މިއީ މުއުމިނަކު ކޮންމެ ކަމަކަށް އެދިގެން ކުރިނަމަވެސް ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެކަން ޙަދީޘުން ސާބިތު ދުޢާއެއް!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 25ސ
މިއީ މުއުމިނަކު ކޮންމެ ކަމަކަށް އެދިގެން ކުރިނަމަވެސް ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެކަން ޙަދީޘުން ސާބިތު ދުޢާއެއް!: ޢުމަރު ސުލައިމާން

އަޅުގަނޑަށް މިއުޅެނީ ވަރަށް ބޮޑު ކަމެއް ކުރިމަތިވެގެންނެވެ. ކަމުގެ ބޮޑުކަމުން ބުނަންވެސް އުނދަގުލެވެ. މިބާވަތުގެ ކަމެއް ކުރިމަތިވުމުން ކުރަން އޮތް ރަނގަޅު ދުޢާއެއް ބުނެދެއްވަފާނަންތޯ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ބޮޑެތި ކަންކަން ކުރިމަތިވުމުން ކުރާނެ ދުޢާ ވަރަށް ގިނައެވެ. ނަމަވެސް ކަމެއް ބުނަން އުނދަގޫވުމުން މިބުނެދެނީ މުއުމިނަކު ކޮންމެ ކަމަކަށް އެދިގެން ކުރިނަމަވެސް ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެކަން ޙަދީޘުން ސާބިތު ދުޢާއެކެވެ.   

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! 

މިވާހަކަ ފަށާނީވެސް މދުޢާގެ މުހިންމުކަން އަނގައިދޭ ވަރަށް މުހިންމު ޙާދިސާޢަކުންނެވެ.ޞަޙާބީން އެދުޢާއަށް ކިހައިވަރެއްގެ ސަމާލުކަމެއް ދެއްވެވިކަން ބަޔާންކޮށްދޭ ވާހަކައަކުންނެވެ.  

އެއް ދުވަހަކު ސާދް ބިން އަބީ ވައްޤާސް (ރޢ) މިސްކިތްކޮޅަށް ވަޑައިގެންނެވިއިރު ޢުޘްމާން ބިން ޢައްފާން (ރޢ) މިސްކިތްކޮޅުގައި އިންނެވިއެވެ. ޢުޘްމާން ބިން ޢައްފާން އާއި ހަމައަށް ވަޑައިގެން ސަލާމް ގޮވައިލެއްވެވުމުން ރައްދެއް ނުދެއްވެވިއެވެ. އެހިނދު މިސްކިތްކިތްކޮޅުގައި މުސްލިމުންގެ އެއިރުގެ ޚަލީފާ ޢުމަރުގެފާނު އިންނަވަނިކޮށް ސާދްގެފާނު ވަޑައިގެން އެކަމުގެ ޝަކުވާ ހުށަހެޅުއްވިއެވެ.  

ވިދާޅުވެ ސުވާލުކުރެއްވެވިއެވެ! "މުސްލިމުންގެ ތެރެއަށް ކަންތައްތަކެއް އިތުރުވީތޯއެވެ؟ / އެއީ ކޮން ކަންތައްތަކެއްތޯއެވެ؟  

ޢުމަރުގެފާނު އެފަދަ ކަމެއް ނުވާކަމަށް ވިދާޅުވެ، ސުވާލުކުރެއްވެވި މަޤްޞަދު އޮޅުން ފިލުއްވަވަން ސުވާލުކުރެއްވެވުމުން ސާދްގެފާނު ވިދާޅުވިއެވެ. "ދެންމެ ވަޑައިގަންނަވަމުން ޢުޘްމަންގެ ބިން ޢައްފާން އާއި އަރައި ހަމަވެވަޑައިގެން ސަލާމް ގޮވާލެއްވެވުމުން އިޖާބައެއް ނުދެއްވެވިއެވެ."  

ޢުމަރުގެފާނު ވަގުތުން ޢުޘްމާން ބިން ޢައްފާން އަށް ވިދާޅުވެ ގެންނަވައި ސާދްގެފާނު ކުރައްވަވާ ޝަކުވާގެ މައްސަލަ ހުށަހެޅުއްވެވިއެވެ. އެހިނދު ޢުޘްމާން ބިން ޢައްފާން ވިދާޅުވީ އެދުވަހު ސާދުގެފާނު ދެކެވަޑައިވެސް ނުގަންނަވާ ކަމަށާއި ސަލާމް ގޮވާލެއްވި އަޑުވެސް ނުއައްސަވާ ކަމަށެވެ.  

ޢުމަރުގެފާނަށް މިކަންވީ ވަރަށްބޮޑު ކަމަކަށެވެ! އެހެނީ ސާދްގެފާނާއި ޢުޘްމާން ބިން ޢައްފާން އަކީވެސް ރަސޫލް ()ގެ އެހައި އަރިސް 2 ޞަޙާބީންނެވެ! އެންމެފަހުން ހުވާކުރައްވާ ހާލަތަށް ދިއުމުން ސާދްގެފާނު އިތުރު ތަފްޞީލް ވިދާޅުވިއެވެ. ވަގުތާއި އިންނެވި ގޮތާއި މިސްކިތްކޮޅުގައި އިންނެވިތަނާއި ހުރިހާ ތަފްޞީލެއް ސާދްގެފާނު ވިދާޅުވަމުން ގެންދެވިއިރު  ޢުޘްމާން ބިން ޢައްފާން ވިދާޅުވަމުން ގެންދެވީ "އަސްތަޣްފިރުﷲ ވައަތޫބް އިލައިހި" (މިއަޅާގެ ފާފަތައް ފުއްސަވައި ދެއްވަވާނދޭވެ!) މިފަދައިންނެވެ.  

އަދި ވިދާޅުވިއެވެ. "ތިއަ ވަގުތަކީ ދުޢާ އަކާއިމެދު ވަރަށް ބޮޑަށް އިސްނަން އިން ވަގުތެކެވެ. އެއީ އެއްދުވަހަކު އެދުޢާކޮށްފިނަ ކޮންމެ ބޭނުމެއްވެސް ފުއްދަވައި ދެއްވަވާނެ ދުޢާ އެއްގެ ވާހަކަ ރަސޫލް () ޙަދީޘްފުޅު ކުރެއްވެވި އަޑުފުޅު އެއްސެވީމެވެ. އެހެންވެ މަސައްކަތް ކުރަމުން ގެންދިއައީ އެއީ ކޮން ދުޢާއެއްކަން ހަނދާންކުރުމަށެވެ!"  

އެހިނދު ސާދުގެފާނު ވިދާޅުވިއެވެ. ތިއަ ދުޢާ ތިމަންކަލޭގެފާނު ވިދާޅުވެދެއްވަފާނަމެވެ. އަދި ވިދާޅުވިއެވެ. "ތިއަކަންވީ ގޮތަކީ އެހިސާބަށް ޙަދީޘްފުޅުކުރެއްވެވިތަނާ ބޭރުން ބައަކު މިސްކިތކޮޅަށް އައީއެވެ. ދެން އެހިސާބުން އެމީހުންގެ ކަންކަމުގައި އުޅުއްވަވަން ހައްދަވައިގެން ދުޢާ ވިދާޅުވެދެއްވަން ރަސޫލް () ހަނދުމަފުޅު ނެތުނީއެވެ. މިސްކިތްކޮޅުން ނުކުމެވަޑައިގެން ގަނޑުވަރަށް ވަޑައިގަންނަވަން ހިންގަވައިވަޑައިގަތުމުން ފަހަތްޕުޅުން ދިއައިމެވެ. އެއީ ހަމަ އެ ދުޢާ އނގިވަޑައިގަތުމަށް އޮތް ޝައުޤްވެރިކަމެއްގ ބޮޑުކަމުންނެވެ. ރަސޫލް () ގަނޑުވަރުކޮޅަށް ވަދެވަޑައިގަންވަން އުޅުއްވެވުމުން ތިމަން ފަހަތްޕުޅުގައި ހުންނެވިކަން އިޝާރާތްކޮށްލީމެވެ.  

ދެން ކާކުކަން އޮޅުންފިލުއްވެވުމަށްފަހު ވަޑައިގެންނެވި ބޭނުމަކާއިމެދު ސުވާލު ކުރެއްވެވިއެވެ. ތިމަން ދެންނެވީމުއެވެ. މިސްކިތުގައި މިއަދު ވިދާޅުވެ ދެއްވަވަން އުޅުއްވެވި "ކޮންމެ ކަމަކަށް އެދިގެން މުސްލިމަކު ކުރިނަމަވެސް ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެ ދުޢާ، ވިދާޅުވެ ނުދެއްވެވެނީސް ބައަކު އައިސްގެން ފަހުން ހަނދުމަފުޅު ނެތުނީ ކަމަށް ޤަބޫލުކުރެވެއެވެ. އެހެންވެ މިއައީ އެ ދުޢާ، ކޮންމެ ކަމަށް އެދިގެން ކުރި ނަމަވެސް ޢިޖާބަ ނުކުރައްވަވައި ދޫކޮށް ނުލައްވަވާނެ ދުޢާ ދަސްފުޅު ކުރެއްވެވުމަށެވެ.  

އެހިނދު ރަސޫލް () ޙަދީޘްފުޅު ކުރެއްވެވީ ޔޫނުސްގެފާނު މަހުގެ ބަނޑުގައި އޮންނަވައިގެން ކުރެއްވެވި ދުޢާއެވެ!

لَّا إِلَـٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ 

"އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސްޠޯހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ." 

މިދުޢާ އަކީ ހަމަ ކޮންމެ މީހަކު ކޮންމެ ކަމަކަށް އެދިގެންވެސް ކުރަން އޮތް ދުޢާއކެވެ. އިސްތިޣްފާރެކެވެ! ނިކަން ބަލައިބަލާށެވެ! މި ދުޢާގައި ޔޫނުސްގެފާނު އެއްވެސް ކަމަކަށް އެދިވަޑައިގެންފައެއް ނުވެއެވެ. ކުރެއްވެވިހައިވެސް ކަމަކީ ﷲ ތަޢާލާ ފިޔަވައި އެހެން އިލާހަކު ނުވާކަމާއި ﷲ ތަޢާލާގެ ހުސްޠޯހިރުވަންތަކަން ބަޔާންކުރެއްވެވުމާއި އަދި ކުށް ކުރެއްވެވިފައިވަނީ އެކަލޭގެފާނަށްކަން ޤަބޫލުކުރެއްވެވުމެވެ.  

ނިކަން ވިސްނައިލަބަލާށެވެ! އަހަރެމެން ﷲ ތައާލާއަށް ދުޢާ މިދަންނަވަނީ ދުނިޔޭގައި ތިވެގެންނެވެ. އަލިކަމުގެ ތެރޭގައި ތިބެގެންނެވެ. ޔޫނުސްގެފާނު މިދުޢާ ކުރެއްވެވީ ބޮޑު ބިޔަމަހެއްގެ ބަނޑުގައި ކަނޑުގެ އެންމެ އަޑީގައި އޮންނަވައިގެންނެވެ. ކަޅުކަން ގަދަ ކަނޑެއްގެ އެންމެ އޑީގައި އޮތް މަހެއްގެ ގޮހޮރުގެ އެތެރޭގައި ކަޅުކަން އެންމެ ގަދަ ހާލުގައި އިންނަވައިގެނެނެވެ.! ﷲ ތަޢާލާ އެވަނީ ކަޑުގެ އަޑިން 7 ވަނަ އުޑަށް އުފުލިގެން ދިއަ މި ދުޢާ ޢިޖާބަ ކުރައްވަވައިފައެވެ.  

މިދުޢާ އާއިމެދު އެންމެ ބޮޑު އުފާވެރިކަމެއް ލިބޭ އެއް ސަބަބަކީ މިއީ ހަމައެކަނި ޔޫނުސްގެފާނަށް އޮތް ދުޢާއެއް ނޫންކަމާއި ހުރިހާ މުއްމިނުންނަށްވެސް އޮތް ދުޢާއެއް ކަމުގައި ﷲ ތަޢަލާ ވަޙީކުރައްވަވާފައި އޮތުމުންނެވެ!  

"ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ މިއުމިން ތަކުން ސަލާމަތްކުރައްވަމެވެ." 0އަލްއަންބިޔާ: 88) 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ކުރިނަ މި ބަޔާންކުރިފަދައިން މިއީ ވަކިކަމެއް އެދިގެން ކުރަން އޮތް ދުޢާއެއް ނޫނެވެ. ކޮންމެ ކަމަކަށް އެދިގެންވެސް ކުރަން އޮތް ދުޢާއެކެވެ. ކޮންމެ މީހަކު ކޮންމެ ކަމަކަށް އެދިގެންވެސް ކުރަން އޮތް ދުޢާއެކެވެ.

 

- އިމާމް ޢުމަރު ސުވލައިމާންގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން