ކޮންމެ މީހަކުވެސް ކުރިއެރުން ބޭނުންވާނެއެވެ. ވަޒީފާއަދާކުރާނަމަވެސް އަމިއްލަ މަސައްކަތެއް ކުރިނަމަވެސް ކުރިއެރުން ބޭނުންވާނެއެވެ. ކުރިއެރުން ނުލިބޭނަމަ ދެރަވެ މާޔޫސްވާނެއެވެ. ނަމަވެސް ވަރަށް ހިތާމައާއިއެކު ބުނަންޖެހެނީ ކުރިއެރުން ލިބުމަށް އެންމެ މުހިންމު ސިފަ ގިނަ ބައެއްގެ ކިބައިގައި މިހާރު ނެތް ކަމަށެވެ.
އެއީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމެވެ. ހަމައެކަނި ކުރާ މަސައްކަތުގައެއް ނޫނެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައިވެސް އެމީހަކު ކުރިއަރައި ދަރަޖަ މަތިވެރިވާން އޮތީ ތެދުވެރިވެ އިޚްލާޞްތެރިވީވަރަކުންނެވެ. ފާފަތައް ކުރެވި ނުބައި މަގުން ދެވެނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަން ކުޑަވާތީއެވެ. ވީމާ ދުނިޔެއާއި އާޚިރަތުގައިވެސް ކާމިޔާބީ ޙާޞިލުކުރެވެން އޮތީ ތެދުވެރިވެ އިޚްލާޞްތެރިވެވުނުވަރަކުންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! ޢިބްރަތަކަށް ފުދޭނެއެވެ. އިން ޝާ ﷲ
އެއީ މިހާރުހެން މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރި ދުވަސްވަރެއް ނޫނެވެ. އެއިރު ރާއްޖޭގައި ބޭންކެއް ނުވެސް ހުރެއެވެ. މުސާރައަށް ލިބޭނީވެސް މަހަކު 30، 40 ރުފިޔާއެވެ. ބޮޑު ފިހާރައެއްގެ ވެރިމީހާ މުސްކުޅިވެ ފިހާރައަށް ގޮސް ކޮންމެ ދުވަހަކު ނުއުޅެވޭވަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. އެހެންވީމާ ކޮންމެވެސް މީހަކަށް ބޮޑުސޭޓުކަންދޭންޖެހުނެވެ.
ފިހާރައިގައި އެކަން ޙަވާލުކުރެވޭވަރުގެ 4 މީހުން ތިބެއެވެ. މިޖެހެނީ އެތަނުން އެކަކަށް ބޮޑުސޭޓުކަންދޭންވީމާ އެމީހަކު ކަނޑައަޅާނެ ގޮތަކާއިމެދު ސޭޓު ދިއައީ ވިސްނަމުންނެވެ. ދުވަސްކޮޅަކު ކަންކަން ބެލުމަށްފަހު އެއްރޭ ފިހާރަ ބަންދުކުރި ގަޑީގައި 4 މީހުންގެ ޙާޒިރުގައި އެކަކަށް ބޮޑުސޭޓުކަން ޙަވާލުކޮށްފިއެވެ.
ދެން ތިބި 3 މީހުން މޫނުކުނިކޮށްލީމާ އޭނާ އެކަންކުރިގޮތް ކިޔައިދިނެވެ. "ކަލޭމެން 4 މީހުންކުރެ އެކަކުވެސް ވައްކަމެއް ނުކުރެއެވެ. ނޫނީ ވައްކަންކުރިކަން އެނގިފައެއް ނެތެވެ. ނަމަވެސް އިޚްލާޞްތެރިކަން ހުރީ ޙަސަނުގެ އެކަންޏެވެ. ބޮޑުސޭޓަކަށް ޙަސަނު މިހަމަޖެއްސީ އެހެންވެގެންނެވެ.
އަޑުއަހާށެވެ. މިދިއަމަހު މުސާރަދިންއިރު ކޮންމެ މީހަކަށްވެސް ކޮންމެވެސް ވަރަކަށް ގިނައިން ދިނީމެވެ. ނަމަވެސް ފޮތުގައި ލިޔެފައި އޮންނާނީ އިތުރުކުރި ޢަދަދު ނުލައެވެ. 4 މީހުންނަށްވެސް އެނގޭނެއިރު އެކަން އެނގުމުން އަހަރެންގެ ސަމާލުކަމަށް އެކަން ގެނެސް އިތުރަށް ދިން ރުފިޔާ އަނބުރާ ޙަވާލުކުރަން މަސައްކަތްކުރީ ޙަސަނު އެކަންޏެވެ. ވީމާ އަހަރެންކުރި އިމްތިޙާނުން ފާސްވީ ޙަސަނެވެ.
އިތުރަށް ދިން ރުފިޔާގެ ވާހަކަ ނުބުނެ ބޭނުންކުރުމަކުން މައްސަލައެއް ނެތެވެ. ލިބުނީ އަހަރެން ދިނުމުން ކަމަށްވީމައެވެ. ނަމަވެސް އިތުރަށް ދެވުނުކަން ނުބުނެ ބޭނުންކުރީމަ އެވާގޮތަކީ އިޚްލާޞްތެރިކަމެއް ނެތީއެވެ. ވީމާ ދެންވެސް އެކަމަށް ވިސްނައިގެން އުޅޭށެވެ. ﷲ ކުރިއެރުން ދެއްވަވާނީ އިޚްލާޞްތެރިންނަށެވެ. ތެދުވެރިންނަށެވެ."
މިއަދުނޫހުގެ ކިޔުންތެރިންނަށާއި އަދި ޢާންމުކޮށް އެންމެންގެ ގާތުގައިވެސް ބުނެލަން ބޭނުންވަނީ މިއަދު ބޭބެގެ އުމުރުން މިވަނީ 80 އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. މުޅި ޢުމުރުގައިވެސް ބޭބެއަށް ފެނުނު ކަންކަމުގައި އަބަދުވެސް ކުރިއަރައިގޮސްފައިވަނީ އިޚްލާޞްތެރިންނެވެ. އިޚްލާޞްތެރިކަން ނެތްނަމަ ކޮންމެވެސް ހިސާބަކުން ކޮނަމެވެސް ކަމެއް ކުރިމަތިވެ މީހާ ނިކަމެތިވެގެންދެއެވެ. ތިއަކުދިންނަށްވެސް ކަންކަން ރަނގަޅަށް ބަލައިފިނަމަ ބޭބެ މިބުނީ ތެދެއްކަން އެނގޭނެއެވެ. ވީމާ އަޅުކަމުގައިވެސް ދިރިއުޅުމުގައިވެސް އެންމެ ކުރިއަށް އިޚްލާޞްތެރިކަން ނެރޭށެވެ. ޙަޤީޤީ، ފައިދާހުރި ކުރިއެރުން ލިބޭނީ އެއިރުންނެވެ.
- އިބްރާހީމް ފުޅު / މިއަދުނޫހުގެ ކިޔުންތެރިއެއް