މަގުމަތީގެ އަދަބުތަކުގެ ތެރެއިން ކޮންމެ މުސްލިމަކުވެސް އަދާކުރަންޖެހޭ ބައެއް ވާޖިބުތައް-

ކިޔުމަށް ހޭދަވާނީ 2މ 49ސ
މަގުމަތީގެ އަދަބުތަކުގެ ތެރެއިން ކޮންމެ މުސްލިމަކުވެސް އަދާކުރަންޖެހޭ ބައެއް ވާޖިބުތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

މަގުމަތީގެ އަދަބުތަކުގެ ތެރެއިން ހަތަރުވަނަ އަދި ފަސްވަނަ ކަމަކަށް މި ބަލާލަނީ ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީ ކުރުމެވެ. 

ހެޔޮ ކަންކަމަށް އަމުރުކުރުން ވަނީ އެކަމަށް ބޭނުން ޖެހިއްޖެ ޙަލަތެއްގައެވެ. 

އެގޮތުން ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީ ކުރުމުގެ މާނައަކީ އަދި ބޭނުމަކީ މީހުންގެ މެދުގައި ޞުލްޙަކަން ޤާއިމްކުރުމެވެ. 

ﷲ ތަޢާލާ އާލް ޢިމްރާން ސޫރަތުގެ 110 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

(كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ ۗ)

"މާނައީ: މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ أمّة ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް أمر ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް إيمان ވަމުއެވެ."

މަގުމަތީގެ އަދަބުތަކަށް ތަބާވުމުގެ މުހިންމުކަމުގެ ތެރޭގައި ގިނަ ކަންތައްތައް ހިމެނެއެވެ. އޭގެ ތެރޭގައި މާތް الله ގެ ޙަޟްރަތުން ސަވާބާއި ދަރުމަ ހޯދުމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަޚްލާޤަށް ތަބާވެ، އެކަލޭގެފާނު ދެއްކެވި ނަމޫނާއަށް ތަބާވުމެވެ. ކުށަށް މަގުފަހިވާ ސަބަބުތަކާއި، އެކަން ހިނގަން މެދުވެރިވާ ކަންކަމުން ދުރުހެލިވުން ވެސް ހިމެނެއެވެ. 

މަގަކީ ވަރަށް ގިނަ މީހުން ބޭނުންކުރުމުގައި ހިއްސާކުރާ އާންމު ވަސީލަތްތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އަދި މަގުމަތީގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި، އެއިން މަންފާ ހޯދުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ.  އެހެންނަމަވެސް އެމީހަކަށް އެހީތެރިކަން ބޭނުންވާނަމަ، ފޯރުކޮށްދޭން ވާނެއެވެ..  އެހެންކަމުން އިސްލާމްދީން ވަނީ މަގުމަތީގައި ހިނގާއިރު އަދި މަގުމައްޗަށް ނިކުންނައިރު މުސްލިމުން ޢަމަލުކުރުމަށް ބާރުއަޅާ ގިނަ އަދަބުތަކެއް ޤާއިމުކޮށްފައެވެ. 

އެކަމުގެ ޒަރިއްޔާއިން މުސްލިމުންނަށް މުޖުތަމަޢު ޙިމާޔަތް ކުރެވިގެންދެއެވެ.އަދި އިސްލާމްދީނުގައި، މުސްލިމުން ރައްކާތެރިކުރެއްވުމަށް ޙައްޤާއި ބާޠިލް ވަކިކުރައްވާ އެންގެވިއެވެ. އަމާންކަން ޤާއިމުކުރައްވުމަށް ހެޔޮކަންތައް ފެތުރުމާއި، ނުބައިކަންތައް ގިނަވުމާއި، ނުބައިކަންތައް ނުކުރުމަށް އެންގެވިއެވެ. ހެޔޮކަމަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުން  ނެތްނަމަ ފަސާދަ އުފެދިގެންދާނެއެވެ. އަދި މުޖުތަމަޢު ބައިބައިވެ ހަލާކުވެގެން ދާނެއެވެ. 

ރިވެތި އަޚްލާޤެއް ހުރުމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގެ ތެރެއިން ވާކަމެކެވެ. އަދި އިސްލާމްދީނުގައިވާ ޙައްޤުތަކާއި ވާޖިބުތަކަށް މީހުން ޢަމަލު ކޮށްފިނަމަ، މީހުންގެ މެދުގައި މުޖުތަމަޢުގައި ގާތްކަމާއި ލޯބި އިތުރުވެ ނަފްރަތާއި ދެކޮޅުވެރިކަން ނެތިގެން ދާނެއެވެ.

މިއަދު އޮންލައިން