ތިމާ ލޯބިވަނީ ﷲ ތަޢާލާ ދެކެ ކަމަށާ ބޭނުންވަނީ ސުވަރުގެދާން ކަމަށް ބުނަނީ ތެދުބަހުންނަނަމަ އަހުރެންގެ މިވާހަކަ އަޑުއަހާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
ތިމާ ލޯބިވަނީ ﷲ ތަޢާލާ ދެކެ ކަމަށާ ބޭނުންވަނީ ސުވަރުގެދާން ކަމަށް ބުނަނީ ތެދުބަހުންނަނަމަ އަހުރެންގެ މިވާހަކަ އަޑުއަހާށެވެ!: މުފްތީ މެންކް

ގިނައީ ނިކަމެތި ފަޤީރުންނަމަވެސް ތަނަވަސްކަން ލިބި ހިތްހަމަޖެހިގެން އުޅޭ މީހުންވެސް މަދެއްނޫނެވެ. އެމީހުން މުނިފޫހި ފިލުވާ ސީރީޒްތައް ބަލަން ޓީވީ ޗެނެލްތަކަށް ބޮޑު ޚަރަދުކުރެއެވެ. މިޔުޒިކް ޝޯއެއް ނުވަތަ ކުޅިވަރު ހަފްލާއެއް ބާއްވާނަމަ ނުވަތަ ސިނަމާއެއްގައި ފިލްމެއް އަޅުވައިފިނަމަ ކިތަންމެ ބޮޑު ޚަރަދެއްކޮށްފައިވެސް އެކަންކަމުގައި ބައިވެރިވެއެވެ. އެކަންކަމުގައި ބައިވެރިވުމުން ޢާޚިރަތް ދުވަހު އެއްވެސް މަންފާއެއް ނުކުރާނެކަން ރަނގަޅަށް އެނގިތިބެއެވެ. ލިބޭނީ ގެއްލުންކަން ވެސް ރަނގަޅަށް އެނގިތިބެއެވެ. 

އަހަރެމެން އެންމެންވެސް (އެންމެހައި މުސްލިމުން) އަބަދުވެސް ބުނަނީ ﷲ ތަޢާލާގެ ރަޙްމަތްފުޅަށް އެދޭ ކަމަށެވެ. އިންތިހާއަށް ﷲ ތަޢާލާގެ ރަހްމަތްފުޅު ބޭނުންވާ ކަމަށެވެ! ނަމަވެސް ﷲ ތަޢާލާ މަތިވެރިކުރުމަށް ނުވަތަ ޛިކްރް ކުރުމަށް ބޭއްވޭ މަޖިލިސްތަކުގައި ބައިވެރިވަނީ މަދު މީހެކެވެ. އަމިއްލަ ޖީބުން އެއްވެސް ޚަރަދެއް ނުކޮށް ހިލޭ ބައިވެރިވެވޭ އިރުވެސްމެއެވެ. އަދި ކީއްހެއްޔެވެ؟ 

ހަމައެއާއިއެކު ޓީވީ ޗެނެލްތަކުން ފޮނުވާ ދަރުސްތައް އަޑުއަހަނީވެސް މަދުބައެކެވެ. އަދި ކީއްހެއްޔެވެ؟ ކީރިތި ޤުރްއާން މާނަ އާއިއެކު ފޮނުވާއިރު އެ ވެސް އަޑުއަހަނީ ވަރަށް މަދު މީހެކެވެ! 

މިފަދަ މީހުން އަހަރެން މިދައްކާ ވާހަކަ ކަނުލައި އަޑުއަހާށެވެ! 

"ބައަކު ތަނެއްގައި ތިބެ ﷲ ތަޢާލާގެމަތިން ހަނދާން ކުރާނަމަ، ޛިކްރް ކުރާނަމަ މަލާއިކަތް ބޭކަލުން އެތަނެއްގައި ތިބި މީސްތަކުން ވަށައިލައްވައެވެ. އެތަނުގައި ތިބި މީސްތަކުންގެ ވާހަކަ ﷲ ތަޢާލާގެ ޙަޟްރަތަށް އުފުއްލަވައެވެ. 

އެތަނުގައި ހިނގައިދިއަ ކަންތައްތައް އެންމެ މޮޅަށް ދެނެވޮޑިގެންވުމާއިއެކުވެސް އެތަނުގައި ހިނގައި ދިއަ ކަންތައްތަކާއިބެހޭ ގޮތުން ﷲ ތަޢާލާ ސުވާލުކުރައްވަވަތެވެ. ޖަވާބުގައި މަލާއިކަތް ބޭކަލުން އެތަނުގައި ކުރި ކަމަކީ އިނބަ ﷲ ގެ މަތިން ހަނދުމަކުރުމާއި ޛިކުރުކުރުން ކަމަށް ދަންނަވާނެއެވެ. 

އެއަށްފަހު އެބައިމީހުން ތިމަން ﷲ ގެ ޙަޟްރަތުން އެދެނީ ކޮންކްމެއްތޯ ވެސް ސުވާލުކުރައްވަވާނެއެވެ. އެހިނދު މީސްތަކުން އިނބަ ﷲ ގެ ޙަޟްރަތުން އެދެނީ އެމީހުންނަށް ސުވަރުގެ ދެއްވެވުން ކަމަށް ދަންނަވާނެތެވެ. އެހިނދު "އެމީހުން ސުވަރުގެ ފެނިފައިވޭތޯ ﷲ ތައާލާ ސުވާލު ކުރައްވަވާނެތެވެ. ޖަވާބުގައި މަލާއިކަތުން ދަންނަވާނެތެވެ. "އެބައިމީހުންނަށް ސުވަރުގެ ފެނިފައިވީނަމަ އަދި މާބޮޑަށް ސުވަރުގެ އެދޭނެތެވެ." 

އެހިނދު "އެބައި މީހުން ތިމަން ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދެނީ ކޮން ކަމަކަށް" ތޯ؟ ﷲ ތަޢާލާ ސުވާލު ކުރައްވަވާނެތެވެ. ޖަވާބުގައި "އެމީހުން އިނބަ ﷲ ގެ ޙަޟްރަތުން އެދެނީ ނަރަކައިގެ އަލިފާނުން ސަލާމަތް ކޮށްދެއްވެވުމަށް" ދަންނަވާނެތެވެ. 

އެހިނދު "އެމީހުންނަށް ނަރަކަ ފެނިފައިވޭތޯ؟ އާއި އެބައިމީހުންނަށް ނަރަކަ ފެނުނު ނަމަ ކަންތައް ކުރާނީ ކިހިނަކުންތޯ؟" ﷲ ތަޢާލާ ސުވާލުކުރައްވަވާނެތެވެ. ޖަވާބުގައި "އެމީހުންނަށް ނަރަކަ ފެނިފައިވޭތޯ އާއި ފެނިފައިވާނަމަ ނަރަކައާއި ދުރަށް މާބާރަށް ދުވާނެ" ކަމަށް ދަންނަވާނެތެވެ. 

އެވާހަކަފުޅުތަކަށްފަހު މަލާއިކަތް ބޭކަލުން ހެކިކުރައްވަވައި އެ މަޖިލީހުގައި ތިބި އެންމެންގެ ކުށްތަކަށް ޢަފޫ ކުރައްވަވައިފިކަމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާނެތެވެ. 

އެހިނދު "އެވެނި މިވެނި މީހަކު އެތަނުގައި ތިބީ ދުނިޔަވީ ބޭނުމަކު" ކަމަށް މަލާއިކަތުން ދަންނަވާނެތެވެ. އެހިނދު ޢަފޫ ކުރެއްވެވީ އެމީހުންގެ ފާފަތަކާއިއެކުގައި ކަމަށް ﷲ ތަޢާލާ ވަޙީކުރައްވަވާނެތެވެ." މިއީ ޞަޙީޙް ޙަދީޘްފުޅުން އެނގެން ހުރި ކަންކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ބައްދަލުވުމެއްގައި ބައިވެރިވެގެން ތިބާގެ ފާފަތައް ފުއްސަވައިދެއްވެވުމުގެ ފުރުޞަތު އޮތްއިރު އެކަމަށް ނުއެދެނީ ކީއްވެގެން ހެއްޔެވެ؟ ތިބާއަށް ކުރެވިފައިވާ ފާފަތައް ހެޔޮ އަމަލުތަކަށް ބަދަލުކުރުމުގެ ފުރުޞަތު އޮތްއިރު އެމަތިވެރި ނިޢްމަތް ލިބިގަންނަން ފަސްޖެހެނީ ކީއްވެގެން ހެއްޔެވެ؟ 

ނިކަން ވިސްނައިބަލާށެވެ! އަހަރެމެން ﷲ ތައާލާގެ މަތިން ހަނދުމަކުރުމުން ﷲ ތަޢާލާ އަހަރެމެންގެމަތިން ހަނދުމަފުޅު ކުރައްވަވަތެވެ. އެކަމުގެ ދަލީލަކީ "ތިމަން ﷲ ގެ މަތިން ހަނދާންކުރާށެވެ. ތިމަން ﷲ ތިއަބައިމީހުންގެ މަތިން ހަނދުމަފުޅު ކުރައްވަވާނެ" ކަމަށް އޮތް ވަޙީ ބަސްފުޅެވެ. 

އަދިވެސް އެނގޭހެއްޔެވެ؟ މީހަކު ﷲ ތަޢާލާގެ މަތިން ހަނދާންކުރާނަމަ އެމީހަކާއިއެކު ﷲ ތަޢާލާ ވޮޑިގެންވާކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ! "މީހަކު ތިމަން ﷲ ގެ މަތިން ހަނދުމަކުރުމުގައި އެމީހާގެ ތުންފަތް ތެޅުވޭހައި ހިނދަކު ﷲ އެމީހަކާއިއެކު ވޮޑިގެންވެއެވެ. އެމީހަކު އެކަނި ހުރެ ތިމަން ﷲ ގެ މަތިން ހަނދުމަކުރާނަމަ ތިމަން ﷲ ވެސް ހަމައެފަދައިން އެމީހަކު މަތިން ހަނދުމަފުޅު ކުރައްވަވާހުށީމެވެ. މީހަކު ބައެއްގެ ތެރޭގައި ހުރެ ތިމަން ﷲގެ މަތިން ހަނދުމަކުރާނަމަ އެއަށްވުރެ މަތިވެރިކަން ބޮޑު މަޖިލީހެއްގައި ތިމަން ﷲ އެމީހެއްގެ މަތިން ހަނދުމަފުޅު ކުރައްވަވާހުށީމެވެ."  

އަހަރެން ބުނާނީ މިކަންކަން ތިބާއަށް އެނގުމަށްފަހު ތިބާގެ އުޅުމަށް ބަދަލެއް ނައިނަމަ ތިބާއަކީ ﷲ ގެ ރަޙްމަތްފުޅަށް އެދޭ މީހެއް ކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ. 

- މުފްތީ މެންކްގެ ދަރުސަކުން  

މިއަދު އޮންލައިން