ތިމާ ހުރި ޙާލަތުން ހިތްނޭދޭ ޙާލަތަކަށް ބަދަލުކުރައްވަވަނީ މާރަނގަޅު ޙާލަތެއް މިންވަރުކުރައްވަންކަން ޔަޤީންކުރޭ! މިކިޔައިދެނީ އެކަން މެދުވެރިވާ ސަބަބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ތިމާ ހުރި ޙާލަތުން ހިތްނޭދޭ ޙާލަތަކަށް ބަދަލުކުރައްވަވަނީ މާރަނގަޅު ޙާލަތެއް މިންވަރުކުރައްވަންކަން ޔަޤީންކުރޭ! މިކިޔައިދެނީ އެކަން މެދުވެރިވާ ސަބަބު!

ނިކަމެތިކަމެއް ލިބުމުން ނުވަތަ ހިތްދަތި ގޮތެއް މެދުވެރިވުމުން އެޙާލަތުކުރިމަތިވީ ﷲ ތަޢާލާ ތިމާއާއިމެދު ރުހިވޮޑިނުގަތުމުންކަމަށް ވިސްނޭ ބައަކު އުޅެއެވެ. އެފަދަ ގޮތަކަށް ވިސްނުމުން ދިރިއުޅުމާއިމެދު މާޔޫސްވެ އަމިއްލައަށް ނިކަމެތިވެގަންނަ ބައަކު އުޅެއެވެ. އެގޮތަށް ނިކަމެތިވެގަތުމަށްފަހު ތިމާގެ ބަލިކަށިކަމުން އަރައިގަންނަން ނަފްސާނީ ފަރުވާހޯދާ ބައަކު އުޅެއެވެ. 

ބުނަން ހެއްޔެވެ؟ އެޙާލަތުގައި ފުރަތަމަވެސް ވިސްނައި މިންއަޅަންވީވެސް ކިރަންވީވެސް ﷲ ތަޢާލާ ތިމާއަށް ދެއްވަވާފައިވާ ނިޢުމަތްތަކެވެ. ހަށިގަނޑުގެ ކޮންމެ ގުނަވަނަކީވެސް އަދި ކޮންމެ ތަންކޮޅަކީވެސް ދެއްވަވާފައިވާ އަގުހުރި ނިޢުމަތެކެވެ. އެނިޢުމަތްތައް ފުރިހަމަނަމަ ގުނަވަންތައް ފުރިހަމައަށް މަސައްކަތްކުރާނަމަ ތިމާއަށް އެހުރެވެނީ ނިޢުމަތްތައް ފުރިހަމައަށް ލިބިގެންނެވެ. 

ދެން އޮތީ ކުރިމަތިވި ކަންތައް، ނުވަތަ ޙާލަތު، ނުވަތަ މައްސަލައެވެ. އެއީވެސް ދެއްވެވި ނިޢުމަތެއްކަމަށް ދެކޭށެވެ. ކުރިމަތިކުރައްވަވާފައި މިވަނީ ބޮޑުރަޙްމަތެއް ކަމަށް ޤަބޫލުކުރާށެވެ! މިއުޅެނީ ތިމާއަސް ކުރިން ހުރެވުނު ޙާލަތަށްވުރެ މާރަނގަޅު ޙާލަތެއް މިންވަރުކުރައްވަވަންކަން ޔަޤީންކުރާށެވެ. 

މިޘާލަކަށް ތަނެއްގައި މަސައްކަތްކުރާ މުވައްޒިފެކެވެ. ކުރިއެރުން ލިބޭނީ ތިމާ ކުރިން ހުރި މަޤާމުން އެހެން މަޤާމަކަށް ބަދަލުވެގެންނެވެ. އެބަދަލު އަންނާނީ ކުރިން ހުރި މަޤާމު ގެއްލިގެންނެވެ. އެމަޤާމުގައި ހުރިނަމަ ހުންނަންޖެހޭނީ އަބަދުވެސް އެއް މަޤާމެއްގައެވެ. 

ވީމާ ކުރިން ހުރި ޙާލަތަށް ބަދަލު އައުމަކީ ލިބޭ ދެރައެއްކަމަށް ހީވެސްނުކުރާށެވެ! މިއުޅެނީ މާރަނގަޅު ޙާލަތަކަށް ބަދަލުވެވެންކަން ޔަޤީންކުރާށެވެ! ޝުކުރުވެރިވާށެވެ! ލިބެން އުޅޭ ކުރިއެރުމަށް އުންމީދުކުރާށެވެ! އުފާވެރިކަމާއި ހިތްހަމަޖެހުން ލިބޭނީ އެއިރުންނެވެ. މިނޫން ގޮތަކަށް ވިސްނައި މިއުޅެނީ ތިމާ އިތުރަށް ނިކަމެތިވާންކަމަށް ޤަބޫލުކުރުމަކީ ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑައިލުމެވެ. އެއީ މީހަކަށް ހެދޭނެ އެންމެ ބޮޑު ގޯހެވެ. އެބޮޑު ގޯސް ނުހަދާށެވެ. އެއިރުން ލައްވަވާ ރަޙްމަތް މާބޮޑުވފާނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން