ހަނދުމަކޮށްދިނުމެއް!: ޙައިޟުވެރިންނާއި ނިފާސްވެރިން ކީރިތި ޤުރްއާން ކިޔެވުން ހުއްދަވެފައި ޖުނުބުވެރިންނަށް ކިޔެވުން ހުއްދަނުވާ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ހަނދުމަކޮށްދިނުމެއް!: ޙައިޟުވެރިންނާއި ނިފާސްވެރިން ކީރިތި ޤުރްއާން ކިޔެވުން ހުއްދަވެފައި ޖުނުބުވެރިންނަށް ކިޔެވުން ހުއްދަނުވާ ސަބަބު-

ޙައިޟުވެރިކަމުންނާއި ނިފާސްވެރިކަމުން އަދި ޖުނުބުވެރިކަމުންވެސް ޠޯހިރުވެވެން އޮތީ ހިނައިގަނެގެންނެވެ. އެކަމަކު ޙައިޟުވެރިންނާއި ނިފާސްވެރިން ކީރިތި ޤުރްއާން ކިޔެވުން ހުއްދަވެފައި ޖުނުބުވެރިންނަށް ކިޔެވުން ހުއްދަނުވަނީ ކީއްވެގެންތޯ؟  

މިއީ ވަރަށް ގިނައިން ކިޔުންތެރިން ކުރައްވާ ސުވާލަކަށްވާތީ ޖަވާބެއްގެ ގޮތުން ދަންނަވަމެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން އެކަށީގެންވާ ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

ކީރިތި ޤުރުޢާން ކިޔެވުމުގެ އެންމެ މުހިއްމު އެއް އަދަބަކީ ޤުރުޢާން ކިޔަވާއިރުގައި މީހާ ޠާހިރުވެގެން ހުރުމެވެ! މާނައަކީ ޖުނުބުވެރި ހާލަތުގައި ހުރެގެން ޤުރުޢާން ކިޔަވައިގެނެއް ނުވާނެއެވެ. ސަބަބަކީ ޖުނުބުރި ހާލަތުގައި ހުރުމުން އެމީހަކަށް އެމީހަކަށް އެ ހުރެވެނީ ނަޖިސް ހާލަތެއްގައެވެ. 

އޭނާ ފެންވަރައިފިކަމުގައިވަނީނަމަ (ހިނައިގެންފިނަމަ) އޭނާގެ ޖުނުބުވެރި ހާލަތުން އޭނާއަށް ސަލާމަތްވެވޭނެއެވެ. އެހެންވީމާ ޤުރުޢާން ކިޔަވަން ގަޞްތުކުރާ މީހާ ޖުނުބުވެރިކަމުން ޠާހިރުވާންއެބަޖެހެއެވެ. 

ހައިޟު ނިފާސްވެރިން، އެމީހުންނަށް ޤުރުޢާން ކިޔެވިދާނެއެވެ. ސަބަބަކީ އެނިފާސްކަމުން ނުވަތަ ހައިޟުގެ ލެއިން ސާފުވުން އެއީ އެމީހުންގެ އަތްމަތީގައި އޮތްކަމެއްނޫން ކަމުގައިވާތީއެވެ. ޖުނުބުވެރިޔާ އަކީ އަމިއްލައަށް އިޚްތިޔާރުގައި ހިނައިގަތީމާ އޭނާގެ ޖުނުބުވެރިކަން ކަނޑައިގެންދާނެ މީހަކަށްވާތީއެވެ. 

އެހެންނަމަވެސް ހައިޟުވެރިޔާ އަދި ނިފާސްވެރިޔާއަށް ބަލައިފިނަމަ އެމީހުންނަށް ޠާހިރުވެވޭނީ އެމީހުންގެ ލޭ ކެނޑުނު ދުވަހަކުންނެވެ. އެއީ އެމީހުންގެ އަމިއްލަ ބާރުގައި އޮންނަ ކަމެއްނޫނެވެ. އެހެންކަމުން ހައިޟު ނިފާސްވެރިންނަށް މުސްޙަފުގައި އަތްނުލައި ޤުރުޢާން ކިޔެވިދާނެއެވެ. އެގޮތުން  ފޯނުން ބަލައިގެން، ހިތުން ނުވަތަ އައިޕެޑުން ނުވަތަ ކޮމްޕިއުޓަރުން ނުވަތަ އެނޫންވެސް އެއްޗެއް ބޭނުންކޮށްގެން އެމީހުންނަށް ޤުރުޢާން ކިޔެވުމަކީ އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަމުގެ ހުއްދަ ދެއްވާފައިވާކަމެކެވެ.  

"އަދި އެގޮތަށް ކިޔެވިކަމުގައި ވީނަމަވެސް އެކަނބަލުންނަށް އިރާދަކުރެއްވިއްޔާ ހަމަ ޤުރުޢާން ކިޔެވުމުގެ ދަރުމަ އާއި ޘަވާބު ﷲ ސުބްޙަންހޫ ވަތަޢާލާދެއްވާނެ އިން ޝާ ﷲ ތަޢާލާ." 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިއަދުނޫހަށް ދެއްވާފައިވާ ޚާއްޞަ ދަރުސަކުން

 

 

މިއަދު އޮންލައިން