ދުނިޔޭގައި ލިބޭ އެއްވެސް ނިޢްމަތަކީ ދާއިމީ ނިޢްމަތެއް ނޫނެވެ. ދުނިޔޭގައި ކުރިމަތިވާ އެއްވެސް ތަކްލީފަކީވެސް ދާއިމީ ކަމެއް ނޫނެވެ! ތިބާގެ ބައިވެރިޔާ އަދި އެކުވެރިންނާއިމެދުގައި މެދުގައިވެސް އަދި ލިބިފައިވާ ތަނަވަސްކަމާއިމެދުގައިވެސް ހަމަ މިވިސްނުމުން ވިސްނާށެވެ! ކިތަންމެ ލޯބިން އުޅެފައި ނަމަވެސް ވަކިވާން ޖެހިދާނެކަން ޤަބޫލުކޮށްގެން ދިރިއުޅޭށެވެ!
ހަމައެފަދައިން ކިތަންމެ ބޮޑު ތަނަވަސްކަމެއްގައި ދިރިއުޅެމުން އަންނަ މީހަކު ފަޤީރުވެސް ވެދާނެއެވެ. މިއީ އަބަދުހެން ލޯތަކަށް ފެންނަމުން އަންނަ ކަންކަމެވެ. ކޮންމެހެން މީހަކު ކިޔައިދޭންޖެހޭ ކަންކަމެއްވެސް ނޫނެވެ.
މިބަހުގެ މާނައަކީ އަބަދުވެސް ކައިވެނި ރޫޅައިލަން ތައްޔާރަށް ތައްޔާރަށް ތިބުމެއްވެސް ނޫނެވެ! އެއީ ވެސް މެދުވެރިވެދާނެ ކަމެއް ކަމަށް ބަލައިގެން ތިބުމެވެ. އެންމެ މުހިންމީ ބައިވެރިޔާ ދެކެ ކިތަންމެ ވަރަކަށް ލޯބިވީ ނަމަވެސް ބައިވެރިޔާގެ ލޯބި ހޯދުމަށްޓަކައި ﷲ ތަޢާލާ ނަހީކުރެއްވެވި އެއްވެސް ކަމެއް ނުކުރުމެވެ! އަދި ބައިވެރިޔާ އާއި ވަކިވާން ޖެހުނު ނަމަވެސް ﷲ ތަޢާލާ މަތިވެރިކުރުންމަތީގައި ސާބިތުވުމެވެ!
ހަމަ އެއާއިއެކު އެއްވެސް ކައިވެންޏަކީ ހަމަ ތިއްބައި ކުރެވޭ ކަމެއް ނޫނެވެ! އިއްތިފާޤަކުން ބައްދަލުވާ ބައިވެރިޔާ އާއިވެސް ބައްދަލުވެވެނީ ﷲ ތަޢާލާ އެކަން އެގޮތަށް ވުމަށް ލިޔުއްވަވާފައިވާތީއެވެ! ވީމާ ކައިވެނި ކުރެވިއްޖެ ނަމަ ކައިވެނި ދަމަހައްޓަން މަސައްކަތްކުރަންވާނެއެވެ! ކައިވެންޏަކީ ކުޅޭ ކުޅިވަރަކަށް ހަދައިގެން ނުވާނެއެވެ! އެކަމަށް މަސައްކަތްކުރުމުގައި ވެސް ﷲ ތަޢާލާގެ މަގުން ކައްސާލައިގެން ނުވާނެއެވެ!
ހަމައެކަނި ބައިވެރިޔާގެ އެއް ނޫނެވެ! އެއްވެސް މީހެއްގެ ރުހުން ނުވަތަ ލޯބި ހޯދަން ﷲ ތަޢާލާގެ މަގު ޤުރްބާން ނުކުރާށެވެ! ވަޒީފާގެ ގޮތުން ބޮސް ކަމުގައިވީނަމަވެސްމެއެވެ! އަދި ކިތަންމެ ނުފޫޒު ގަދަ މީހެއްގެ ނަމަވެސްމެއެވެ! ބައިވެރިޔާ ނަމަވެސް އެހެން މީހަކު ނަމަވެސް ތިބާ ދޫކޮށްލި ނަމަވެސް ﷲ ތަޢާލާ ތިބާ އާއިއެކު ވާހައި ހިނދެއްގައި ތިބާއަށް އުނިވާނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ! ނަމަވެސް ﷲ ތަޢާލާ ތިބާ ދޫކޮށްލައްވަވައިފި ނަމަ ތިބާއަށް ލިބޭނެ އެއްވެސް އުފަލެއް އަދި ކާމިޔާބީއެއްވެސް ނުއޮންނާނެއެވެ! އެންމެ ބޮޑު ނިކަމެތިކަމެއް ލިބޭނީ އެއިރުންނެވެ!
--މުފްތީ މެންކުގެ ދަރުސަކުން