އަންހެނުންގެ ތެރޭގައިވެސް އަދި ފިރިހެނުންގެ ތެރޭގައިވެސް ރަނގަޅު މީހުންނާއި ނުބައި މީހުން ތިބޭނެއެވެ. އެންމެންނަކީ ރަނގަޅަށް ކަންކަން ކުރާ ބައަކަށް ނުވާނެއެވެ. އަދި ނުބައިކޮށް ކަންކަންކުރާ ބައަކު ތިބުމަކީ އެންމެމެންނަކީ ނުބައި ބައެއްކަމަށް ނިންމައިގެންވާނެ ސަބަބެއްވެސް ނޫނެވެ. ވަރަށް ރަނގަޅަށް ކަންކަންކުރާ މީހުންވެސް ބައިވަރެވެ.
ރަނގަޅަށް ކަންކަން ކުރިނަމަވެސް ދިރިއުޅުމަކީ ބޮޑު ބިލާހަކަށްވެ ކަރުނައަޅަން އެބަޖެހެއެވެ. އެއީ ތިމާއަށް ގެންގުޅެވޭ ނިޔަތުގެ ސަބަބުންކަމަށްވުމަކީ ވަރަށް ގާތް ކަމެކެވެ. އެހެން އެވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި އިންސާނުންގެ ރުހުން ހޯދަން ނިޔަތްގަނެގެން މަސައްކަތްކުރެވޭތީއެވެ. އެއިރުން ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ދުރަށް ޖެހެވެނީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭނަމަ އެއްވެސް މީހެއްގެ ޙަޤީޤީ ރުހުމެއް ނުލިބޭނެއެވެ.
ހުރިހާ އިންށާނުންވެސް ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ ހަމައެކަނި ﷲ ތަޢާލާއަށް އަޅުކަންކޮށް އެކަލާނގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމަށެވެ. ވީމާ ކުރާ ކޮންމެ ކަމެއްވެސް އެނިޔަތުގައި ކުރާނަމަ ތިމާ ކުރާ ކޮންމެ ކަމެއްވެސް ވެގެންދާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކުރާ ކަމަކަށެވެ. އަޅުކަމަކަށެވެ.
އެކަން ތިއަ ލޮބުވެތި ކަނބަލުންގެ ސަމާލުކަމަށް ގެންނަން ބޭނުންވާވަރު ބޮޑުކަމުން މިވާހަކަތައް ދައްކައި މި ސުވާލު ވަރަށް ގިނައިން ކުރަމެވެ. އަހުރެންނަށް ކުރެވެން އޮތް ކަމަކީ ހަނދުމަކޮށްދިނުންކަމަށްވާތީއެވެ.
ލޮބުވެތި ކަނބަލުންނޭވެ! ތިއަ ކަނބަލުންގެ ތެރެއިން އެންމެ ހެޔޮކަންބޮޑީ އެކަނބަލެއްގެ ޙަޔާތް ދަރިންނަށާއި ފިރިމީހާއަށްޓަކައި ނުވަތަ އެނޫންވެސް މީހަކަށްޓަކައި ހޭދަކުރާ ކަނބަލުންނެއް ނޫނެވެ. އަދި އެމީހުންގެ ރުހުން ހޯދަން ހޭދަކުރާ ކަނބަލުންނެއްވެސް ނޫނެވެ.
ނިކަން ބުނެބަލާށެވެ! ތިމާ ޢިލްމު އުނގެނުނީވެސް، ދިރިއުޅެން މަސައްކަތްކުރަނީވެސް، ކައިވެނިކުރީވެސް، ދަރިން ހޯދީވެސް، ފިރިމީހާއަށާއި ދަރިންނަށް ޚިދުމަތްކުރީވެސް މިހެން ގޮސް ތިމާކުރާ ކޮންމެ ކަމެއް ކުރަނީވެސް ހަމައެކަނި ﷲ ތަޢާލާއަށްޓަކައި (ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދަން) ކަމަށް ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ހުއްޓިހުރެ ކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވަން ކެރޭނީ ކިތައް ކަނބަލުންނަށް ހެއްޔެވެ؟
މިރޭވެސް ބުނެލަން އޮތީ ތިމާ ކުރާ ކޮންމެ ކަމެއްވެސް ކުރަނީ ހަމައެކަނި ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެދިގެން ކަމަށް ހަދައިފި މީހަކަށް އަބަދުވެސް ދާނީ އުފާވެރިކަން ލިބެމުންނެވެ. އަދި ކަންދިމާވާ ގޮތަކުން ދެރަގޮތެއް މެދުވެރިވިނަމަވެސް ބަދަލުގައި މާބޮޑު އުފާވެރިކަމެއް ދެއްވަވާނެތެވެ! އިން ޝާ ﷲ
- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން