ވަރިކުރި މީހާ އާއި އަލުން ގުޅެން ބޭނުން ނުވިނަމަވެސް ޢިއްދައިގެ މުއްދަތުގައި އެހެން މީހަކު ދެކެ ލޯބިވެގެން އުޅުމާއި ޢިއްދަ ހަމަވާއިރަށް ދެވަނަ ކައިވެނިކުރަން ތައްޔާރުވުން ހުއްދަވެގެނެއް ނުވެއެވެ. އެކަންކަން ކުރަންޖެހޭނީ ޢިއްދަ ހަމަވުމުންނެވެ.
ވިސްނާލަންވީ ކަމަކީ ދެވަނަ ނުވަތަ ދެންކުރާ ކައިވެނީގައި ވެސް ބަރަކާތް ލައްވަވާނީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން، ދީނުގައި އޮތްގޮތަށް ޢަމަލުކުރުމުންކަމެވެ. ވީމާ ޢިއްދައިގެ މުއްދަތުގައި ސޯޝަލްމީޑިއާގައިވެސް ފޯނުންވިޔަސް ލޯބީގެ ވާހަކަދައްކައި ގުޅުން އުފެއްދުން ފަދަ ކަންކަން ނުކުރާށެވެ.
ހަމައެއާއެކު ވަރިވެ ޢިއްދައިގައި އިންނައިރު ވަރިކުރި މީހާ އާއިވެސް ލޯބީގެ ގުޅުން ހިންގަންވާނީ ކައިވެނި ރުޖޫޢަކޮށްގެންނެވެ، ނުވަތަ ރުޖޫޢަކުރުމަށެވެ. ރުޖޫޢަ ކުރުން ހުއްދަ ވަރިއެއް ނަމަ ރުޖޫޢަކުރުމަކަށް އެއްވެސް ހުރަހެއް ނެތެވެ. ރުޖޫޢަކޮށް ހެޔޮގޮތުގައި ދިރިއުޅުމަކީ އެކަމުގެ އެންމެ ރަނގަޅު ގޮތެވެ.
ސުވާލު:. ފިރިމީހާ ގާތުން ވަރިވެގެން އިއްދާގައި އިންނައިރު ވަރިކުރި މީހާނޫން ފިރިހެނަކާއެކު ކާވެނިއަށް އެރޭންޖްމެންޓަށް ދިއުމަކީ ހުއްދަކަމެއްތޯ؟
ޖަވާބު:. އިއްދާގެ މުއްދަތު ނިމުމުގެކުރިން އެހެން ކާވެންޏެއް ކުރުމުގެ އެއްވެސް ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫން.
- ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަޠީފް