރިހަށް ވަޑައިގަތެވެ. އެހިނދު އެކަލޭގެފާނުގެ އަރިހުގައި ކަދުރު ކޮތަޅުތަކެއް ހުއްޓާ ފެނިވަޑައިގަތެވެ. ފަހެ، އެހިނދު ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. "އޭ ބިލާލުގެފާނެވެ. މިއީ ކޮން އެއްޗެއް ހެއްޔެވެ؟ އެވަޤުތު ބިލާލުގެފާނު ދެންނެވިއެވެ. އެއީ، ތިމަންނާ ކަލޭގެފާނަށްޓަކައި ފަހަށް ރައްކާކޮށްފައިވާ އެއްޗެކެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ. ތިބާއަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! އޭ ބިލާލުގެފާނެވެ. އެތަކެތި ފަހަށް ރައްކާކުރުމުން ނަރަކައިގައި ލިބިދާނެ ޢަޛާބަކަށް ބިރުވެތިނުވަނީ ހެއްޔެވެ؟ އޭ ބިލާލުގެފާނެވެ! ﷲ ގެ މަގުގައި ހޭދަކުރާށެވެ! އަދި ޢަރްޝީގެ ވެރިރަސްކަލާނގެ މަދުން ދެއްވަފާނެތީ ބިރު ނުގަންނާށެވެ!"
މިޙަދީޘްފުޅު ތަރުޖަމާކޮށްދެއްވުމަށްފަހު ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވިއެވެ. "މީގެމާނައަކީ ކޮންމެވެސް މިންވަރެއް ފަހަށް ރައްކާކުރުން މުޅިން މަނާވުމެއް ނޫނެވެ. އެއީ ޙަރާމްކަމެއް ނޫނެވެ. ނަމަވެސް ބަޔާންކުރައްވަވާފައި އެވަނީ ފަހަށް ރައްކާނުކޮށް ޞަދަޤާތްކުރުމުގެ މުހިންމުކަމެވެ. އެކަމުން ކުރާނެ ފައިދާއެވެ."
https://www.abuaminaelias.com/dailyhadithonline/2022/09/13/tawakkul-excess/