ކޮންމެ ބެލެނިވެރިއަކު ސަމާލުވާތި!: ދަރިން ތަރުބިއްޔަތުކޮށް އާޚިރަތް ހޯދައިދޭން ބޭނުންނަމަ ސަމާލުކަންދޭންޖެހޭ 3 ކަންތައް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 14ސ
ކޮންމެ ބެލެނިވެރިއަކު ސަމާލުވާތި!: ދަރިން ތަރުބިއްޔަތުކޮށް އާޚިރަތް ހޯދައިދޭން ބޭނުންނަމަ ސަމާލުކަންދޭންޖެހޭ 3 ކަންތައް-: މުފްތީ މެންކް

ދަރިންނަކީ ﷲ ތަޢާލާ އެމީހަކާއި ޙަވާލުކުރައްވަވާ ވަރަށް ބޮޑު އަމާނާތެކެވެ. އެއަމާނާތަށް ރައްކައުތެރިވާންޖެހެއެވެ. އެކަން ނުކުރެވިއްޖެނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާން ނުޖެހިނުދާނެކަން ކޮންމެ މުސްލިމް ބެލެނިވެރިއަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ.

މިހާރަކަށް އައިސް ގިނަ ބައަކު އެންމެ ގިނައިން ކުރާ އެއް ޝަކުވާއަކީ އެމީހުންގެ ދަރިން ނަމާދު ނުކުރާ ކަމުގެ ޝަކުވާއެވެ. މިފަދަ މައްސަލަތަކަށް ބެލުމުން އެނގެނީ އެކަން އެގޮތަށް މެދުވެރިވަނީ މައިންބަފައިންގެ އިހުމާލުން ކަމެވެ.

ދަރިންގެ މައްސަލަތަކުގެ ޙައްލުވަނީ ދަރިންނަށް އަޑުގަދަކުރުމަކުންނޭވެ! ދަރިފުޅު ރުޅިއައިސްފައި ހުއްޓާ ނުވަތަ ހެވިފައި ހުއްޓާ ނަގާފައި ސޯޝަލް މީޑިއާއަށްލާ ފޮޓޯއަކުން ވެސް ނޫނެވެ! އަގު ބޮޑު ރެސްޓޯރަންޓްފަދަ ތަންތަނަށް ގެންގޮސް ކާތަކެތީގެ ފުނިވަރާއެކު ނަގާ ފޮޓޯއަކުންވެސް ނޫނެވެ. ކުއްޖާގެ ހުރިހާ ކާމިޔާބީތަކެއް ގުޅިފައިވަނީ ކުއްޖާއަށް ދެވޭ ތަރުބިއްޔަތުގެ މައްޗަށެވެ.

ކުޑަކުދިންނަކީ އަބަދުވެސް މައިން ބަފައިން ކުރާ ކަންކަން ކޮޕީކުރާ ބައެކެވެ. އެކުދިން ކޮޕީ ކުރާނީ ހަމައެކަނި މައިން ބަފައިން ކުރާ ގޯސް ކަންތައްތަކެއް ނޫނެވެ. ރަނގަޅު ކަންތައްވެސް ކުރާނެއެވެ. ވީމާ ދަރިން ގޮވައިގެން ދަރިންނާއިއެކު ނަމާދުކުރާނަމަ ނަމާދު ކުރުމަށް ކުދިން ޝައުޤްވެރިވާނެއެވެ.

މުސްލިމުން ދިރިއުޅޭ ބައެއް ޤައުމުތަކުގައި ގެއާއި އެހައި ކައިރީގައި މިސްކިތެއް ނުހުރެދާނެއެވެ. އެހެން ވެއްޖެ ނަމަ ކޮންމެ ފަހަރަކު މިސްކިތަށް ދިއުމަކީ އެހައި ކުރަން އެހައި ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެފަދަ ޙާލަތުގައި ގޭގައި ކުދިންނާއިއެކު ނަމާދުކުރާށެވެ. އެކަން ކުރަން ޖެހޭނީ "ދަމަކުން ބަޑިއެއް ޖަހާ" އުޞުލަކުން ނޫނެވެ. އެއީ ޤަވާއިދުން ވަގުތުން ވަގުތަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ކުދިންނަށް ޤަބޫލުކުރެވޭނެ ގޮތަށް ޤަވާއިދުންނެވެ. މަންމަ އަށް ފެންވަރައިގެން ހުރެވޭ ވަގުތަކު، ބައްޕަ ވަރުބަލި ނުވާ ވަގުތަކު ނަމާދުކުރަން އުޅެގެން މި ބުނި މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. މި ބުނި މަޤްޞަދު ޙާޞިލު ކުރެވޭނީ އެންމެ ކުޑައިރުންސުރެ ދަރިންލައްވައި ނަމާދުކުރުވައިގެންނެވެ. މައިން ބަފައިން ނަމާދުކުރާތަން ދަރިންނަށް ދައްކައިގެންނެވެ. ބައެއް މައިން ބަފައިން ނަމާދުކުރަންވުމުން ކުދިން ކޮޓަރިނެ ބޭރަށް ނެރެލައެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ކުދިންގެ ކިބައިން އުނދަގުލެއް ވީނަމަވެސް ނަމާދުކުރަންވީމާ ކުދިން ބޭރުކޮށްލައި ކޮޓަރި ތަޅުލައިގެން ނުވާނެއެވެ. ކުދިންގެ ކިބައިން ލިބޭ އުނދަގުލަށްވުރެ ނަމާދުކުރާތަން ކުދިންނަށް ފެނުމުން ނަމާދުކުރަން ކުދިންގެ ހިތުގައި އުފެދޭ ޝައުޤުވެރިކަމުގެ ފައިދާ މާބޮޑުވާނެއެވެ.

އަދިވެސް ކަމެއް ފާހަގަކޮށްލާނަމެވެ. ނަމާދުން ފައިބައިގެން ގެއަށް ވަނުމާއިއެކު ޓީވީ ހުޅުވައިގެން ބަލަން އިށީނުމަކީ ނުވަތަ ފޯނާއި ކުޅެން ފެށުމަކީ ކުދިންނަށް ދެވޭ ވަރަށް ނުބައި ތަރުބިއްޔަތެކެވެ. ކުދިން ގޮވައިގެން ގޭގައި ނަމާދުކުރި ނަމަވެސް މިސްކިތުގައި ނަމާދުކުރި ނަމަވެސް ނަމާދު ނިމުމުން ކީރިތި ޤްރުއާނުން މިންވަރެއް ކިޔަވައިލުމަކީ ކުދިންގެ ހިތުގައި ކީރިތި ޤްރްއާން ކިޔެވުމަށް ޝައުޤުވެރިކަން އިތުރުވާނެ ކަމެކެވެ. ވީމާ މިސްކިތުން ފައިބައިގެން ގޮސް ގެއަށް ވަނުމަށްފަހުގައިވެސް ފުރަތަމަ ކަމެއްގެ ގޮތުން ކީރިތި ޤްރުއާން ކިޔަވައިލާށެވެ!

ބައެއް ބައްޕައިންގެ ކިބައިން ފެންނަ ވަރަށް ނުރަނގަޅު ކަމެއްވެސް ފާހަގަކޮށްލާނަމެވެ. ޢިޝާ ނަމާދު ނިމިގެން ގެއަށްދާއިރު ކާން ނުހަދައި ހުރެއްޖެ ނަމަ އެބަ ޒުވާބުކުރަން ފަށައެވެ. މިއީ ވެސް ދަރިންނަށް ދަސްކޮށް ދެވޭ ވަރަށް ނުބައި އާދައެކެވެ. ނަމާދުން ފައިބައިގެންދާއިރުވެސް އަދި އެހެން ވަގުތަކު ނަމަވެސް ކާން ނުހެދި ހުރެއްޖެ ނަމަ، އަދި ކާން ހަދައިދެވެދެން މަޑު ނުކުރެވޭވަރަށް ބަނޑުހައިވެގެން ހުރިނަމަ ޒުވާބުކުރަން ފެށުމުގެ ބަދަލުގައި އަމިއްލަ އަތުން ކާން ހަދައިގެން ކައިލާށެވެ. ދަރިންނަށްވެސް ކާން ހަދައިދޭށެވެ! އެއިރުން ދަރިންނަށް ދަސްކޮށް އެދެވެނީ ވަރަށް ރަނގަޅު ފިލާވަޅެކެވެ. އެކުދިން ބޮޑެތިވުމުން ވެސް ފައިދާކުރާނެ ފިލާވަޅެކެވެ.

މިކަން ފާހަގަކުރަން މިޖެހެނީ ކާން ހަދައި ނުދެވިއްޖެ ނަމަ އަންނާނެ ހަމަލާތަކަށް ބިރުން ނަމާދު ނުކޮށް މަޑުކުރަންޖެހޭ ނުވަތަ ތެޅި ފޮޅެ ގަނެގެން ނަމާދުކުރަން ޖެހޭ މައިން މަދު ނޫން ވީމައެވެ. މިއީ ވަރަށް ހިތާމަކުރަންޖެހޭ ކަމެކެވެ. އެކަނބަލުންނަށްވެސް ހަަމޖެހިލައިގެން ނަމާދުކުރުމުގެ ފުރުޞަތު ދިނުމަކީ ފިރިހެނުންގެ މައްޗަށް ވާޖިބު ކަމެކެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން