އަހުރެން ދަމުނަމާދުކޮށް ދުޢާކުރަންފެށީ ދިރިއުޅުމުގައި ކުރިމަތިވި ބޮޑުކަމެއް ޙައްލުކުރެވި ގިނަ ދުވަސްތަކެއް ފާއިތުވެގެންދާން ފެށުމުންނެވެ. އެކަމަށް ވިސްނަމުންގޮސް ސިކުނޑި ސުމަކަށްދާ ޙާލަތަށް ކަންތައްތައް ދިއުމުންނެވެ. އެކަން ލުއިމަގަކުން ޙައްލުކޮށް ދެއްވެވުން އެދިގެންނެވެ.
ފުރަތަމަ ހަފްތާ ނިމިގެންދިއައިރު އެކަމަށް ވިސްނޭ މިންވަރު ކުޑަވާން ފެށިއެވެ. ތިންވަނަ ހަފްތާ ނިމިގެންދިއައިރު އެކަމަކަށް ނުވެސް ވިސްނެއެވެ. އެކަމަކު އެކަންތައް ހަމަ އޮތް ގޮތަށް އޮތެވެ. ނަމަވެސް ތަޤްވާވެރިކަމުގައި ވަނީ ވަރަށް ބޮޑުތަން ކުރިއަށް ދެވިފައެވެ. ދެމަސް ފުރުނު ދުވަހަކީ ބައިވެރިޔާ އައިސް އަމިއްލައަށް މާފަށްއެދި ކަންތައްތައް އަހުރެން ބޭނުންވެގެން ހުރި ގޮތަށް ބަދަލުކޮށްލި ދުވަހެވެ.
ފާހަގަކުރަން ބޭނުންވާ ކަމަކީ ދިރިއުޅުމަށް ކުރިމަތިވި ޒަލްޒަލާއެއް ފަދަ އެކަންތަކުގެ ވާހަކަ ފިރިމީހާ ގާތަކު ނުވެސް ދައްކަމެވެ. އެއްވެސް ކަމެއް ވެގެންއުޅޭކަމަކަށްވެސް ނުބުނަމެވެ. އަދި އެއްވެސް ކަމެއް ބަދަލުކުރާކަށްވެސް ނުބުނަމެވެ. ހުރިހާ ކަމެއް ނިމިގެންދިއައީ އެކަން ސިއްރުކޮށްގެން ހުއްޓައެވެ. ލިބުނު ތަޖުރިބާއަށް ބަލައި ރޭއަޅުކަންކުރުން އިތުރުކުރީމެވެ. 2 ރަކްއަތުގެ ބަދަލުގައި މިހާރު 8 ރަކްޢަތްކުރަމެވެ.
މިއަދުނޫހުގައި މިބާވަތުގެ ކަންކަމުގެ ވާހަކަތައް ޝާއިޢުކުރާތީ ޙިއްސާކޮށްލަން ބޭނުންވީއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
ކަމެއް ދިމާވުމުން ފުރަތަމަ ކަމަކަށްވެސް ދަންވަރު ތެދުވާށެވެ. ވުޟޫކޮށްލާށެވެ. މުސައްލަމަތީގައި އިށީންނާށެވެ! ﷲ ތަޢާލާގެމަތިން ހަނދުމަކުރާށެވެ. އަދި މިއަޅާއަށް ކުރިމަތިވެފައިވާ މިވެނިއެވެނި ކަމަކުން މިއަޅާއަށް ސަލާމަތްކަން ދެއްވަވާނދޭވެ! މިވަރަށް ދަންނަވައިލި ނަމަވެސް އެމީހަކަށް ހީވެސް ނުކުރެވޭފަދަ ބޮޑު ރަޙްމަތް ލައްވަވާނެތެވެ.
މިހެން ބުނީމާ އެންމެ ރެއަކު ދަންނަވާލާފައި ނިންމައިނުލާށެވެ! ތަކުރާރުކުރަމުން ގެންދާށެވެ! ނަތީޖާ ފެންނާނެއެވެ. އިން ޝާ ﷲ
- ބިލާލް އައްސަދު