ކިތަންމެ ލޯބިން ދިރިއުޅުނަސް، ކިތަންމެ ބޮޑު ތަނަވަސްކަމެއްގައި ދިރިއުޅުނަސް، އަޑިގުޑަންތައް އަންނާނެއެވެ. އަޑިގުޑަންތައް އައުމުން ލޮޅުންތައްވެސް އަރާނެއެވެ. ކަމެއް ދިމާވާ ކޮންމެ ފަހަރަކު ނުވަތަ ކޮންމެ ކަމެއް ކުރިމަތިވުމުން އެކަން އެއީ ދެން ސަލާމަތް ނުވެވޭވަރުގެ ކަމެއް ކަމަށް ދެކެ މާޔޫސްވެ ހިތްވަރު އެލުވާނުލަން މިބުނަނީ އެހެންވެގެންނެވެ.
ވިސްނަންވީ ﷲ ތަޢަލާގެ މަތިވެރިކަމަށެވެ. އިތުބާރުކޮށް ޔަޤީންކުރަންވީ " الله اكبر " އެވެ. އެންމެ މަތިވެރިވަންތައީ ﷲ ތަޢާލާ ކަމެވެ. ﷲ ތަޢާލާއީ ހުރިހާ ކަންކަން މިންވަރު ކުރައްވަވާ އެންމެ މަތިވެރި ފަރާތްކަމެވެ. ތިބާއަށް ކުރިމަތިވެފައިވާ ހުރިހާ ކަންކަމަކީވެސް ﷲ ތަޢާލާ އިރާދަ ކުރެއްވެވުމުން ވަގުތުން ނެތިގެންދާނެ ކަންކަންކަމެވެ.
ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް، ކޮންމެ ޙާލަތެއްގައި ނަމަވެސް ތިމާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަމުގެ ޔަޤީންކަން ހިތުގައި ބާއްވާށެވެ! އަދި ކޮންމެ ކަމެއްވެސް ނިންމަވާނީ ތިމާއަށް އެންމެ ފައިދާހުރި ގޮތުގައިކަމަށް އަބަދުވެސް ޔަޤީންކޮށްގެން ހުންނާށެވެ! ލިބުނު ހިތްދަތިކަމުގެ ބަދަލުގައި ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި ކޮންމެ ފަދަ ދަތިކަމަކުންވެސް މިންޖުކުރައްވަވައި ދެއްވަވާނެކަމުގެ ޔަޤީންކަމުގައި ހުންނާށެވެ.!
މިބުނި ފަދަ އިން ކަންކަން ޔަޤީންކޮށްގެން ހުންނަ މީހާ އަބަދުވެސް ހުންނާނީ އުފަލުގައެވެ! ވީމާ މަސައްކަތްކުރަންވީ ހިތުގެ އަޑިން ﷲ ތަޢާލާގެ ދީލަތިވަންތަކަން ޔަޤީންކުރާ މީހަކުކަމުގައިވުމަށެވެ! ތިމާއަށް ދެރައެއް ނިކަމެތިކަމެއް ލިބޭނެ އެއްވެސް ކަމެއް ﷲ ތަޢާލާ މިންވަރު ނުކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައި ހުންނާށެވެ! އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުން ވަނީ އެއިރުންނެވެ!
ކަމެއް ދިމާވުމުން ތިބާ މާޔޫސްވެ ދިރިއުޅުންމަތިން ފޫހިވުމުގެ ކުރިން، ތިބާއަށް ކުރިމަތިވި މައްސަލަ ކުރިމަތިވީމާވެސް ހިތްޖެހިގެން ތިބާގެ ވަށައިގެންނާއި ދުނިޔޭގެ ކަންކޮޅުތަކުގައި އުފަލުގައި ތިބީ ކިތައް މިލިއަން މީހުންކަމާމެދު ވިސްނައިލާށެވެ! އެކަންކަމަށް ވިސްނައި ހިތްވަރު ލިބިގަންނަން މަސައްކަތްކޮށްފިނަމަ ހާދަހާބޮޑު އުފާވެރިކަމެއް ލިބުނީހެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން